ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްހާގު ހުސެއިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

އެ މަގާމަށް އިސްހާގު އައްޔަން ކުރެއްވީ އޭޕްރީލް، 2024 ގަ އެވެ. 

އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. އެކަމަކު ޓްރައިބިއުނަލްގެ ވެބްސައިޓުގައި ވެސް މިހާރު ތިއްބެވި މެމްބަރުންގެ ތެރޭގައި ރައީސްގެ މައުލޫމާތެއް ނެތެވެ. 

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އަދި ފަސް އަހަރުގެ މުއްދަތަށް އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ނައިބް ރައީސް ފާތިމަތު މަހީރާ މުހައްމަދާއި މެމްބަރުންގެ ގޮތުގައި މަރްޔަމް ރިޝްފާ އާއި ހިކުމާ އަހުމަދު ނިޒާރާއި ޝަހީމާ ސަލީމާއި ސައުސަން އަލީ އަދި އިޝާރާ އަބްދުލްއަޒީޒާއި ފާތިމަތު ސައުސަންގެ އިތުރުން ހަސަން އިބްރާހިމެވެ.