މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: އޭނާއަކީ އަދަބު ލުއިކޮށް ދޫކޮށްލާފައި ހުރި މީހެއް
30 އޯގަސްޓް 2024 - 12:06
މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން މީހާއަކީ ޖަލު އަދަބު ލުއިކޮށް، މީގެ ދެ އަހަރު ކުރިން ދޫކޮށްލާފައިވާ މީހެއް ކަން އެނގިއްޖެ އެވެ.
އަންހެނަކު ރަހީނުކުރި މައްސަލާގައި ރޭ ހައްޔަރުކުރީ އާދަމް އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ. އޭނާއަކީ މީގެކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ.
ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަހްތަރުގެ ހުކުމް ލުއިކޮށް އޭނާ ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
ފުލުހުން ބުނި ގޮތުގައި އަތުހަރު ވަނީ، އަންހެމީހާ މާފަންނު ގެއެއްގައި ރަހީނުކޮށްގެން އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތް ކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދެމުން ދިޔަ ކަމަށެވެ.
އޭގެ ފަހުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް މަސައްކަތް ކުރި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެ އެވެ. އެކަމަކު ދެއްކި ވާހަކައެއް ވީޑިއޯއަކަށް ސާފެއް ނުވެ އެވެ. އޭގެ އިރުކޮޅެއް ފަހުން، ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލީ އެވެ.
އޭނާ ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ދެ މީހުންނަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ޖަލުން ދޫކޮށްލާފައިވާ އަތުހަރު ބޮޑު ކުށަކަށް އަރައިގަތް އިރު، ޕެރޯލް އާއި ކްލެމެންސީގެ ފުރުސަތުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކުރި އެވެ. އެ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، އެ ފުރުސަތު ދެވޭ އުސޫލު ހަރުކަށި ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މި އަހަރުގެ ފުރަތަމަ ހަތަރު މަހު 13 މީހަކަށް މާފުދީ އަދި އަދަބު ލުއިކޮށްދިނެވެ. ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން އެ މުއްދަތުގައި ރައީސް މުއިއްޒު މާފު ދެއްވާފައިވަނީ އެންމެ ކުށްވެރިއަކަށެވެ.
ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ. މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު، އެ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 274 މީހުންނަށް މާފު ދެއްވި އެވެ. އެއީ ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދިން ދިން 18 މީހަކާއި ރައީސް އިބޫގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މާފު ދެއްވި 256 މީހެކެވެ.
ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ފޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ އަހަރު 434 ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލާފައިވާތީ ކަމަށެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްވެރިން އަބަދުވެސް ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ނިޒާމުގެ ތެރޭގެ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޒިންމާދާރުކަމާ އެކު ތަންފީޒު ކުރަން ޖެހޭނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
31 August 2024
އެހެން ވެރިޔަކު ކުށްވެރިޔަކަށް މާފުނުދޭތޯ ނުވަތަ ނުދޭނެތޯ؟ އަދި މާފު ދިން މީހަކު ދެން ކުށަކަށް އަރައި ނުގަންނާނެތޯ؟ އަހުރެމެނއނަކީ ތެދުބަހުން ވާހަކަދައްކާ ބަޔަކަށް ވަމާ؟
އޮނަރަބްލް ޑީޑީ ކާފަ
30 August 2024
ރައީސުންނަށް ޤާނޫނުން ލިބިދޭ ބާރުގެ ތެރޭގައި ކުށްވެރިންނަށް ލުއިދިނުމާ އަފްއާމްދިނުން ހުއްޓުވުމަކީ ވަރަށް ބޭނުންތެރިކަމެއް. މިހެން ދަންނަވަން ޖެހުނީ ދާދިފަހުން ވިނަރެސް ފުލެޓްތައް ކައިރިން ބާރުސްޕީޑްގައި ކާރުދުއްވާ މީހެއްގެ ފުރާނަ ދުއްވާލާފަދަ ކަމެއްކުރި ކާރުތެރޭގައި ތިބި 3 މީހުންނަކީވެސް ސާލިހް ދޫކުރި 3 މީހުން. މި ވަޅިން ހަމަލަދޭ ހާދިސާގަވެސް ހަމަ އެމީހުން. ކިހާދެރަކަމެއް. މާދަން ކަތިލީމަ ބަލާއިރުވެސް ހަމަ ސާލިހް ދޫކުރިމީހުން.
ތުނޑުހަސަނު
30 August 2024
މީނާއަކީ ކޮންކޮށެއް ކޮށްގެން ކިހާ ދުވަހަކަށް ޖަލަށްލި މީހެއްބާ. ޙުކުމުގެ ބާކީ ކިތައްދުވަސްތޯ މަޢާފުކުރީ. މިހުރީ ލިޔުމުން އެނގެންޖެހޭ މަޢުލޫމާތު. އެކަމަކު މިވާހަކައެއްނެތް.
