ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ވެރިން ފުވައްމުލަކަށް ވަޑައިގެން އެ ރަށުގެ މޭޔަރު އިސްމާއިލް ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
27 ސެޕްޓެމްބަރ 2024 - 19:13
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން، ފުވައްމުލަކަށް އެ ސިނާއަތުން ނަފާ ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް މިއަދު ހަވީރު ވަނީ ފުވައްމުލަކަށް ވަޑައިގެންފަ އެވެ. އަދި މާލޭގެ މޭޔަރު އާދަމް އާޒިމާއި އަައްޑޫ މޭޔަރު އަލީ ނިޒާރު ވެސް އެ ހަރަކާތްތަތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން "ފުވައްމުލައް ޓޫރިޒަމް އެވޯޑު 2024" ވެސް މިރޭ އެ ރަށުގައި ބާއްވާނެ އެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ އެ ހަފުލާގައި ޝަރަފުވެރި މެހުމާނަކީ ޓޫރިޒަމް މިނިސްޓަރު ފައިސަލެވެ.
ޓޫރިޒަމް ދާއިރާ އިން ފުވައްމުލަކަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދިން ފަރާތްތަކަށް އެ ހަފުލާގައި އެވޯޑް ދޭނެ އެވެ.
ފުވައްމުލަކުގެ ޓޫރިޒަމާ ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ފައިސަލާއި އެ ރަށުގެ މޭޔަރު އިސްމާއިލް މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިނިސްޓަރު ފައިސަލްގެ ދަތުރުގައި، ފުވައްމުލަކުގައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި މައުލޫމާތު އޮޅުން ފިލުއްވާނެ އެވެ. އެެ ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި އެކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ފައިސަލާއި ފުވައްމުލަކުގެ މޭޔަރު އިސްމާއިލާއި މާލޭގެ މޭޔަރު އާޒިމް މިއަދު ފުވައްމުލަކުގައި.---ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފުވައްމުލަކު ކައުންސިލުން ބުނި ގޮތުގައި މިނިސްޓަރުގެ މި ދަތުރުގެ ސަބަބުން އެ ރަށުގެ ޓޫރިޒަމް ސިނާއަތަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ.
މިހާރު ވެސް 25 ގެސްޓް ހައުސް ހިންގަމުން އަންނަ ފުވައްމުލަކަކީ ރީތި ހުދު ދޮންވެލި ގޮނޑުދޮށާކައި ބޮޑު ތުނޑިއެއް އޮންނަ ރަށެކެވެ. އެ ރަށް އޮތީ ޑައިވް ކުރާ މީހުންގެ މެދުގައި މަގްބޫލު ސަރަހައްދެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކިބެ
27 September 2024
އާޒިމު އެތަނަށް ގޮސްގެން އެއުޅެނީ ކީއްކުރަން. އާޒިމާ ޓުއަރިމާ ކޮންކަމެއް؟