އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
28 އޯގަސްޓް 2024 - 16:57
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ މި މަހުގެ 15 ގައި ފެނަކަ ކުންފުނިން ގަތުމަށް ފިނޭންސް މިނިސްޓްރީއަށް ޕްރޮޕޯސަލެއް އެސްޓީއޯއިން ހުށަހެޅުމުން މި ހަފުތާގައި ސަރުކާރުން އެ ޕްރޮޕޯސަލް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ކުންފުނިން ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ އިންޓަރިމް ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.
އޭނާ ވިދާޅުވީ، އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުނި ކަމަށްވާތީ ފެނަކައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ފޯރުކޮށްދެނީ އެ ކުންފުނިން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ފެނޭ ފެނަކަ އާއި އެސްޓީއޯ ގުޅިގެން ވަރަށް ބޮޑު ސިނާޖީއެއް [ދެ ކުންފުންޏަށް ފައިސާ ބޮޑުވާނެ ގޮތެއް]. މުސްތަގްބަލުގައި އަޅުގަނޑުމެން ރާވާފައިވަނީ ޑީސަލްގެ ބަދަލުގައި ވަކި ޕްލޭނެއްގެ ދަށުން ރިނުވަބަލް އެނާޖީއަށް ދާން،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތައް ހިންގާ ކުންފުންޏަކަށް ވާއިރު، އެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައަށް ވެސް ފައިދާތަކެއް ހޯދޭނެ ކަމަށެވެ.
އެއް ކުންފުންޏަކުން އެސްޓީއޯއަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ.ފެނަކައިން ތެޔޮ ގަނެގެން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.
"ދަރަނި އިތުރުވީ ވަކި ހިސާބަކުން އައިސް ފެނަކައިން އެސްޓީއޯއަށް ޕޭމެންޓް ދިނުން ހުއްޓާލުމުން. އެކަމަކު އާ މެނޭޖްމެންޓުން އެކޮޅަށް ދެއްކޭ ވަރަކަށް ވަކި ޕްލޭނެއްގެ ދަށުން ޕޭމެންޓްތައް ލިބޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރެވިގެން އެފިޝެންސީ އާއި ކުޑަކުރެވޭ ކޮސްޓުން އަޅުގަނޑުމެންނަށް ދަރަނީގެ ބޮޑު ބައި ދިގު ރާސްތާއެއްގައި ރިކަވާ ކުރެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ އިތުރުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއާ އެކު ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ޝިމާދު ވިދާޅުވީ، ފެނަކައާ އެސްޓީއޯއިން ހަވާލުވުމަށްފަހު އެ ކުންފުނި "ރައިޓް ސައިޒު"ކޮށް އެ ކުންފުނީގެ ހަރަދުތައް ކުޑަ ކުރާނެ ކަމަށެވެ. އަދި ފެނަކައަށް އެންމެ ރަނގަޅު ސްޓްރަކްޗާއަކަށް ބަދަލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައިޓް ސައިޒު ބަލަން ޖެހޭ. މިހާރު ފެނަކައިގަ އެބަތިބި 7،000 އަށް ވުރެ ގިނަ މުވައްޒަފުން. އެއްފަހަރާ ގޮސް މުވައްޒަފުން ކަނޑާލާ ވާހަކައެއް ނޫން. ދެން އަޅުގަނޑުމެން ބަލާނަން މުވައްޒަފުންނަށް ރަނގަޅު އެހެން ގޮތްތައް ވޭތޯ،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފެނަކައިން އެސްޓީއޯއަށް ފައިދާ ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއްޅަބެ
29 August 2024
ތިހެން ނުބުނެފިއްޔާ ކަނޑާލާނެވިއްޔާ. ތިބޭފުޅާއަށްވެސް އެނގޭނެ ފެނަކައަކީ ވިޔަފާރިއަށްވުރެ ޚިދުމަތްދޭ ތަނެއްކަން. އަދި ކޮންމެ ސަރުކާރެއްގެވެސް އެންމެ ގިނަ ސިޔާސީ މަޤާމް ނުކިޔަސް ސިޔާސީ މީހުން އެންމެ ގިނައިން ލާ ތަން ކަން. އެހެންވީމަ ތިތަނުން ފައިދާއެއް ނެރެވޭނެ އެއްވެސް ގޮތެއް އެއީ ނެތްގޮތެއް. އެހެންނާ އެހެން ކުންފުނިތައްވެސް ހިނގާގޮތަށް މަސައްކަތާ އެކަށީގެންވާވަރަށް މުއައްޒަފުން ނަގާ. އެކަމެއްނުވާނެ. އެކަން ކޮށްފިއްޔާ ވ ގޯސްވާނެ.
