ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނިކުތަސް ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މިހާރު ވަޒީފާއާބެހޭ ގާނޫނު އޮންނަ ގޮތުން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހެނީ ދަރިފުޅުގެ އުމުރުން އެއް އަހަރު ވަންދެނެވެ. 

ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި އެ ބިލްގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލެއް ގެނައުމަށް އެ ބިލްގައި ހިމަނާފައިވެ އެވެ. މިހާރުގެ ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލް އޮންނަ ގޮތުން އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެ އެވެ.

ނަމަވެސް އެއަށް ވުރެ ކުރު މުއްދަތެއް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ނޯޓިސްގެ ގޮތުގައި ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް އެ ބިލްގައި ހުށަހަޅާފައިވެ އެވެ. ނަމަވެސް އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް އެ ބިލްގައި ބުނެފައިވެ އެވެ.