ދުނިޔެ / މަރުގެ އަދަބު

އަނބިމީހާއަށް މަރުގެ ހުކުމެއް އިއްވާތޯ ކާރުގައި ޑްރަގް ބެހެއްޓި ސިންގަޕޫރު މީހަކު ޖަލަށް

ސިންގަޕޫރުގައި އޮންނަ ޕޮންޑެއްގެ ކައިރީގައި ބަހައްޓާފައި ހުރި ގޮނޑިތަކެއްގައި ބަޔަކު އިށީނދެގެން: އެ ގައުމުގައި ފިރިހެނަކު އޭނާގެ އަނބިމީހާ މަރަން ހުކުމްކުރޭތޯ ބެލުމަށް ކާރުގައި ޑްރަގް ބެހެއްޓި މައްސަލައެއްގައި ވަނީ ޖަލަށް ލާފައި. -- ފައިލް ފޮޓޯ: އޭއެފްޕީ

01 ސެޕްޓެމްބަރ 2024 - 06:01

1 comments

އަނބިމީހާގެ މައްޗަށް މަރުގެ ހުކުމެއް އަންނަ ވަރުގެ ކުށެއް ސާބިތުވާ ގޮތަށް ފްރޭމްކުރުމަށް ކާރުގައި މަސްތުވާތަކެތި ބެހެއްޓި ސިންގަޕޫރު މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ޓާން ޝިއަންލޮންގް، 37، އޭނާގެ އަނބިމީހާ ފްރޭމްކުރުމަށް، އަނބިމީހާގެ ކާރުގައި ކެނަބިސް ފޮރުވާފައި ބެހެއްޓިކަން ސާބިތުވެ ބުރާސްފަތި ދުވަހު ޑިސްޓްރިކްޓް ކޯޓަކުން ހުކުމްކުރީ ތިން އަހަރާއި 10 މަސް ދުވަހަށް ޖަލަށް ލުމަށެވެ.

އާއިލީ ކަންކަމަށް އަނބިމީހާ އެކަށީގެންވާ ވަރަށް ހަރަދު ނުކުރާ ކަމަށް ބުނެ ޓާން ކުރަން ފެށި ޝަކުވާތަކާ ހެދި ދެމަފިރިން ވަކިން އުޅެމުން ދިޔަ ނަމަވެސް ކައިވެންޏަށް އެހާ ގިނަ ދުވަސް ނުވާތީ އެ ދެ މީހުންނަށް ވަގުތުން ވަރިވެވޭނެ ގޮތެއް ނެތީ ކަމަށް ކޯޓުގެ ލިޔެކިޔުންތަކުގައިވެ އެވެ. މިކަމުގައި ޓާން އޭނާގެ ގާނޫނީ ވަކީލާ ވާހަކަ ދެއްކުމުން، ދެމަފިރިންގެ ތެރެއިން އެކެއްގެ ކުށުގެ ރެކޯޑެއް އޮވެއްޖެ ނަމަ ވަރިކޮށްދޭނެ ކަމަށް ބުނުމާ އެކު ޓާން އޭނާގެ އަނބިމީހާގެ ކުށެއް ހޯދުމުގެ މަސައްކަތް ފެށި ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

އޭނާ އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ އަނބިމީހާ ކައިވެނިން ބޭރު ގުޅުންތައް ހިންގާކަން ޕްރައިވެޓް އިންވެސްޓިގޭޓަރެއް ލައްވައި ހޯދައިގެން ފަޅާއަރުވާލާށެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެކަން ނުވުމުން ޓާން ދެން ނިންމީ ކާރުގައި ކެނަބިސް ބެހެއްޓުމަށެވެ. ޓާން ވަނީ މިއީ "އެންމެ މޮޅު ގޮތް" ކަމަށް ބުނެ އޭނާގެ ލޯބިވެރިޔާ ގާތު ވެސް މި ވާހަކަ ދައްކައިފަ އެވެ.

ބްލެކް މާކެޓުން ޓާން ވަނީ 510 ގްރާމްގެ ކެނަބިސް ގަނެފަ އެވެ. އެއީ ސިންގަޕޫރުގައި މަރުގެ އަދަބު ދެނީ 500 ގްރާމަށްވުރެ ގިނައިން އަތުގައި ޑްރަގް ހުރުމުން ކަމަށް ވާތީ އެ މިންގަނޑަށް ބަލައިފަ އެވެ.

"ޓާން އޮންލައިންގައި ހޯދާފައިވާ މައުލޫމާތުން، މައްސަލައިގައި ދެން ހިމެނޭ [އަނބި] މީހާ އަށް މަރުގެ އަދަބު އަންނާނެކަން ވަނީ ކަށަވަރުކޮށްފައި،" ކޯޓުގެ ލިޔުންތަކުގައިވެ އެވެ.

މި ޕްލޭން އޭނާ މިގޮތަށް ކުރިއަށް ގެންދަން ބޭނުންވީ އަނބިމީހާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސް ހުރުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ލެބޯޓަރީގައި ތަހުލީލުކުރި އިރު، ކާރުން ފެނުނު މަސްތުވާތަކެތީގައި އެއްވެސް އެއްޗަކާ އެއްކޮށްފައި ނެތް ސާފު ކެނަބިސްގެ ގޮތުގައި ހުރީ 216.17 ގްރާމެވެ.

މި ޑްރަގް ޓާންގެ އަނބިމީހާ ކާރުން ފުލުހުންނަށް ފެނުނު ނަމަވެސް އެއާ ގުޅުވާލެވޭ އިތުރު އެއްވެސް ހެއްކެއް ފުލުހުންނަކަށް ނުލިބުނެވެ. މައްސަލައިގައި ޓާންއާ ސުވާލުކުރުމަށް އޭނާ ހައްޔަރުކުރީ އެ ހިސާބުންނެވެ.

ޑްރަގް ޓްރެފިކިން އާއި އެހެން ބައެއް ކުށްތަކަށް ސިންގަޕޫރުގައި މަރުގެ އަދަބު ދޭތީ އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ނުރުހުން ފާޅުކުރެ އެވެ. މިއީ މީހުން ކުށް ކުރުމާ ދުރުވާ އަދަބެއް ނޫން ކަމަށާއި އެކަން ހުއްޓާލަންޖެހޭ ކަމަށް އެ ޖަމިއްޔާތަކުން ބުނި ނަމަވެސް ސިންގަޕޫރުން އެކަން ދަމަހައްޓައި ބުނަމުން ދަނީ އޭޝިއާގެ އެންމެ އަމާން އެއް ގައުމުގެ ގޮތުގައި ސިންގަޕޫރު އޮންނަނީ އެ އަދަބާ ހެދި ކަމަށެވެ.

ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒުކުރަނީ ދަންޖައްސައިގެންނެވެ. -- އޭއެފްޕީ

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

01 September 2024

މަރުގެ އަދަބާއި ދެކޮޅަށް ދިވެހިރާއްޖޭގައިވެސް ގިނައިން ވަކާލާތުކުރަނީ ހުޅަނގުން ދަރިވަރުވެ، އެމީހުންގެ ވިސްނުން ދަމަހައްޓާ އެމީހުންގެ މަދަދު ލިބޭ ދިވެހިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454