"އަނުޕާމާ"ގައި އަނުޕާމާގެ ރޯލު ކުޅޭ ރުޕަލީ ގަންގުލީ އަދި ވަންރާޖުގެ ރޯލު ކުޅޭ ސުދާންޝޫ ޕާންޑޭ.
29 އޯގަސްޓް 2024 - 06:15
ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ ސިލްސިލާ "އަނުޕާމާ"ގައި މުހިންމު ރޯލެއް ކުޅޭ އެކްޓަރެއް ކަމަށްވާ ސުދާންޝޫ ޕާންޑޭ އެ ޑްރާމާ އިން ވަކިވެއްޖެ އެވެ.
ސުދާންޝޫ "އަނުޕާމާ"ގައި ކުޅޭ ވަންރާޖު ޝާހުގެ ރޯލަކީ ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރޯލެކެވެ. އޭނާގެ އަކީ މި ޑްރާމާގެ ލީޑު ދެތަރިން ކަމަށްވާ ރުޕަލީ ގަންގުލީ (އަނުޕާމާ) އާއި ގޯރަވް ކަންނާ (އަނުޖް)ގެ މައިގަނޑު ދުޝްމަނެވެ.
އެ ޑްރާމާއިން ވަކިވިކަން ސުދާންޝޫ އިއްޔެ އިއުލާންކުރީ އޭނާގެ އިންސްޓަގްރާމް ލައިވްއެއްގަ އެވެ.
"މިދިޔަ ހަތަރު އަހަރު އަހަރެން އެންމެންނާ ކޮންމެ ދުވަހަކު މި ޑްރާމާއިން ބައްދަލުކުރިން. މި ޑްރާމާގައި އަހަރެން ކުޅޭ ރޯލަށް ލޯތްބާއި ނަފުރަތު ވެސް ލިބުނު. އެކަމަކު އެ ނަފުރަތަކީ ވެސް ގޮތަކަށް ލިބުނު ލޯތްބެއް. އަހަރެން ކުޅޭ ކެރެކްޓާ ބަލައިފައި މީހުން ރުޅި ނާންނަންޏާ އަބަދުވެސް ހީވީ އެ ރޯލު ރަނގަޅަށް ނުކުޅެވެނިއްޔޭ،" އޭނާ ބުންޏެވެ.
"ވަރަށް ބަރު ހިތަކާ އެކު ބުނަން އޮތީ އަހަރެން 'އަނުޕާމާ' އިން ވަކިވެފިން. ރަކްޝަ ބަންދަން އެޕިސޯޑަށް ފަހު އަހަރެން އެ ޑްރާމާއިން ވަކިވީ."
ސުދާންޝޫ ބުނި ގޮތުގައި، އެ ޑްރާމާއިން ވަކިވީ ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުމަށް ނިންމި ނިންމުންތަކެއް ސަބަބުންނެވެ. އިތުރު ތަފުސީލަށް ނުގޮސް ބުނީ އޭނާގެ މަސައްކަތްތަކަށް އަބަދުވެސް ލޯބި ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރުޕަލީ އާއި ގޯރަވް ވެސް އެ ޑްރާމާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް އެ ޚަބަރު ރިޕޯޓްކުރުމުން "އަނުޕާމާ"ގެ ޕްރޮޑިއުސަރު ރަޖަން ޝާހީ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އަނުޕާމާ" އަކީ ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ އެންމެ މަގުބޫލު އެއް ޑްރާމާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy