ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ސްޕޯޓްސް ކޮމިޝަނާގެ ނިންމުމާ ގުޅިގެން ރާއްޖެއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބީޑަބްލިއުއެފުން ދީފި

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކުރުމަށް، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ނިންމެވި ނިންމުން ބަލައިނުގަންނާނެކަމަށާއި އެގޮތުގައި ކުރިއަށްދާނަމަ ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދީފި އެވެ.

އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް ބީޑަބްލިއުއެފުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި، ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލު ކުރީ، މި އަހަރު ފަހުކޮޅު އެ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް މަގުފަހި ކުރުމަށް ތިން މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންދަނިކޮށެވެ. އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވައި ނިމެންދެން ބީއޭއެމްގެ ހިންގުމުގައި ދެމިތިބޭނީ އެންމެ ފަހުން އިންތިހާބުވި އެކްސްކޯ ކަމަށް އެމްއޯސީ އާއި ބީޑަބްލިއުއެފް އާއި ބީއޭއެމްގެ އެކްސްކޯ އެކު ކުރިއަށްދާ "ހެޔޮ ނިޔަތުގެ" މަޝްވަރާތަކުގައި އެއްބަސްވެފައިވާކަން ވެސް ބީޑަބްލިއުއެފްގެ އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

"މަޝްވަރާތަކުގައި އަހަރެމެން އެއްބަސްވެފައި ވާނީ ފުރުސަތު އޮތް ނަމަ މިހާރު ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯއިން އެ އެސޯސިއޭޝަންގެ ހިންގުމުގައި (އިންތިހާބު ބާއްވައި ނިމެންދެން) ދެމިތިބުމަށް. އެކަން އެގޮތަށް އެއްބަސްވީ ބެޑްމިންޓަނާ ގުޅޭ ކަންކަން ކުރަން އެންމެ ރަނގަޅީ ބެޑްމިންޓަންގެ މީހުން ކަމަށް ގަބޫލުކުރާތީ،" ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަންކަމާ ބެހޭގޮތުން ބީޑަބްލިއުއެފްގެ ސިޓީގައި ބުނެފައި ވެއެވެ.

ތޮލާލްގެ އެ ނިންމުމުގެ ސަބަބުން މައްސަލަ ހައްލުނުވެ އިތުރަށް ދިގުދެމިގެން ހިނގައިދާނެކަމުގެ މަންޒަރު ފެންނަކަމަށް ބީޑަބްލިއުއެފްގެ ސިޓީގައި ބުނެފައި ވެއެވެ. އެހެންވެ، މައްސަލަ ހައްލު ކުރުމަށް އިތުރަށް މަގުފަހި ކުރުމުގެ ގޮތުން ކޮމިޝަނާގެ އެ ނިންމުން މުރާޖާ ކުރުމަށް ބީޑަބްލިއުއެފުން އެދިފައި ވެއެވެ.

"ކޮމިޝަނަރުގެ ނިންމުން އަލުން މުރާޖާކޮށް އޭގެބަދަލުގައި ބީއޭއެމްގެ އިންތިހާބީ ލީޑާޝިޕާއި އެމްއޯސީ އަދި ބީޑަބުލިއުއެފުން އެއްބަސްވި ހައްލަކަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑުމެން އެދެން،" ބީޑަބްލިއުއެފްގެ ސިޓީގައި ބުނެފައި ވެއެވެ.

"އޭގެ މާނައަކީ އިންތިގާލީ މަރުހަލާގައި ބީއޭއެމްގެ (އެންމެ ފަހުގެ) އިންތިހާބީ ލީޑަޝިޕް ދެމިއޮތުން. މި އަހަރު ނިމުމުގެ ކުރިން އިންތިހާބަށް މަގުފަހިވާގޮތަށް ދުސްތޫރީ ހުށަހެޅުންތައް ހުށަހަޅަން [އަސާސީގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތަށް] ތިން މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެފެއްދުން."

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުމާ ގުޅޭ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމަކީ އެކަމުގެ ތެރެއަށް ސަރުކާރު ވަދެ ނުފޫޒު ފޯރުވުންކަމަށް ބީޑަބްލއިއެފުން ގަބޫލުކުރާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ. އަދި އެކަމަކީ އޮލިމްޕިކް ޗާޓަރާއި ބީޑަބްލިއުއެފްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

ބީއޭއެމްގެ އަސާސީގަވާއިދު އިސްލާހުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބީޑަބްލިއުއެފުން ބުންޏެވެ. އެކަމަކު ބީއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީއިރު ވެސް އެ އެސޯސިއޭޝަނަށް އިންތިހާބު ނުބޭއްވުނީ މައްސަލައިގެ ތެރެއަށް ސްޕޯޓްސް ކޮމިޝަނާ ވަނުމުންކަން ބީޑަބްލިއުއެފަށް އެނގިފައިވާކަން ވސް ސިޓީގައި ބުނެފައި އެވެ.

"އެހެންވީމާ، ބީ.އޭ.އެމްގެ ލީޑަރޝިޕާއި، އެމްއޯސީ އަދި ބީޑަބްލިއުއެފުން އެއްބަސްވެފައިވާ މަގުޗާޓު ބަލައިގަތުމަށް [ސްޕޯޓްސް] ކޮމިޝަނަރަށް ހުށަހެޅުއްވުމަށް އެމްއޯސީއަށް ދަންނަވަމެވެ.،" ބީޑަބްލިއުއެފްގެ ސެކްރެޓަރީ ޖެނަރަލް ތޯމަސް ލަންޑް ސޮއި ކުރައްވައި އޮލިމްޕިކް ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

ސްޕޯޓްސް ކައުންސިލަށް ބީއޭއެމްގެ ހިންގުން ހަވާލުކޮށްފައިވާ ނިންމުން ބަދަލުނުކޮށް ކުރިއަށްދާން ސްޕޯޓްސް ކޮމިޝަނަރު ނިންމަވައިފިނަމަ، ބީއޭއެމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ބެލެވޭތީ ރާއްޖެ އަށް ފިޔަވަޅު އަޅަން ބީޑަބްލިއުއެފްގެ ކައުންސިލަށް ހުށަހަޅަން ޖެހިދާނެ، ކަމަށް ސިޓީ ނިންމާލަމުން ލަންޑް ވިދާޅުވެފައި ވެއެވެ.

ބީއޭއެމްގެ ހިންގާކޮމިޓީގެ ބާރުކަނޑުވާލައި އެ އެސޯސިއޭޝަންގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލު ކުރި މައްސަލާގައި، ބީއޭއެމުން ވަނީ ސްޕޯޓްސް ކޮމިޝަނަރާ ދެކޮޅަށް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާތީ

30 August 2024

ތޮލާ ވީތަނެ އިގޭތަ ؟ މިހާރު ނޫހުން ބަލާދީބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454