ސްޓެލްކޯއިން ރާއްޖެ އެތެރެކުރި އިލެކްޓްރިކް ސައިކަލްތަކުގެ ފޮޓޯތަކެއް ނަގައި، ސޯޝަލް މީޑިއާއަށް ލީކުކުރިކަމުގެ ތުހުމަތުގައި ވަކިކުރި އެ ކުންފުނީގެ މުވައްޒަފަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިިބިއުނަލުން ނިންމައިފި އެވެ.
ސްޓެލްކޯގެ މުވައްޒަފަކު މިދިޔަ އަހަރު ވަޒީފާއިން ވަކިކުރީ އެ ކުންފުނިން ރާއްޖެ ގެނައި ބެޓެރީ ސައިކަލުތަކެއްގެ ފޮޓޯ ނަގައި، ލީކްކުރި ކަމަށް ތުހުމަތުކޮށެވެ. އެގޮތުން އޭނާ އެ ފޮޓޯތައް ނެގިފަހުން ސޯޝަލް މީޑިއާގެ އެކައުންޓްތަކަކުން އެ ފޮޓޯތައް ދައުރު ކޮށްފައިވާތީ، އޭނާގެ އެ އަމަލަކީ ކުންފުނީގެ ތަސައްވުރަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ބުނެ އޭނާ ވަޒީފާއިން ވަކިކުރި އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުމުގައިވަނީ އެ މީހާ އެ ސައިކަލުތަކާ ދިމާލަށް ފޯނު ދިއްކޮށްގެން ފޮޓޯ ނަގާ މަންޒަރު ވީޑިއޯ ފުޓޭޖްތަކުން ފެންނައިރު، ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކަށް ބަލާއިރު އެއީ އެ މީހާ ފޯނު ދިއްކޮށްގެން ހުރި ދިމާލުން ނަގާފައިވާ ފޮޓޯތަކެއްކަން އެނގޭ ކަމަށެވެ.
އެ ނިންމުމުގައިވަނީ ސްޓެލްކޯއިން ވިޔަފާރީގެ ބޭނުމަކަށް ގެނައި މުދާތަކެއްގެ ފޮޓޯ އޭނާ ނަގަން ޖެހުނު އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާތީ އެއީ އޭނާގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެއީ މުވައްޒަފާ މެދު އިތުބާރު ގެއްލިދާނެ ފަދަ ޣައިރު ސުލޫކީ އަމަލެއް ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލަންޖެހޭ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެން ނަމަވެސް އޭނާ ވަކިކުރުމުގެ ކުރިން އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ އިޖްރާއީ އަދުލުވެރިކަން ގާއިމްނުވާ ކަމަށް ބަލަންޖެހޭ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އޭނާއަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. ނަމަވެސް އިޖްރާއީ އަދުލުވެރިކަން ގާއިމް ނުވާތީ، އަދުލުވެރި ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރައަށްވާ 17،110ރ. ސްޓެލްކޯއިން ދޭންޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ ފައިސާ 15 ދުވަސް ތެރޭގައި އެ މީހާއަށް ދިނުމަށް އެ ނިންމުމުގައި އަންގާފައިވެ އެވެ.