ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެ ސިޔާސަތު އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
19 ސެޕްޓެމްބަރ 2024 - 16:12
ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައެޅި ހަކަތައިގެ ސިޔާސަތު މިއަދު އިފްތިތާހުކޮށްފި އެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024-2029" އިފްތިތާހުކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޔުޓިލިޓީ ކުންފުނިތަކުގެ އިސްވެރިން ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތެވެ.
ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީތަކުގެ މައިގަނޑު އަމާޒަކީ، މިދިޔަ އަހަރު ބޭއްވި ކޮޕް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރާއްޖެ އަށް އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް އަދި ރާއްޖެ އިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ އިތުރުކުރުމެވެ.
އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން ވަނީ މައިގަނޑު ފަސް ސިޔާސަތެއް ކަނޑައަޅައިފަ އެވެ. އެއީ؛
• އިރުގެ އަތްވާއި އަލީގެ ޓެކްނޮލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދައި، އަޖުމަބެލުން.
• ހަކަތައިގެ ދާއިރާ އަށް އަންނަ އާ ޓެކްނޮލޯޖީ ރާއްޖެ އަށް ތައާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުން.
• ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރު ކަންކަން ތައާރަފުކޮށް، ރައްޔިތުން އެ ކަންކަމަށް އަހުލުވެރިކުރުވުން.
• އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ތެރެއަށް އިޔާދަކުރަނިވި ހަކަތަ ތައާރަފުކުރުން.
• ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުން.
ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ރާއްޖޭގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމާ ގުޅޭ ކަންކަން ހިމެނޭ ހަކަތައިގެ ގާނޫނެއް 2021 ވަނަ އަހަރު ވަނީ ހަދައިފަ އެވެ.
ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލްވިސް ބުރުސްލީ
19 September 2024
ފްރީ އެނާޖީ ޑިވައިސް ހަދާނެގޮތުގެ ވީޑިއޯތައް ޔޫޓިއުބުގައި އެހެރީނޫންތޯ. އެފަދަ އީޖާދުތައް ބޭނުންކޮށްގެން ހިލޭ ހަކަތަ އުފެއްދުމާއިމެދު ވިސްނާލިންތޯ.
އޮނަރަބްލް އަފީފު ދީދީ
19 September 2024
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވާލާ އެއަށް ޤާނޫނީބާރުވެރިކަން ދިނުމަށް މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރަމުންދާއިރު އެމަނިކުފާނުގެ ޕްލޭން އެކުލަވާލުމުގެ ކުރިން އެބޭޅާގެ ވަޒީރުން ދަނީ ކަރަންޓާއި، ކަނޑުގެ ބަނދަރާއި، ދަތުރު ފަތުރު އަދި ގެދޮރުވެރިކަމުގެ ސިޔާސަތުތައް ފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާ އެމަސައްކަތް ކުރަމުން!؟ އަނެއްކާ 20 އަހަރުގެ ޕްލޭނާއިއެކު މިކަންކަން ބަދަލު ކުރާގޮތަށްތޯ ޕްލޭން ކުރަނީ!
އޮނަރަބްލް އަފީފު ދީދީ
19 September 2024
އައްޑޫ ކޯއްޓޭ ބްރިޖް އަޅާދިނުމަށް މުއިއްޒު އައްޑޫ މީހުނަށް ވަޢުދު ވެފައިވާއިރު އަދި އައްޑޫ Central Power House އަޕްގުރޭޑް ކުރަން ޗައިނާގެ Dong Fang Electric Cooperation އާއި ޙަވާލު ކުރިއިރު ކީއްވެގެންތޯ ހިންގުމުގެ ޣަރަދު ކުޑަކުރުމަށްޓަކާ މިހާރުގެ ނެޓްވޯކް ތެރެއަށް ހުޅުމީދޫ އަވަށް އިތުރު ކުރުމަށް Submarine Electric Power Cable މެދުވެރިކޮށް ހުޅުމީދޫ އަވަށަށްވެސް އައްޑޫ ސެންޓްރަލް ޕަވަރ ހައުސް އިން ކަރަންޓް ދެވޭނެ ގޮތް ހަމަޖައްސާން ނުވިސްވީ!؟
އަބުދުބެއްޔާ
20 September 2024
ބުރިޖަކީ މުއިއްޒު އައްޑޫ ރައްޔިތުންނަށް ދެއްކި ހުބަފެނަކަށް ވާތީ
އޮނަރަބްލް އަފީފު ދީދީ
19 September 2024
މަތީގައިދެންނެވިގޮތަށް މެރައިންކޭބަލް މެދުވެރިކޮށް ހުޅުމީދޫއަވަށަށް ކަރަންޓްދިނުމުން މިހާރު ތެލަށްކުރާ ޙަރަދު (އެއަވަށަށް ތެޔޮއުފުލުމަށާއި ސްޓޯރޭޖް ފަދަކަންކަމަށް) އެތައްތަނަކުން ކުޑަކުރެވިދާނެ. ޢަދި ހުޅުމީދޫ އަވަށުގެ އިތުރުން މި ކޭބަލް މެދުވެރިކޮށް ފަސޭހަކަމާއިއެކު ކައިރީގައި އޮތް ޝަންގްރިލާ ރިސޯޓާއި، ސައުތު ޕާމް އަދި ހެރެތެތެ ރިސޯޓަށް ކޮމާޝަލް ރޭޓުން ކަރަންޓް ވިއްކައި ޑޮމެސްޓިކް ބޭންޑް ތަކަށް ދޫކުރާ ކަރަންޓް އަގުހެޔޮކުރަންވެސް ފުރުސަތު ލިބޭނެ.
ރަންނަ
19 September 2024
އަމާޒުތަކުގަ ނެތް އެއްވެސް ފެންހިފޭވާހަކައެއް. އެހެންގައުމުތަކުން 2030 އަށް ކާބަންނިއުޓްރަލް އަށް މަސައްކަތް ކުރާއިރު ރާއްޖޭގެ އަމާޒަކީ 33 ޕަސެންޓް 2028 ވުމަކީ ވެއްޓުމެއް. މިހާރުވެސް މާލޭގަ އެކަނިވެސް ކަރަންޓްބޭނުންކުރާވަރު 7 މެގަވޯޓް ކޮންމެ އަހަރަކު އިތުރުވޭ. އެކަމަކު އަހަރަކު މެގަވޯޓެއްވެސް އިއާދަކުރަނިވި ހަކަތައަކައް އިތުރެއްނުވޭ. ބަހާ އަމަލާ ދިމާނުވަނީ ތެޔޮވިއްކައިގެން ނެގޭ ކަޓުބޮޑުކަމުން
ބދިއނމފިރ
19 September 2024
އިފްތިތާހު ކުރާ އެއްޗެއް ޢާންމުކޮށް ލިބެން ނެތުމަކީ ވަރަށް ދެރަ ކަމެއް