ވާހިޔާތު
31 August 2024
ހަކުރު ބުއިމުގެ ތުހުމަތުގަ ހައްޔަރުކުރިކަމަށްވަނީ، އެއް އަގަރުގެ ހުކުމެއް އައީ ބޮޑަށް ބެލެވެނީ ޔޫރިން ނުދީގެން ހެން.. ހުކުމުގެ 12 މަހުގެ ތެރެއިން 11 މަަސް ފާއިތުުވީފަހުން (ބާކީ އެއް މަސް އިންދާ) މާފު ދިނީ.. އެ ނުުދިން ނަމަވެދް މިނިވަން ވެގެން ނިކުންނާމެ 1 މަސް ފަހުން..
ރަންނަ
30 August 2024
ކުރި ބަޣާވާތުން އަރައިގަންން އަދި ލައްކަ އަހަރެއްނަގާނެ. މިކަން ގަބޫލުކުރާ މީހުން މަދުވާނެ. އެކަމަކު ހަމަ ބުއްދިން ޖަޒުބާތުގަ ނުޖެހި ވިސްނާލި ކޮންމެ މީހަކަށް އެކަން ފެށުނުގޮތާ ހިނގިގޮތާ ދެން ކަންތައްވަމުން މިއަންނަ ގޮތް ސާފުވާނެ
ޗައިނާ
30 August 2024
އެމްޑީޕީ ރާއްޖެ ފަސާދަ ކުރަން އުޅޭ ބައެއް
1122334444
30 August 2024
އެމްޑީޕީ ވެރިކަމުގަ ކުއްވެރިން ދޫކިއްލި
ދޫވާނެއޭ
30 August 2024
މައުމޫނު ވެރިކަމުގަ އެސޮރު އުފަންވެ ތަސައްރަފު ފުދި ޒުވާނަކަށްވީ.. އެހެންވީމަ މައުބެ ދޯ ޒިންމާ ނަގާނީ؟؟ އިބޫ މާފު ދިނީ އެސޮރަށް ހުކުމް ކޮށްފަ އޮތް 12 މަހުގެ ތެރެއިން 11 މަސް ނިމުނު ފަހުން.. މާފު ނުދިން ނަމަވެސް އޭގެ އެއްމަސް ފަހުން ހުކުމް ނިމި މުޖުތަމަޢުއަށް ދޫވެފަ ހުންނާނީ..
ލަނޑުދަޑި
30 August 2024
އެމީހުންލައްވާ މަގުތައް ހަދާބަލަ! ބަނދަރުތައް ހަދާ ބަލަ! ލޮނު އުފައްދަބަލަ! ކުރެވޭނެ ކަންތައް މަދެއްނުވާނެ…
ޙާދީ
30 August 2024
ސިޔާސީ އައްޑަނަ އަކަށް ހަދައިގެން މުޅި ޤައުމު ހަލާކު ކޮއްފިޔޭ
ނާޑުވާ
30 August 2024
މިއީ 2012 ގެ ބަޣާވާތުގެ ނަތީޖާ. މިހާރު ހަނދާން ނުހުރެދާނެ ޢަބްދުﷲ ޣާޒީ ހައްޔަރު ކުރި ސަބަބާ އެކަމާ ވިދިގެން ހިނގާ ދިޔަ ކަންކަން. މިއީ އަސްލު ދިވެހިން ބޭނުންވާ ދިވެހީންގެ ރާއްޖެ. މިތާ ބޭނުން މީހަކު ބޭނުން ކަމެއް ކޮށް ބޭނުން ގޮތަކަށް އުޅެންވީ.
ހަބީބާ
30 August 2024
އަދިވެސް ޝުކުރިއްޔާ އިބޫ ދެއްތޯ؟
ގަދަ
30 August 2024
ޝުކުރިއްޔާ ރައީސް ޔާމީން.
މުޖުތަމަޢު
30 August 2024
އިބޫ އެކަނި؟ ހުރިހާ ވެރިކަމެއްގަ ވެސް ކުށްވެރިންނަށް އަދަބު ލުއިކޮށް މާފުދެމުން ގެންދޭ.. އެއީ ޤާނޫނު ހުއްދަކުރާކަމެއް އަދި މުޅި ދުނިޔޭގަވެސް ކޮށް އުޅޭކަމެއް. އެހެން ނޫނަސް ތި މީހާއަކީ 1 އަހަރު ހުކުމެއްގަ ހުުރި މީހެއް.. 11 މަސް ޖަލުގަ ހޭދަކޮށްފަ ބާކީ 1 މަސް އޮތްވާ މިނިވަންކުރީ.. މާނައަކީ މާފު ނުދިން ނަަމަވެސް އޭނާ ހުންނާނީ ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމަޢުއަށް ދޫވެފައޭ..