ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި މުއާޒު މުހައްމަދު ރަޝީދު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުގެ ފެން ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒު އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ. 

ރަށްރަށުގެ ފެނާއި ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024 ގަ އެވެ. 

އޭރު އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ސިޓީގައި މުއާޒު ވިދާޅުވީ ފެނަކައަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ނުދެވޭ ހާލަތަށް އެ ކުންފުނި ވެއްޓިފައިވާ ކަމަށެވެ.

އެހެންވެ، އޭނާ ހުންނަވައިގެން އިތުރަށް ކަންކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

މުއާޒް އޭރު އިސްތިއުފާ ދެއްވުމުން އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ މުހައްމަދު ނަޖާހު އެވެ. އެކަމަކު އޭނާ މަގާމުން ވަކިކޮށް، މިދިޔަ އޭޕްރީލް މަހު އެ މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އަފީފު އެވެ.