ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން: ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ
28 ފެބުރުއަރީ 2017 - 16:39
ސޯލް (ފެބްރުއަރީ 28) - ސައުތު ކޮރެއާގެ ރައީސް ޕާކް ގުއެން ހައި މަގާމުން ދުރުކުރަން ޖެހުނު މައްސަލައިގައި ހިމެނޭ އަންހެން މީހާ ހިންގި ޖަމިއްޔާ އަށް ރިޝްވަތުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދިން ކަމުގެ ތުހުމަތުގައި ސެމްސަން ކުންފުނީގެ ނައިބް ރައީސް އަދި ކުންފުނީގެ ޗެއާމަންގެ މަގާމަށް ދެން ވަޑައިގަންނަވާ ލީ ޖައި-ޔަންގުގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓަރުން ބުނެފި އެވެ.
ސައުތު ކޮރެއާގެ ސްޕެޝަލް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ލީގެ އިތުރުން ކުންފުނީގެ ހަތަރު އެގްޒެކެޓިވުންނާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. ޕްރޮސެކިއުޓަރުގެ މި އިއުލާން ކުރުމާ އެކު މީގެ ތެރޭން ތިން އެގްޒެކެޓިވުން މިއަދު ވަނީ އިސްތިއުފާ ދީފަ އެވެ.
ކުރީގެ ރައީސް ޕާކުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެކަމަނާ މަގާމުން ދުރުކުރީ ވެރިކަމުގެ ތެރެއަށް ޗޮއި ސޫން-ސިލް ކިޔާ އަންހެނެއްގެ ނުފޫޒު މާބޮޑުކޮށްފައިވާ މައްސަލަ ފަޅާ އެރުމާ ގުޅިގެންނެވެ. ޕާކް ހެދުން އަޅުއްވާނެ ގޮތާއި ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ވެސް ޗޮއިގެ ނުފޫޒު ބޭނުންކޮށްފައިވެ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ނާޖާއިޒް ގޮތުގައި އޭނާ ވަނީ އެތައް ފައިސާއެއް ހޯދައިފަ އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައި ވަނީ ޗޮއި ހިންގި ޗެރިޓީ އަށް ސެމްސަން ކުންފުނީގެ ނައިބް ރައީސް ލީ 41 ބިލިއަން ވޮން (36 މިލިއަން ޑޮލަރު) ދީފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައި ވަނީ ލީގެ ބައްޕަ އަދި ސެމްސަން ކުންފުނީގެ ޗެއާމަން ލީ ކުން-ހީގެ ބަލި ހާލަތު ހުރި ގޮތުން ކުންފުނީގެ ހިންގުމުގެ ހުރިހާ ބާރެއް ލީގެ މައްޗަށް ބަދަލުކޮށް ދެ ކުންފުންޏެއް އެއްކޮށްލުމުގައި ސަރުކާރުގެ ތެރޭން ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވެ އެވެ. ސެމްސަން ކުންފުންޏަށް މި ބަދަލު ގެނެވޭނީ ޕެންޝަން ފަންޑުގެ ސަޕޯޓާ އެކު އެވެ.
ޕާލަމެންޓުގެ ތަހުގީގެއްގައި ސެމްސަން ކުންފުނިން ޑިސެމްބަރު މަހު ވަނީ ޚައިރާތުގެ ގޮތުގައި 20.4 ބިލިއަން ވޮން ދިން ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ބަދަލުގައި ނާޖާއިޒް އެއްވެސް ފައިދާއެއް ނުހޯދާ ކަމަށް ބުނެފައިވެ އެވެ.
ލީ އަކީ މިހާރު ސެމްސަން އިލެކްޓްރޯނިކްސްގެ ވައިސް- ޗެއާމަނެވެ. އެކަމަކު އޭނާގެ ބައްޕަ ލީ ކުން-ހީ އަށް 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން ސެމްސަން ގްރޫޕުގެ ވެރިއަކަށް ދެންވާނެ ކަމަށް ބެލެވެނީ ލީ އެވެ. މި މަހު ކުރީކޮޅުން ފެށިގެން ލީ ހުންނަނީ ފުލުހުންގެ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy