އިންޑިއާގައި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި ސިއްހީ ހިދުމަތްތެރިންނާއި އެކްޓިވިސްޓުން މުޒާހަރާގައި. -- ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2024 - 15:58
އިންޑިއާގެ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން އޮތް މިންވަރެއް ބަލަން ހާއްސަ ޓާސްކްފޯހެއް އުފެއްދުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި އަމުރު ނެރުނީ އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި އުމުރުން 31 އަހަރުގެ އަންހެން އިންޓާން ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު އިންސާފު ހޯދުމަށާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޑޮކްޓަރުން ދަނީ ހަޅުތާލުކުރަމުންނެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ތިން ފަނޑިޔާރުން ނެރުއްވި އަމުރުގައި ބުނެފައިވަނީ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައިގެ އަނިޔާވެރިކަމުގެ ސަބަބުން މުޅި ގައުމަށް ލިބިފައިވަނީ ސިހުމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑީވައި ޗަންދުޗޫދު އިއްވެވި އަމުރުގައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ޕްލޭނެއް އެކުލަވާލުމަށާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ތަންފީޒުކުރުމަށް އިސް ޑޮކްޓަރުންގެ "ނެޝަނަލް ޓާސްކް ފޯސް" އެއް އެކުލަވާލުމަށެވެ.
"ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ކުރާ އަނިޔާ އާއި ޖިންސީ އަނިޔާއާ ދެކޮޅަށް ސިއްހީ ހިދުމަތްދޭ ތަންތަނުގައި އިންސްޓިޓިއުޝަނަލް ސޭފްޓީ މިންގަނޑުތައް ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ކޯޓު އަމުރުގައިވެ އެވެ.
"އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްކާތެރިކަމުގެ ނިޒާމުތައް މަދުވުން ނުވަތަ ނެތުމުން، މެޑިކަލް ޕްރޮފެޝަނަލުން ވަނީ ނުރައްކަލަށް ހުށަހެޅިފައި."
"މެޑިކަލް ކެއާ ޔުނިޓްތަކުގައި ސެކިއުރިޓީ މުވައްޒަފުން ނެތުމަކީ އާދައިގެ ކަމަކަށް ވަނީ ވެފައި،" އަމުރުގައިވެ އެވެ.
ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނީ ޓީޗިން ހޮސްޕިޓަލުގެ ސެމިނާ ހޯލުން ކަމަށް ވާއިރު އޭނާ އެތަނަށް ދިޔައީ 36 ގަޑިއިރުގެ ދިގު ޝިފްޓެއްގައި އަރާމުކޮށްލަން ކަމަށް ވަނީ ބެލެވިފަ އެވެ. ޑޮކްޓަރުގެ އޮޓޮޕްސީން ވަނީ އޭނާ ރޭޕްކޮށްފައިވާކަން ކަށަވަރުވެފަ އެވެ. އާއިލާއިން ތުހުމަތުކުރަނީ އެއީ ގޭންގު ރޭޕެއް ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ ވަކީލު
20 August 2024
އިންޑިޔާގަ ސަރުކާރެއް ނޯވޭތަ؟ ސުޕްރީމް ކޯޓުން ދައުލަތުގެ އިދާރީ ކަންކަން ހިންގަންވީ ގޮތް ކިޔައިދޭންޖެހުމަކީ ނުވަތަ އެކަން ކުރުމަކީ ސަރުކާރާއި ޖުޑީޝަރީ ފައްތަރުވެ ވެރިކަން ހިންގާ ބާރަކީ ކޮބައިކަމާމެދު ސުވާލު އުފެދި އޮޅުން އަރާނެ ކަމެއް.