"ހެރީ ޕޮޓާ"ގައި ޕްރޮފެސާ މިނާވާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ ސްމިތު.
28 ސެޕްޓެމްބަރ 2024 - 07:03
މަޝްހޫރު އިނގިރޭސި ފިލްމު ސީރީޒް "ހެރީ ޕޮޓާ"ގައި ޕްރޮފެސާ މިނާވާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ ސްމިތު އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 89 އަހަރުގައި މެގީ މަރުވީ މުސްކުޅި ބަލީގަ އެވެ. މަރުވި އިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.
މެގީގެ މަރު އިއުލާންކޮށް އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ވަކިވުމުން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރުވި އިރު، އޭނާގެ ދެ ފިރިހެން ދަރިންނާއި ފަސް މާމަ ދަރިން ދުނިޔޭގައި އެބަ ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މެގީއަށް ވަނީ ދެ ފަހަރެއްގެ މަތިން އޮސްކާ އެވޯޑް ވެސް ލިބިފަ އެވެ. އެއީ، ފިލްމް "ދަ ޕްރައިމް އޮފް މިސް ޖީން ބްރޯޑީ"ގައި އޭނާ ކުޅުނު ރޯލަށް 1969 ވަނަ އަހަރު ލިބުނު ބެސްޓް އެކްޓްރެސްގެ އެވޯޑާއި "ކެލިފޯނިއާ ސޫޓް"ގައި ކުޅުނު ރޯލަށް 1978 ވަނަ އަހަރު ލިބުނު ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ.
ފިލްމީ ދާއިރާގައި 1950 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަން އައި މެގީ ބޮޑަށް މަޝްހޫރުވީ "ހެރީ ޕޮޓާ"ގައި އޭނާ ކުޅުނު ޕްރޮފެސާ މިނާވާ މެގޯނިގަލްގެ ރޯލުންނެވެ. އަދި ޓީވީ ސީރީޒް "ޑައުންޓައުން އެބޭ"ގައި އޭނާ ކުޅުނު ރޯލުން ވެސް ވަރަށް މަޝްހޫރުވި އެވެ.
އޮސްކާގެ އިތުރުން މެގީ ވަނީ ހަތަރު އެމީ އެވޯޑާއި ޓޮނީ އެވޯޑެއް ވެސް ކާމިޔާބުކޮށްފަ އެވެ. ވަރަށް މަދު އާޓިސްޓަކަށް ނޫނީ މި ތިން އެވޯޑް ލިބިފައި ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy