ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ އުވާލާނެ އުސޫލުތައް ބަޔާންކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. 

އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާކުރަން ކެބިނެޓުން ނިންމިދާނެ ކަމަށެވެ. 

އެގޮތަށް އިސްތިސްނާ ކުރާނެ ވިޔަފާރިތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަން ވާނެ ކަންކަން ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. 

އެގޮތުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ރިއާޔަތް ކުރަން ޖެހެ އެވެ. 

އަދި އެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހި ކުރުމާއި ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރަން ރިއާޔަތް ކުރަން ޖެހެ އެވެ. 

ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރަން ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތި ކުރަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.