ފަލަސްތީނަށް އެހީވާން ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުން ލިބުނު އެހީ ފޮރިން މިނިސްޓަރާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު: މިހާރު އެ ފައިސާ ވަނީ އަންރުވާއާ ހަވާލުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 އޯގަސްޓް 2024 - 12:55
ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން އިއްޔެ ޖަމާކޮށްދީފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، އެ ފައިސާ ޖަމާކޮށްދިނީ މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ.
"އެ ފައިސާ ހަރަދު ކުރާނެ ޕްރޮޖެކްޓްތައް އަންރުއާ އިން އަދި ފައިނަލް ކުރާނެ. އެ ކަމަށް ދެ ތިން ދުވަސް ނަގާނެ. ޕްރޮޖެކްޓްތައް ފައިނަލް ވީމާ އަދި ބަޔާނެއް ވެސް ނެރޭނެ" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ފައިސާ ފޮނުވީ ޑޮލަރުންނެވެ. އެއީ 1.2 މިލިއަން ޑޮލަރެވެ. އެ ފައިސާ ޖަމާކުރި ޓީޓީގެ ކޮޕީއެއް ވެސް "މިހާރު" ގެ ނޫސްވެރިންނަށް ފެނުނެވެ.
ފައިސާ ނުފޮނުވާ ކަމަށް ބުނެ އިއްޔެ ފެތުރުނު ވާހަކަތައް ވެސް ސަރުކާރުން މިއަދު ދޮގުކުރި އެވެ.
ފަލަސްތީނަށް އެހީވާން ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުގައި ކުޑަކުއްޖަކު ފަންޑު ފޮއްޓަކަށް ފައިސާ ލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ޕީއެސްއެމުން އިންތިޒާމުކޮށްގެން އެ ޓެލެތޯން ބޭއްވީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12 ޖަހަންދެންނެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށި ބެހެއްޓީ އެ ދުވަހުގެ ހަވީރު 6 ޖަހަންދެންނެވެ. ނަމަވެސް ދަންވަރު 12 ޖަހަންދެން ފައިސާ ޓްރާސްފާކުރުން ކުރިއަށް ގެންދިޔަ އެވެ.
ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި ސްކޫލްތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ.
އެ ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަނޑުފޮށި ބެހެއްޓި އެވެ. އަދި އޮންލައިން ޓްރާންސްފާ ކުރެވޭ ގޮތަށް ވެސް ހެދި އެވެ.
ޓެލެތޯނަށް ލިބުނު ފައިސާ ގުނާފައި ވަނީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް" އިންނެވެ.
ފަލަސްތީނަށް އެހީވާ އދ. ގެ މި ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީ 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުލްފާ އާދަމް
22 August 2024
އެހީތެރިކަމުގެ ކޮންމެ މިންވަރަކީވެސް ފަލަސްތީންގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އެހީއެއް. ފަލަސްތީނަށް މިނިވަންކަން ދެއްވާށި. އަދި ނުބައި އިސްރާއީލްގެ ހަމަލާތަކުން ސަލާމަތް ކޮއްދެއްވާންދޭވެ. އާމީން
ހާނިމާ ޔޫސުފް
22 August 2024
މިކަހަލަ ކަންކަންވެސް ސިޔާސީ ކުރާތީ ދެރައީ. މީ އަހަރެމެންގެ މުސްލިމް އަހުންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކެއް. އެއްވެސް ހާލަތެއްގައި ވައްކަންކޮށް ހަޑި ހާވަން ކުރާ ކަންތައްތަކެއް ނޫން. ނިމިގެން މި ދިޔަ ފަންޑް ރައިސިންގް އިވެންޓް ފަދަ އިވެންޓްތައް ގިނައިން ބާއްވަންވީ ރާއްޖޭގައި.
އަހްމަދު ފާރިޝް
22 August 2024
އަހަރެމެންގެ މުސްލިމް އަހުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދޭވެން ވާނެ. މީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީންގެ އެހީތެރިވާން ތައްޔާރަށްކަން ދައްކުވައިދޭ ކަމެއް.
މަލަކާ
22 August 2024
މިކަހަލަ ގިނަ ފަންޑް ރެއިސިންގް އިވެންޓްތައް ބާއްވަންވީ. މުސްލިމް އަހުންނަށް ވެވެން އޮތް ހުރިހާ އެހީއެއް ފޯރުކޮއްދޭން ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް.
ޖިޔާމްް
21 August 2024
އެމްޑީޕީން ހީކުރަނީ އެމީހުން ގައުމު ދަވާލި ގޮތަށް އެހެންމީހުން ވެސް ކޮންމެ ކަމަކުން ކުރާނީ ވައްކަންކަމަށް. އެއްވެސް ކަހަލަ އަދަބެއް އަޚުލާގެއް ހުރި ބައެއްނޫން ތި އެމްޑީޕީއަކީ ހުވާ.
މަންޑޭ.
21 August 2024
ދިވެހި ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް މީ. އަދި ޓެލެތޯން ދިގު ކޮށްލި ނަމަ ސަޅިވީސް. ތިރީހަކަށް މިލިއަން ލިބުނީސް.
ގައިސް7
21 August 2024
ކަމަކީ ވަރަށް ލެޖިޓްކޮށް ކުރާ ކަމެއް. ޓްރާންސްޕޭރަންސީ މިވަރަށް ހުންނަން ވާނީ. އެއްވަނައިގެ ޓެލެތޯންއެއް
ޒަކްވާންް
21 August 2024
5 ހާހުން 50،000 އަށް އިތުރު ކުރުން އެއީ ވަރަށް ބަލައިގަނެވޭ ކަމެއް. މި ރާއްޖެއިން އެންމެ 5 ހާހެއް ވުރެ ގިނައިން ދެވެން ވާނެ
ރުހާމްް
21 August 2024
މިހެން ވާން ޖެހޭނެ. ރައްޔިތުން އެކަމެއްގަ އެއްބާރުލުން ދޭ ކަންކަމުގަ ވަރަށް ދެފުށް ފެންނަން ޖެހޭނެ
އަކްމަލް މުހައްމަދު
21 August 2024
މުއިއްޒްމެން މިދިޔަ ސަރުކާރުތަކުގެ ހެން ކަންކަން ނޮފޮރުވާނެ.