ނޭޕާޅް ޕޮލިސް ކްލަބް ކުޅުމު މެޗެއްގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
22 ސެޕްޓެމްބަރ 2024 - 07:46
ނޭޕާލްގެ ޕޮލިސް ކްލަބުން ފައިނަލްގައި ސީދާ ތިން ސެޓުން އުޒްބެކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށް، ކާވާ އަންހެނުންގެ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024 ކާމިޔާބު ކޮށްފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ނޭޕާލްގެ ޕޮލިސް ކްލަބުން ގެންދިޔައީ 25-16، 25-22 އަދި 25-23 އިންނެވެ.
ނޭޕާލްގެ ޕޮލިސް ކްލަބުން ވަނީ ޖުމްލަ ހަ ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ހުމޯ ވީސީ ވަނީ ހަތަރު މެޗު ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މުބާރާތުގައި ވާދަކުރި ކްލަބް ވެމްކޯ ޓީމް.-- ފޮޓޯ: ވީއޭއެމް
ރާއްޖޭގެ ކްލަބް ވެމްކޯ ވަނީ މިއަދު ހަވީރު ސްރީލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި ފަހަތުން އަރައި 3-2 ސެޓުން ކާމިޔާބުކޮށް، ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އެއާފޯސް ކްލަބުން 25-11 އަދި 25-17 އިން ފުރަތަމަ ދެ ސެޓު ގެންގޮސްފައި ވަނިކޮށް، ވެމްކޯ ފަހު ތިން ސެޓު ގެންދިޔައީ 25-13، 25-23 އަދި 15-13 އިންނެވެ.
ވެމްކޯ ވަނީ އެއާފޯސް ކްލަބާއި ރާއްޖޭގެ ޕޮލިސް ކްލަބްގެ އިތުރުން ތަޖިކިސްތާނުގެ ވީސީ ޑިއަމެޑް ބަލިކޮށް، ތިންވަނަ ހޯދައިފަ އެވެ. އެއާފޯސް ކްލަބުން ވަނީ ދެ މެޗު ކާމިޔާބު ކޮށްގެން ހަތަރުވަނަ ހޯދައިފަ އެވެ.
ފަސްވަނަ ލިބުނު ޕޮލިސް ކްލަބް ވަނީ ފުރަތަމަ މެޗުގައި ވީސީ ޑިއަމެޑް ބަލިކޮށްފަ އެވެ.
މާލޭގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ވެމްކޯގެ އައުޓްސައިޑް ހިޓާ ގުޓިކާ، ނޭޕާލް ޕޮލިސް ކްލަބްގެ އައުޓްސައިޑް ހިޓާ އުޝާ، ހުމޯގެ މިޑްލް ބްލޮކާ ދިލްނޯޒާ، ނޭޕާލް ޕޮލިސް ކްލަބްގެ މިޑްލް ބްލޮކާ ސުމިތުރާ، ސްރީލަންކަން އެއާފޯސްގެ ސެޓަރު ތުޝާރީ، ވެމްކޯގެ އޮޕަސިޓް ޕްލޭޔާ އައިތުރަގާން އަދި ނޭޕާލް ޕޮލިސް ކްލަބްގެ ލިބަރޯ ތަމަންގް ޝާންތިގަލާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޭޕާލް ޕޮލިސް ކްލަބްގެ އުޝާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަނޑިއަ
22 September 2024
ރާއްޖެއަށް ތިންވަނަ ލިބުނީމަ ގޯހެއްނުން. އެއީ ތިންގައުމު ވާދާކުރާ ކެރަން މުބާރާތްތަކުގައިވެސް ރާއްޖެއަށް ލިބެނީ ތިނެއް.