ހއ. ދިއްދޫގައި ފެނަކަ ކުންފުނިން ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ އެ ރަށު އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކުރަން ފަށައިފަ އެވެ.
އެހެންވެ، މުއާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޖީނުގޭގެ މަސައްކަތަށް 70 މީހުން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައި ތިބިއިރު، އެ މީހުންނަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. އެ މީހުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ މަޝްރޫއު މިވަގުތު ހުއްޓިފައި އޮތުމުން ކަމަށް އެ ޓްވީޓްގައިވެ އެވެ.
ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އިހުތިޖާޖު ކުރަމުންދާ މުވައްޒަފުން ބުނާގޮތުން ކޮންޓްރެކްޓް އާ ނުކުރަން ނިންމިކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިއުމުންނެވެ. ބައެއް މީހުން ވަކިކުރީ ކޮންޓްރެކްޓްގެ މުއްދަތު ބާކީ އޮއްވާ ކަމަށް އެ މީހުން ބުނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، ކުންފުނި ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ. އަދި ރިޔާސީ ކެމްޕެއިނާ ދިމާކޮށް، އެ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނެގުމުން މާލީ ބޮޑެތި ގެއްލުންތަކެއް ވި ކަމަށް މިހާރުގެ މެނޭޖުމަންޓުން ވަނީ ބުނެފަ އެވެ.