މިހާލު
29 August 2024
ތިތަނުގަ އަމިއްލަ ވިޔަފާރި ކުރުމުގަ ތިތާގެ މުވައްޒަފުން އުޅެނީ.އެމީހުން ޖެހޭ ބޭރުކުރަން
ކަތްދައްތަ
29 August 2024
ފައިދާވޭ އަތްވެސްދާވޭ. އެސްޓިއޯއަށް މިޖެހެނީ ސަރުކޮރުގެ ކޮރުކުންފުނިތައް ބަލަހައްޓާން.
ދެއްވަމާގަލޯ
29 August 2024
ފެނަކަ ސައީދުގެ ދެއުޅިއެއްނުވާ ސިޔާސަތުގެ ސަބަބުން ފެނަކަ އެވަރަށް އަޑިއަށްދިޔައީ. އެމްޓިސީސީން ނެގި އަޑީތެލުގެ ވިޔަފާރީ ދިނީ ،،،،. ދަތުރުތަކާ ސަޕްލައިދިނީ ބޮޑެތި އަގުތަކުގަ ،،، ސސ. އެއީ ހަލާކުގެ ފެށުން
ޒިހާނިއޯ
28 August 2024
ކޮންމެހެން ނުޖެހޭ ރައްޔިތުންގެ ...ލ ކޖބޮއެގެން ކުންފުންޏަށް ފައިދާ ހޯދާކަށް. ތިޔަހާ އިހުލާސްތެރި ނަމަ ނިކަން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފައި ހިއްސާ ވިއްކާފައި މިނިވަން ބޯޑަކަށް ދޫކޮށްލަބަލަ. އެންމެނެއް މިތާ އެކި ނަންނަމުގައި ލިޔާ ބޮޓުންހާ ގަމާރެެއް ނުވާނެ. ތިއީ ހަމަ ވައްކަން ކުރަން އާމަގެއް ކޮށަނީ!!
އެސްޖޭ
28 August 2024
ޝިމާދުމެން ދަންނަ އެންމެން ތިޔަކަން ޤަބޫލުކުރާނެ
ފެންް ދީފަ ކަތިލީ
28 August 2024
ސައީދު އައިސް ފައިދާ ދައްކާފަ ތަން ހަލާކު ކޮށްލީ. ސައީދުއާއި ސައީދުގެ ބައިވެރިންގެ ތަނަށް ވަފާތެރިވިނަމަ މިހެން ނުވާނެ
ޢެޑިލް
28 August 2024
ކީކޭބުނާނީ... ތިހިރީ ވިއްޔަ ދައްކާ ކަނޑު ކޮސް ވާހަކަ....
ޫއަންރިއަލް
28 August 2024
އެހެންވީމަ ފެނަކަ ނުހިންގެނީދޯ؟ ފައިދާގަޔޯ ފެނަކަ މިހާރުވެސް ހިންގަނީ
ހަނީފް އިމްތިޔާޒް
28 August 2024
އެސްޓީއޯ ކަހަލަ ވަރުގަދަ ކުންފުންޔެއްގެ ދަށަށް ލުމުން ކުރިޔަށް ދާނެ. ދެން ފެނާކާވެސް ރަނގަޅު ވާނެ