އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެމްބަރ 2024 - 22:35
މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދޭ މާލީ އެހީ އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އދ. ގައި މިރޭ ގޮވާލައްވައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ކަމަށެވެ.އެހެންވެ، އެފަދަ ގެއްލުމުން އަރައިގަތުމަށް ދޭ މާލީ އެހީ މިހާރުން މިހާރަށް އިތުރު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މިޓިގޭޝަން އަދި އެޑަޕްޓޭޝަން މަސައްކަތްތަކުގައި އުފެދިފައިވާ ތަފާތުތަކަށް ހައްލެއް ހޯދައި، އެ ފަންޑުގެ ވަސީލަތްތައް ފަސޭހަކޮށް ލިބޭނެހެން، ސިޑްސް ގްލޯބަލް ފައިނޭންސިންގެ ތެރެއަށް އެއްކޮށްލުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް އެހީވުމަށާއި ގެއްލުމާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހާއްސަ ކޮށްފައިވާ ފަންޑު ފުރިހަމައަށް ތަންފީޒު ކުރަން ޖެހެ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށްޓަކައި، ކުރިއަރަމުން އަންނަ ގައުމުތަކަށް ޓެކްނޮލޮޖީ ގެނައުމަށް މަގުފަހިކޮށްދިނުމަކީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ޒިންމާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަގާފަތާއި ތަރިކައަށް ނުރައްކާވަމުން ދާ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތަކަށް ގެއްލުން ލިބި، އިގްތިސާދު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް." ރައީސް ވިދާޅުވި އެވެ.
އެހެންވެ، ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭނަމަ، ޕެރިސް އެގްރިމެންޓާއި 2030 ވަނަ އަހަރުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލެއް ނުވާނެ ކަމަށާއި އަދި ބޭނުންވަނީ ސިޔާސީ އަދި ހަރުދަނާ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ގާބިލް މީހުން އެބަތިބި ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް އެބަހުރި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
26 September 2024
ރައީސް މުޅި ސްޕީޗްގެ ބޮޑުބައި މިއޮތީ އެކި ކަންކަމާ ގުޅިގެން ފައިސާގެ އެހީ ދޭންޖެހޭ ކިޔާ ސަލާން ޖަހާފަ ދޯ?