15 ސެޕްޓެމްބަރ 2024 - 10:53
ލިވަޕޫލް (ސެޕްޓެމްބަރު 15) – ނޮޓިންހަމް ފޮރެސްޓް އަތުން އަމިއްލަ ދަނޑުގައި ބަލިވުމަކީ، ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ރޭ އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 1-0 އިންނެވެ. މިއީ ލިވަޕޫލްގެ ކޯޗުކަމުގައި ސްލޮޓް ބަލިވި ފުރަތަމަ މެޗެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނުކުމެ ކެލަމް ހޮޑްސަން އޮޑާއީ ޖެހި ލަނޑާ އެކު ފޮރެސްޓް ހޯދި ކާމިޔާބަކީ ބައި ގަރުނަށް ފަހު ލިވަޕޫލްގެ މައްޗަށް ފޮރެސްޓުން އެންފީލްޑްގައި ހޯދި ފުރަތަމަ މޮޅެވެ. އެ ދަނޑުގައި މީގެ ކުރިން ލިވަޕޫލްގެ މައްޗަށް ފޮރެސްޓަށް ކުރި ހޯދުނީ 1969 ގަ އެވެ.
ލިވަޕޫލާއި ފޮރެސްޓްގެ މެޗުގެ ތެރެއިން
"މިއީ ވަރަށް ބޮޑު ވެއްޓުމެއް،" މެޗަށް ފަހު ސްލޮޓް ބުންޏެވެ.
"އަމިއްލަ ދަނޑުގައި ކުޅެ ބަލިވުމަކީ އަބަދުވެސް ވެއްޓުމަކަށް ވާނެ. އަދި ހާއްސަކޮށް އެ ޓީމެއްގެ އަސްލު ފެންވަރު ނޭނގޭ ޓީމެއްގެ އަތުން ބަލިވީމަ. ފަހަރެއްގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ވާދަކޮށްފާނެ. އެކަމަކު އާންމުކޮށް މި ޓީމު ގަދަ 10 އަކަށް ވުރެ މަތިން ނުނިމޭ. އެ ޓީމު އަތުން ބަލިވީމަ ވަރަށް ބޮޑު މާޔޫސްކަމަކަށްކަށް ވާނެ. ކޮންމެ ގޮތެއް ވިޔަސް އެ ޓީމު ފެނުނީ ވަރަށް އޮގަނައިޒްކޮށް."
އިންޓަނޭޝަނަލް ބްރޭކަށް ލިވަޕޫލުން ދިޔައީ އެ ޓީމުގެ ޒަމާންވީ ވާދަވެރިޔާ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ރޭ ޔުނައިޓެޑުން ވަނީ ސައުތެމްޓަންގެ މައްޗަށް 3-0 އިން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ ލަނޑުތައް ޖެހީ މެތިސް ޑިލިޓާއި މާކޯސް ރަޝްފޯޑެވެ. އޭނާ ދެ ލަނޑު ޖެހި އެވެ.
ބޯންމައިތާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވެސް މޮޅުވި އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ކްރިސްޓޮފާ އެންކުންކޫ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އަހްމަދުދީ
15 September 2024
ޜަޝްފޯޑް ދެލަނޑު ޖެހިއޭ. ކޮން މެޗެއްގަ؟