ފެނަކަ: ޗުއްޓީއަށް ދިޔަ ނަމަވެސް މުވައްޒަފުންގެ އަސާސީ މުސާރައިން ނުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
18 ސެޕްޓެމްބަރ 2024 - 14:56
ފެނަކައިގެ މުވައްޒަފުން އަހަރީ ޗުއްޓީއަށް ދިއުމުން އެލަވަންސްގެ ގޮތުގައި ދެމުން އައި ފައިސާ ދިނުން ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ.
ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާގައި ވަނީ ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން މުވައްޒަފުން އަހަރީ ޗުއްޓީ ނެގުމުން، އެ މީހުންނަށް ދެމުން އައި އަސާސީ މުސާރައިގެ 60 ޕަސެންޓަށްވާ އެލަވަންސް ފައިސާ ދިނުން ހުއްޓާލަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެއިން ފެށިގެން އެ ފައިސާ ދިނުން ހުއްޓާލާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ސޮއި ކުރައްވައި، މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައިވެ އެވެ.
އެއާ އެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފެނަކައިގެ މުވައްޒަފުން ޗުއްޓީ ނެގުމުން، އަސާސީ މުސާރައިގެ 60 ޕަސެންޓް ކަނޑާލަން ކުންފުނިން ނިންމާފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.
އެ މައްސަލާގައި ފެނަކައިގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ފެނަކައިގެ މުވައްޒަފުންނަށް ލިބެމުން ދިޔައީ ވަރަށް ކުޑަ މުސާރައެއް ކަމަށްވާތީ އޭރު އަހަރީ ޗުއްޓީއަށް ދިއުމުން އެލަވަންސެއްގެ ގޮތުގައި އަސާސީ މުސާރައިގެ 60 ޕަސެންޓް ދެމުން ދިޔަ ކަމަށެވެ.
އެކަމަކު މިދިޔަ ހޯމަ ދުވަހު ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ޗުއްޓީ ނެގުމުން ދެމުން އައި އެލަވަންސް ހުއްޓާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިމަމް ވޭޖާ އެކު އެންމެ ކުޑަ މުސާރަ ކަނޑައަޅާފައި އޮތީމަ މިހާރު މުސާރަ ރަނގަޅުވެފައި މިވަނީ. އެހެންވީމަ އިތުރަށް ދެމުން އައި އެ ފައިސާ ކަނޑާލަން ނިންމީ. އެއީ އަސާސީ މުސާރައިން ކަނޑާލާ ފައިސާއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެހެންކަމުން ޗުއްޓީ ނެގިޔަސް އަސާސީ މުސާރައިން ނުކަނޑާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ބަޝީރު
19 September 2024
މިކަން ސާފްކޮށްދީ ފިތުނަ އުފެއްދި މީހުންގެ ފިތުނަތައް ހާމަކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން.
އަމީން އަބްދުﷲ
19 September 2024
މަވެސް އުޅޭ ތަން ފެނަކައަކީ. މުސާރަ ކަޑަޔޭ ކިޔާފަ ދައްކަނީ ހުސް ދޮގު ވާހަކަ.
ކިރުސައި
19 September 2024
އަހަރީޗުއްޓީ ނެގުމަކުން ލިބޭ އެއްވެސް ފިކްސްޑް އެލަވަންސެއް ކެނޑިގެން ނުވާނެ. "އެހެންކަމުން ޗުއްޓީ ނެގިޔަސް އަސާސީ މުސާރައިން ނުކަނޑާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ." މިއިން އެނގެނީ ވަޒީފާއާއި ބެހޭ ގާނޫނަށް އަހުލުވެރިނުވާކަން.
ތުނޑުހަސަނު
19 September 2024
ޗުއްޓީ ނެގުމަކީ އެލަވަންސް ދޭންޖެހޭ ކަމެއްނޫން. އެލަވަންސް ދޭންޖެހޭނީ ޗުއްޓީ ނުދެވިގެން ޗުއްޓީ ކެންސަލްވާނަމަ. އޭރުން ހަމަޖެހޭ ކަމަކަަށްވާނީ.
ބުރަތޭރީ
19 September 2024
ރަނގަޅު ނިންމުމެއް...
އަހްމަދު ނޫމާން
19 September 2024
އިދިކޮޅުގެ ފިތުނަ މި ފަޅާއެރީ.
އިބްރާހިމް އުޝާމް
19 September 2024
އެއްވެސް އިރަކު މުސާރައިން ކަޑާނެ ކަމަށް މެމޯ ނެރެފަ ނެތް. އަހަންނަކީވެސް ފެނަކައިގަ އުޅޭ މުވައްޒަފެއް.
އިދުހާމް ހުސައިން
19 September 2024
ފިތުނަ އުފެއްދި މީހުންނަ ހެޔޮ ވިސްނުން ދެއްވާށި. އާމީން
ހައިތަމް މުހައްމަދު
19 September 2024
ސަރުކާރު ބަލި ކަށި ކުރަންށޭ ކިޔާފަ ކޮށްގެން ނުވާނެ ކަމެއް އިދިކޮޅުން ކުރީ މިކަމާ ގުޅިގެން. ވަރަށް ދެރަ
އާދިލް މުހައްމަދު
19 September 2024
މިކަހަލަ ފިތުނަ އުފައްދައިގެން ނުވާނެ. ކިހާ ރައްޔިތުންނެއް ޕެނިކަށް މިދިޔައީ މި ހަބަރާ ހެދި