އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ފެޓްމަން ސްކޫޕް.
01 ސެޕްޓެމްބަރ 2024 - 10:30
އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ފެޓްމަން ސްކޫޕް މިއުޒިކް ޝޯއެއް ދެމުން ދަނިކޮށް ހޭނެތިގެން ވެއްޓި އިއްޔެ މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 53 އަހަރުގައި ސްކޫޕް މަރުވީ އެމެރިކާގެ ކޮނެކްޓިކަޓް ސްޓޭޓުގެ ޕާކެއްގައި ބޭއްވި ޝޯއެއްގައި އޭނާ ޕާފޯމްކުރަމުން ދަނިކޮށް ވެއްޓުނު ފަހުންނެވެ.
ސްކޫޕް ހޭނެތިގެން ވެއްޓުމުގެ ކުރިން ވަރަށް ފޯރީގައި ޕާފޯމްކުރަމުން ދިޔަ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފުޓޭޖުތަކުން ފެނެ އެވެ. އަދި އޭނާއަށް ވެއްޓުމުން ސީޕީއާރު ދޭން ބައެއް މީހުން މަސައްކަތްކުރާތަން ވެސް ފެނެ އެވެ.
އޭގެ އިރުގަނޑެއް ފަހުން އެ ޕާކު ކައިރީގައި ހުރި ހޮސްޕިޓަލަކަށް އެމްބިއުލާންސްގައި އޭނާ ގެންދިޔަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ނަމަވެސް، އޭނާ މަރުވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
އެއީ ފުރަތަމަ މިދިޔަ ޖުލައި މަހު ބާއްވަން ތާވަލުކުރި ޝޯއެކެވެ. ނަމަވެސް، އޭރު މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެއަށް ފަސްކުރީ އެވެ.
ސްކޫޕްގެ އެންމެ މަޝްހޫރު އެއް ލަވައަކީ 1999 ގައި ގެނެސްދިން "ބީ ފެއިތުފުލް" އެވެ. އެ ލަވަ އެންމެ މަޝްހޫރުވީ ޔޫރަޕުގެ ގައުމުތަކުގަ އެވެ. ޔޫކޭ އާއި އައިލެންޑްގެ ޗާޓުތަކުގައި ކުރީގައި ގިނަ ދުވަސްތަކެއް ވަންދެން އެ ލަވަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy