ދެ އަހަރު ނުވާ ދަރިން ތިބޭ އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ދެ ފަހަރު 30 މިނިޓުގެ ހުސްވަގުތު ދޭން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން އަންނައިރު، އެ އިސްލާހުގައި ބުނަނީ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ އަށް ފަހު، ވަޒީފާ އަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން 30 މިނިޓުގެ ހުސްވަގުތު ކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ޖެހޭނެ އެވެ.
އެ ހުސްވަގުތުކޮޅު ދޭން ޖެހޭނީ އިސްލާހުގައިވާ ގޮތުން މުސާރަ ނުކެނޑޭ ގޮތަށެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބިލުގައި މުވައްޒަފުން ވަކި ކުރަން ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާއާ ގުޅޭ ގޮތުން ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.
އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ އެއްބަސްވުން ހަދާފައިވާ މުވައްޒަފަކު ވަކި ކުރާ ނަމަ އެ މުވައްޒަފަކަށް ދެ ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އިސްލާހުގައި ބުނީ އިތުރުގަޑީގައި މުވައްޒަފަކާ ލައްވާ މަސައްކަތް ކުރުވަން ޖެހޭނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
މި އިސްލާހަށް ތާއިދު ކުރައްވާ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެ މެންބަރުން ވިދާޅުވީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި އެގޮތުން އިސްލާހުގައިވާ ކަންކަމުގެ ސަބަބުން ގިނަ ހައްގުތަކެއް މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.