26 އޯގަސްޓް 2024 - 11:17
މެޑްރިޑް (އޯގަސްޓް 26) – އެތުލެޓިކޯ މެޑްރިޑްގެ ސަމޫ އޮމޯޑިއޮންގެ ސޮއި ހޯދުމަށް، ޗެލްސީން 40 މިލިއަން ޑޮލަރު ހުށަހަޅާފައި ވަނިކޮށް، އޭނާ ޕޯޓޯ އަށް ބަދަލުވެއްޖެ އެވެ.
މިދިޔަ ސީޒަނުގައި ރެއާލް ސޮސިއެޑާޑަށް ލޯނު އެއްބަސްވުމުގެ ދަށުން ކުޅުނު އޮމޯޑިއޮންގެ ޓްރާންސްފާއާ ގުޅޭގޮތުން ޗެލްސީ އާއި އެތުލެޓިކޯއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އޭނާ ޗެލްސީ އަށް ވިއްކާލަން އެތުލެޓިކޯއިން އެއްބަސްވި އެވެ. އެކަމަކު އެ ޓްރާންސްފާ ހަމަނުޖެހުނީ ޗެލްސީއަށް ބަދަލުވާން އޮމޯޑިއޮން ބޭނުން ނުވުމުންނެވެ.
އޭނާ ޕޯޓޯ އަށް ބަދަލުވީ 16 މިލިއަން ޑޮލަރަށެވެ. ޖޫން 2029 ގެ ނިޔަލަށް އޭނާ ވަނީ ޕޯޓޯއަށް ސޮއިކޮށްފަ އެވެ.
މި ވަގުތު ޕޯޓޯ އަށް އޮތީ އޮމޯޑިއޮންގެ ކޮންޓްރެކްޓްގެ 50 ޕަސަންޓެވެ. އެކަމަކު އަންނަ އަހަރު ޖުލައި މަހު އިތުރު 15 ޕަސަންޓް އެ ޓީމަށް ހޯދޭނެ އެވެ. އަދި ޖުލައި 2026 ގައި ވެސް ޕޯޓޯ އަށް އޭނާގެ ކޮންޓްރެކްޓް އިތުރު 15 ޕަސަންޓް މިލްކުކުރެވޭނެ އެވެ. އެ ދެ ސީޒަނުގައި ވެސް ކޮންމެ ސީޒަނެއްގައި ފަސް މިލިއަން ޑޮލަރު ޕޯޓޯއިން އެތުލެޓިކޯ އަށް ދޭން ޖެހޭނެ އެވެ.
އެ މުއްދަތު ނިމޭއިރު ޕޯޓޯއަށް މިލްކުކުރެވޭނީ އޮމޯޑިއޮންގެ ކޮންޓްރެކްޓްގެ 80 ޕަސަންޓެވެ. އެތުލެޓިކޯ އަށް 20 ޕަސަންޓެވެ. ޕޯޓޯއިން އެހެން ކްލަބަކަށް އޭނާ ވިއްކާލިޔަސް، އެ ޓްރާންސްފާ އަށް ލިބޭ ފައިސާގެ ތެރެއިން 20 ޕަސަންޓް އެތުލެޓިކޯ އަށް ދޭން ޖެހޭނެ އެވެ.
މީގެ އެއް އަހަރު ކުރިން ގިނަ ބަޔަކަށް އޮމޯޑިއޮން ނޭނގެ އެވެ. އެކަމަކު ސޮސިއެޑާޑްގައި މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާ އެކު އޭނާ އަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. އެހެން ކްލަބަކުން އޭނާ ގަންދަން ބޭނުންނަމަ، ޓްރާންސްފާގެ އަގަކީ 100 މިލިއަން ޑޮލަރު ކަމަށް ވެސް ޕޯޓޯއިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy