ވިޔަފާރި / ރިޕޯޓް

ކުންފުނިތައް ސިޔާސީ ކުރުމުގެ ބުރަ މިހާރު އުފުލޭވަރެއް ނޫން

އާރުޑީސީގެ ޕެޓީކޭޝް މައްސަލައިގެ ތަހުގީގަށް ފުލުހުން އާރުޑީސީގެ އޮފީހުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުންފުނިތަކުގެ ބޯޑުތައް މާ ބަލިކަށީ އެވެ. މެނޭޖިން ޑިރެކްޓަރަށް ވުރެ ސަރުކާރުގެ "އެމްޕީ" ވެސް ބާރުގަދައީ އެވެ. މާލީ ބޮޑެތި ގެއްލުމާ ކުރިމަތިވާ ކަންކަން ނިންމަން ޖެހޭއިރު ވެސް ނޫނެކޭ ބުނާކަށް ނުކުރެ އެވެ. އެކަން އެ ހިސާބަށް ދާއިރު، މާލީ ކަންކަމުގައި ޒިންމާ ނަގަން ހުންނަ ފިނޭންސް މިނިސްޓަރަށް އެކަން އެނގޭ ކަމަކަށް ވެސް ނުވެ އެވެ.

މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން އަބަދުވެސް ހިނގަމުން އަންނަ ގޮތް ގާތުން ފެންނަ ބޭފުޅަކު ހާލަތު ސިފަކޮށްދެއްވި ގޮތެވެ.

ސަރުކާރު ހިއްސާވާ 30 ކުންފުންޏެއް މިވަގުތު އޮތް އިރު އޭގެ ތެރެއިން ފައިދާއެއް ވަންނަނީ 40 ޕަސެންޓު ކުންފުނިންނެވެ. އޭގެ ތެރެއިން ވެސް ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތައް ހިފަހައްޓައިގެން ހިންގާ އޮންނަނީ ދިހަ ވަރަކަށް ކުންފުންޏެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކުން ދައުލަތަށް ފައިދާގެ ގޮތުގައި ލިބުނީ 1.69 ބިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 20 ޕަސެންޓުގެ ދަށް އަދަދެކެވެ.

ގެއްލުންވާ ކުންފުނިތަކާއި ފައިދާވާ ކުންފުނިތަކުގެ ތަފްސީލު

މި އަހަރުގެ ފުރަތަމަ ތިން މަހު ކުންފުނިތައް ހިންގަން ދައުލަތުން ވަނީ 1.3 ބިލިއަން ރުފިޔާ ދީފަ އެވެ. އެހެންވެ، ކުންފުނިތަކުން ދައުލަތަށްވާ ފައިދާ އާއި ހަރަދު މާބޮޑަށް ވެސް ނުބައްދަލެވެ.

އެންމެ ފަސޭހަ ހައްލު ކަމަށް ބުނެ ކޮންމެ ބަޔަކު ވެސް ދައްކަނީ ބޭކާރު ނުވަތަ ކޮންމެހެން މުހިންމު ނޫން ކުންފުނިތައް އުވާލާ ވާހަކަ އެވެ. އެކަމަކު އެކި ދުވަސްވަރު އެކި ސަބަބުތަކަށް އަދި ސިޔާސީ މަންފާ އަށް އެ ކުންފުނިތަކުން ވަޒީފާ ދީފައި ތިބި އެތައް ސަތޭކަ ބަޔަކާއި ދެން ތިބޭ ބަޔަކާ މެދު ވެސް އަމަލުކުރާނެ ގޮތެއް އަދި އެހާ ސާފެއް ނޫނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މި ވަގުތު ވެސް 33،284 މުވައްޒަފުން އެބަ ތިއްބެ އެވެ.

ސަރުކާރުން މިހާރު އެޅި ފިޔަވަޅުތައް ރަނގަޅު؟

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމާއި އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލުމާއި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅާލުން ވެސް ހިމެނެ އެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް މިވަގުތަށް ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަންވީ ވަގުތު ކަމަށާއި ލަސްކުރާ ނަމަ އެކަމުން ލިބޭ ގެއްލުން އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޔޫޓިލިޓީ ކުންފުނިތަކާއި އެމްއޭސީއެލް އާއި އެމްޕީއެލް އާއި އެސްޓީއޯ ފަދަ ކުންފުނިތައް ފިޔަވައި ދެން ހުރީ މިވަގުތަށް ބޭނުން ނެތް ކުންފުނިތައް ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ އިތުރަށް ބައެއް ކުންފުނިތައް އުވާލަން ވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާރްޑީސީ އެއީ ހަމަ އުވާލަންޖެހޭ ކުންފުންޏެއް. މިހާރު ފަންޑު މެނޭޖްމެންޓުގެ ދަށަށް ބީސީސީ. އެ އެއްވެސް ތަނެއް ބާއްވާކަށް ނުފެނޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެމްއެމްޕީއާރްސީ އަކީ ވެސް އޮންނަން ޖެހޭ ކުންފުންޏެއް ކަމަށް. ސަރުކާރުން މާކެޓިން ފާމެއް ހިންގާކަށް ނުޖެހޭ. އެކަން ކޮށްދޭނެ ވަރުގަދަ ކުންފުނިތައް އެބަހުރި. އެމްއައިޓީޑީސީ ވެސް އޮންނާކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު "މިހާރު" އަށް އިންޓަވިއުއެއް ދެއްވަނީ. އޭނާ ވިދާޅުވީ، އުވާލަން ޖެހޭ ކުންފުނިތައް ވަރަށް ގިނަ ކަމަށް -- ފައިލް ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އަމްރު ވިދާޅުވީ، އެމްޓީސީސީން ވެސް ސަރުކާރުގެ ހިއްސާ އެއްކޮށް ދޫކޮށްލަން ޖެހޭ ކަމަށާއި އެއީ ވެސް ބޭކާރު ގިނަ ހަރަދުތަކެއް ކުރަން ޖެހޭ ކުންފުންޏެއް ކަމަށެވެ.

ސަރުކާރުން އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމާ ގުޅޭ ގޮތުން އަމްރު ވިދާޅުވީ ފެނަކައިގެ ދެ ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށާއި އެކަމަށް ހައްލެއް ސަރުކާރުން ހޯދައިދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެން ނޫނީ، އެސްޓީއޯ އަށް މާލީ ގޮތުން ވާނީ ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކަ އޮތީ ގާތްގަނޑަކަށް ބަނގުރޫޓުވެފައި. އެހެންވެގެން އެ ބަދަލު ގެންނަނީ ވެސް. އެތަނުގައި އެބަ ތިބި ވަރަށް ބައިވަރު މުވައްޒަފުން ވެސް. އެކަންކަމާ އެކީ ހަވާލުވުން އެހާ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ގެއްލުމުގައި ހިންގި މިފްކޯއާ ހަވާލު ވެގެން ވެސް އެސްޓީއޯ އަށް ދިމާވީ، އެފަދަ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ވިދާޅުވި ގޮތުގައި ފެނަކަ ފަދަ މާލީ ހާލަތު އެހާ ގޯސް ކުންފުންޏަކާ ހަވާލުވުމުން، އެސްޓީއޯ އިން ކުރިއަށް އޮތްތަނުގައި ކުރަން ހުރި އިންވެސްޓްމެންޓްތަކަށް ވެސް އޭގެ އަސަރު ކުރާނެ އެވެ.

22 ކުންފުންޏަށް 5.2 ބިލިއަން ރުފިޔާ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މި އަހަރުގެ "އާޓިކަލް 4" ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އަންނަނީ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ތަކުންނެވެ. ކުންފުނީގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ކޮންމެ މަހަކު ހޭދަކުރަންޖެހޭ ފައިސާ އާއި ސަރުކާރުން ގެރެންޓީ ދީގެން ދަރަނި ނަގަން ޖެހުމަކީ ވެސް އޭގެ އެއް މިސާލެވެ.

ކުންފުނިތައް މިހާރު ހިންގާ ގޮތަށް ހިންގުމަކީ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ޕީސީބީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކުގެ ގެއްލުން 122 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެންމެ ގިނަ މުވައްވަޒަފުން ތިބި އެއް ކުންފުނި އާރްޑީސީއަށެވެ. އެ ކުންފުންޏަށް ލިބުނު ގެއްލުން 38 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކުންފުނިތަކުގެ ދަރަނީގެ ތަފްސީލުތައް --

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަނާއި ސަބްސިޑީގެ ގޮތުގައި ދައުލަތުން 2.4 ބިލިއަން ރުފިޔާ ހޭދަކުރަން ކަނޑައެޅި ނަމަވެސް، އަހަރު ނިމުނު އިރު އެ އަދަދު 5.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ ގާތްގަނޑަކަށް ދެ ގުނަ އަށް ވުރެ އިތުރު އަދަދެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ގިނަ ކުންފުނިތައް ހިންގަނީ، ހަރުދަނާ ސިޔާސަތުތަކެއް ނެތި އެވެ. އެހެންވެ، ކުންފުނިތަކުގެ ހިންގުން ރަނގަޅުވެ، ޕާފޮމަންސް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އާ ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ހަފުތާގައި ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަތުރުތަކުގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ކުރާ ހޭދަ ވެސް ކުޑަ ކުރުމަށް އަންގައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ކުންފުނިތަކުގެ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިއްމީ ހަރަދު ކުޑަ ގޮތަކަށް ކުންފުނިތައް ހިންގުން ކަމަށް. -- ފޮޓޯ: މިހާރު

ކުންފުނިތަކުގެ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިއްމީ ހަރަދު ކުޑަ ގޮތަކަށް ކުންފުނިތައް ހިންގުން ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވެރިކަމާ ހަވާލުވެ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ކުންފުނިތައް އުވާލަން ނުވަތަ އެއްކުރުމަށް އިތުރު ނިންމުންތައް ކެބިނެޓުން ނިންމާނެ ކަމަށެވެ.

"އަމާޒަކީ މި ގެންނަން ނިންމާ ބަދަލުތަކާ އެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުގެ މާލިއްޔާ އަށް ބަރޯސާވުން މިހާރަށް ވުރެ ކުޑަ، އަދި އިތުރަށް އެފިޝަންޓް ކުންފުނިތަކަށް ހެދުން. އެސްއޯއީ ރިފޯމް މަސައްކަތް މެދުވެރިކޮށް ދައުލަތުގެ އާމްދަނީ އާއި ލިބޭ ފައިނޭންސިންގެ ތެރެއިން ކުރާ ހޭދައަކީ މިހާރަށް ވުރެ ހަރުދަނާކޮށް، ރޭވިފައި އޮންނަ ނިޒާމަކަށް ބަދަލުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ރިފޯމު ކުރާނީ، މިވަގުތު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އެކަމުން ގެއްލުންނުވާނެ ގޮތްތައް ހޯދައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ބޭނުން ވަނީ ސިޔާސީ ނުފޫޒު ނެތް ގާބިލް ވެރިން

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސިޔާސީ ނުފޫޒު ބޮޑުވެ، ކެމްޕެއިންތަކާ ދިމާކޮށް މުވައްޒަފުން ނެގުމުގެ އިތުރުން، ކުންފުނިތަކުން ހާއްސަ މަޝްރޫއުތައް ހިންގާ މަންޒަރު އަބަދުވެސް ފެނެ އެވެ. އެކަންކަން ހައްދުން ނެއްޓި، ކުންފުނިތައް "ސިޔާސީ" އެމްޑީން ލައިގެން ހިންގުން ވެސް އާދައިގެ ކަމަކަށްވީ އެވެ. ފެނަކަ އާއި އާރްޑީސީ ފަދަ ކުންފުނިތަކަކީ އިތުރަށް ކިޔައިދޭން ނުޖެހޭ މިސާލުތަކެވެ. ކުރާނެ މަސައްކަތެއް ނެތް އެތައް މުވައްޒަފުންނެއް ކޮންމެ ދުވަހަކު އޮފީހަށް ވަދެލާފައި ގޮސް އެ މީހަކު އުޅޭނެ ތަނެއްގައި، ކުރާނެ ކަމެއް ކުރަން އުޅެ އެވެ. އެއީ އެ ކުންފުނިތަކުގައި ޒަމާންވީ އާދަކާދައަކަށް ވެފައިވާ ކަމެކެވެ. އެކަމަކު، އެއީ މިހާރު ބަދަލު ކުރަން މަޖުބޫރު ކަމަކަށް ވެސް ހަދަން ޖެހެ އެވެ.

ކުންފުނިތަކުގެ ވެރިން ނިންމާ އެފަދަ ނިންމުންތަކަށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތެވެ. އެ ނޫން ގޮތަކަށް އެކަން ކުރާކަށް ވެސް މިހާރު ކުންފުނިތަކަށް ނޭނގެ އެވެ. ސިޔާސީ ގޮތުން ކަންކަން ކުރުމާއި މުވައްޒަފުން ނެގުމުގެ ސަގާފާތް އޮތީ އެއް ދުވަހުން ހައްލުކުރެވޭ ވަރަށް ވުރެ މޫލައި ވަރުގަދަ ވެފަ އެވެ.

އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުނިތައް -- ފޮޓޯ: މިހާރު

"މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، މިވަގުތު ތިބި އެއްވެސް ބޭނުމެއް ނުހިފާ މުވައްޒަފުން ވަކިކުރުމަކީ އެންމެ ރަނގަޅު އެއް ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ އެކަން ނިންމުމެވެ.

"މަގާމުތަކަށް އަންނަ އިރު ވެސް އެމީހުންނަށް ވެސް އެބަ އެނގޭ އެއީ، މާބޮޑު މަސައްކަތެއް އޮތް މަގާމުތަކެއް ނޫން ކަން. އެހެންވީމާ، އެކަންކަމަށް ފައިސާ ހަރަދު ކުރުމަށް ވުރެ އެ މީހުން އެ މަގާމުތަކުން ވަކި ކުރުން ވެސް މާ ރަނގަޅު. އެކަން ކުރަން ބޭނުންވަނީ ވިލް. އެކަން ނުވަނީ، އެވަރުގެ ގަޓު ހުންނަ ވެރިން ނުތިބޭތީ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކުންފުނިތައް ހިންގުމަށް އެންމެ މުހިއްމީ، އެކަމަށް ގާބިލް، ތަޖުރިބާ ހުރި މީހުން ކަނޑައެޅުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އެންމެ ރަނގަޅަކީ، ހުޅުވާލައިގެން ކުރިމަތިލާން ފުރުސަތު ދީ، މެރިޓަށް ބަލައިގެން އެކަމަށް އެންމެ ގާބިލް މީހުން ކަނޑައެޅުން ކަމަށެވެ.

"ސީއީއޯއިންނަކީ ވެސް ވަކި ޕްރޮޕެޝަނަލް ބައެއް. ވަކި ތަޖުރިބާއެއް ލިބިގެން ވަކި ކޮލިފިކޭޝަނެއް ހުރެގެން އައްޔަން ކުރެވެން ޖެހޭ ބައެއް. ހަމަ މީހަކު ތަނަކަށް ލައިގެން ރަނގަޅަށް ކުންފުންޏެއް ނުހިންގޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދާއިރާއެއްގެ ތަޖުރިބާ އާއި މާލީ ކަންކަމަށް ވެސް ލޯ ހުޅުވިފައި ހުރުން ވަރަށް މުހިއްމު ކަމަށެވެ. ކުންފުނިތައް މާލީ ގޮތުން ހަލާކުވެގެންދަނީ އެކަން ކުރަން ނޭނގޭ ވެރިން ކުންފުނިތަކަށް ލާތީ ކަމަށާއި އެކަމަށް ހައްލެއް ނާންނަހާ ހިނދަކު، ކުންފުނިތަކުގެ މައްސަލަތައް ހައްލު ނުވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު، އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ކުންފުނިތަކުގެ ހިންގުމަށް ބޭނުންވަނީ ގާބިލް ސީއީއޯ އިން ކަމަށް -- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެންމެ ރަނގަޅު ގޮތަކީ އިއުލާނުކޮށްގެން އިންޑިޕެންޑެންޓް ސްކްރީނިން ޕްރޮސެސްއަކުން މީހުން ނެގުން،" އޭނާ ވިދާޅުވި އެވެ.

ވެރިންގެ ނާގާބިލުކަމުގެ އިތުުރުން ކުންފުނިތަކަށް ޒިންމާ ނަގާ، ކުންފުނިތަކުގެ ކަންކަން ބަލަހައްޓަން ޖެހޭ ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށް ވިޔަސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. މިއީ ވެސް މުޅި ނިޒާމު ގަޑުބަޑުވާ އެއް ސަބަބެވެ. ސިޔާސީ ނުކުރަންޖެހޭ ކުންފުނިޔައް ސިޔާސީ ކަންކަމަށް ހުސްވި އެއް ސަބަބެވެ.

ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރަން ބަދަލުވާންޖެހެނީ ނިޒާމެވެ. ނުފޫޒުތަކުން ސަލާމަތްވުމަށް، ސިޔާސީ ގޮތުން ކުންފުނިތަކުގެ ވެރިން އައްޔަންކުރުމުގެ ބަދަލުގައި، ރަނގަޅު ނިޒާމެއްގެ ތެރެއިން، ގާބިލު މީހުންނާ އިންޓަވިއު ކުރެވިގެން، ކުންފުނިތަކުގެ ބޯޑާއި މެނޭޖިން ޑިރެކްޓަރު އައްޔަން ކުރެވޭނެ މިނިވަން ގޮތްތަކެއް ހަމަޖައްސަން ޖެހެ އެވެ. ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕީސީބީ ވެސް މިހާރަށް ވުރެ މިނިވަންކަމާ އެކު މަސައްކަތްކުރަން ފުރުސަތު ދޭން ޖެހެ އެވެ. އަދި ސިޔާސީ ގޮތުން މުވައްޒަފުން ނެގުން ހުއްޓުމަކަށް ގެންނަން ޖެހެ އެވެ.

12 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައްޓި ކެޔޮޅު

10 September 2024

އާޒިމްއެވެ. މަނިކުފާނުގެ ސީއީއޯ ކަމުގައި އެމްޓީސީސީއަށް އާދައިގެ މުވައްޒަފުންވެސް ނަގަމުން ދިޔައީ ސަޔާސީ ގޮތުން އެމްޕީންގެ ރިކޮމެންޑޭޝަނަށް ނޫންތޯ. ދެން ކިހިނެއްތޯ ސަރުކާރުން ކުންފުނީގެ އެންމެ އިސް ފަރާތް ސިޔާސީ ގޮތުން ނޫނީ އައްޔަންކުރާނީ. ތަންތަނަށް އަރާ މޮޅެތި ވާހަކަ ދައްކާއިރު އަމިއްލައަށް ކަންތައްތައް ކުރެވިފައިވާގޮތްވެސް ކޮންމެވެސް ވަރަކަށް ބަލާލަން ރަގަޅުތާ.

The name is already taken The name is available. Register?

ސުދާން

09 September 2024

އާދަމް އާޒިމް މެން މިކަހަލަ ވާހަކަ ދެއްކީމަ ހިނި އާދޭ. ބަލަގަ މަނިކުފާނު މި ތި މާގަމަށް އައީ ކިހިނެއް؟ ހެހެ

The name is already taken The name is available. Register?

ހިނިހޮރު

09 September 2024

އެމްޓީސީގަ ހުރެގެން މަގާމެއްނެތި މަސައްކަތެއްނެތި ގަސްދޮށުން މަދުހޮވާށާ ޖޯލިހޫނުކުރަން ވެއްދިމީހުންގެ އަދަދު ހުދުއެބޭފުޅާއަށްވެސް ނޭނގެ އެނގިވަޑައިގަންނަވާނެކަމެއް.

The name is already taken The name is available. Register?

ހުޅުލޭބޮޑުމީހާ

09 September 2024

މީ މަބުނާ ވާހަކަ. ކޮންމެ ސަރުކާރަކާއެކު ކުންފުނިތަކުގެ އެމްޑީންނާ ޑީއެމްޑީން ބަދަލުވާކަށް ނުޖެހެ. ޓެކްނިކަލަ މަސައްކަތެއްނޭނގޭ ވެރިން، ފުރާޅުގައި ފަންޖަހާން ވަކިމުއްދަތެއް ހަވާލުކޮށްފައި ލިޔަސް ކުންފުނި ކުރިއަކަށް ނުކަނޑާނެ. އަނެއްކާ އެލްބޯޑު ޖަހައިގެން އުޅެ ދައުރުނިމޭއިރު ކުންފުނިއޮންނަނީ ވާނެހައެތިވެނިމިފައި.

The name is already taken The name is available. Register?

ދިދަ ގިސްލާއެބަ

10 September 2024

100ގެ ވާހަކަ އެއް

The name is already taken The name is available. Register?

އައޫފް

09 September 2024

އެމްޑީޕީ މީހުން މިކަހަލަ ވާހަކަ ދެއްކީމަ ވަރަށް ހިނި އާދޭ. ހެހެ. ރައީސް މުއިއްޒް މިހާރުވެސް މިކަން ކުރަމުން ދަނީ

The name is already taken The name is available. Register?

ޝަހުމް އަބްދުﷲ

09 September 2024

މި ސަރުކާރުން ހުރިހާ ކަމެއްވެސް ހަމަޔަކަށް އަޅުވާނެ. ކުންފުނިތައް ރިފޯމްކޮށް ހަރުދަނާ ވެސް ކުރާނެ

The name is already taken The name is available. Register?

އޮޑިހަނު

09 September 2024

ކީއްވެހޭ ކޯޕަރޭޓު ގަވާނަންސު ހަރުދަނާ ނުކުރެވިގެން މިއުޅެނީ؟ ކީއްވެހޭ ކުންފުނިތަކުގެ މެނޭޖުމަންޓު އޮޑިޓު ނުހެދެނީ. ކީއްވެހޭ ކުންފުނިތަކުގަ ކޮރަޕްޝަނަށް އެހީވެދިން އެންމެންނަށް ފިޔަވަޅު ނޭޅެނީ؟ ކީއްވެހޭ ޤާނޫނާ ޤަވައިދުން ހުންނަން ޖެހޭ ލިޔެކިޔުންތައް ފެންނަން ނެތީ؟ އެއްވެސް ކަމެއް ޒިންމާދާރު ކުރުވޭ ގޮތަށް ކަންކަން ރޭވިފަ ނެތީ ކީއްވެތޯ؟ ވެރިންގެ 'ފަރުވާ ކުޑަވުން' ފިޔަވަޅު ނޭޅި އޮންނަހާ ދުވަހަކު އެއީ ކޮރަޕްޝަނަށް ހުޅުވިފަ ހުރި ބޮޑު ދޮރެއް.

The name is already taken The name is available. Register?

ލޮލްް

09 September 2024

ގްރޭޑް 8 ގެ އިކޮނޮމިކްސް ކިޔަވާ ކުއްޖާއަށްވެސް އިނގޭނެ ކަމެއް ތީ. ޕޮލިޓިކަލް މީހުންގެ ދައުރެެއް އޮތް ކަމެއްނޫންކަން

The name is already taken The name is available. Register?

ރަންނަބަނޑޭރި

09 September 2024

ޕީސީބީ ފިޔަކޮށާ ސަރުކާރުގެ މުށުތެރެއަށް ލާފަ އޮންނަހާ ހިނދަކު ސަރުކާރުގެ ކުންފުނިތަކުގެ ޕާރފޯމެންސް މޮނިޓަރކޮށް ވެރިން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯންނާނެ. ޕީސީބީއަކީ ސެމީއޮޓޮނޮމަސް ބޮޑީއަކަށް ހަދާ އެތަނަށް ރަނގަޅު މީހުން އައްޔަންކޮށް އެތަނުގެ ފުރިހަމަ ބާރާ ބެލުމުގެ ދަށުން މެރިޓް ބޭސްޑްކޮށް ސަރުކާރު ކުންފުނިތަކުގެ ބޯޑަށާއި މެނޭޖިންގް ޑައިރެކްޓަރުކަމަށް ޕްރޮފެޝަނަލް މީހުން އައްޔަންކުރެވެން ޖެހޭ.

The name is already taken The name is available. Register?

ދުމްމ

09 September 2024

ގިނަ ކުންފުނިތަކަކީ ދައުލަތަށް އުފުލަންޖެހިފައޮތް ބޮޑު ބުރައެއް. އެއީކީ އިއްޔެއަކު މިއަދަކު ވެގެން އުޅޭގޮތެއްނޫން އެފް.ޕީ.އައި.ޑީ، އެމް.އެން.އެސް.އެލް، ފަދަ ކުންފުނިތައްވެސް ވެސް ބަނގުރޫޓުވެގެން ދިޔައީ ވިޔަފާރީގެ އުސޫލުން ހިންގުންތެރިކަމެއް ނެތިގެން. އެސްޓީއޯ އަކީވެސް ހަގީގަތަށް ބުނާނަމަ ގެއްލުމުގަ ހިންގާ ކުންފުންޏެއް. އެސްޓީއޯއިން ކޮންޓްރޯލްކުރާ ކާޑާއި ތެލަކީ ސަރުކާރުގެ ސަބްސިޑީ ދީގެން ކޮންޓްރޯލްކުރާ ތަކެތި.

The name is already taken The name is available. Register?

ޑެޑީ

09 September 2024

މިގައުމުގާ ސިޔާސީބހުރިހާކަމެއް އުވާލަންޖެހޭ. ސިޔާސީކަންކަމުން ކިހާޖަރީމާއެއް އުފެދިގެންއާދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454