ކާވާ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އާއި ލަންކާ މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން،.-- ފޮޓޯ: ވީއޭއެމް
08 އޮކްޓޯބަރ 2024 - 00:37
މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ ފިރިހެނުންގެ ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުގައި، މުބާރާތް ބާއްވާ ސްރީލަންކާ އަތުން ބަލިވެއްޖެ އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވަނީ ތުރުކުމެނިސްތާން އަތުން ވެސް ބަލިވެފަ އެވެ. ރާއްޖެއާ ދެކޮޅަށް ލަންކާ އިން މިރޭގެ މެޗުގެ ސެޓްތައް ގެންދިޔައީ 25-14، 25-14 އަދި 25-11 އިންނެވެ.
ހަ ޓީމު ވާދަކުރާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައި ނުވަނީ ރާއްޖެ އާއި ކިރިގިސްތާނެވެ. ކިރިގިސްތާން މިއަދު ބަލިވީ ތުރުކުމެނިސްތާނާ ވާދަކޮށް، 22-25، 18-25 އަދި 19-25 އިންނެވެ.
ތުރުކުމެނިސްތާނާއި އުޒްބަކިސްތާން ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އުޒްބަކިސްތާނުން މިއަދު ނޭޕާލް ބަލިކުރީ 3-1 ސެޓުންނެވެ. އުޒްބަކިސްތާނުން މެޗުގެ ސެޓްތައް ގެންދިޔައީ 25-19، 25-14، 27-29 އަދި 25-15 އިންނެވެ.
ރައުންޑް ރޮބިން ބުރުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިއަދު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ނޭޕާލް ވަނީ ފުރަތަމަ މެޗުގައި ލަންކާގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ރާއްޖޭގެ ޓީމު ބުރާސްފަތި ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު، މި ބުރުގެ ފަހު މެޗުގައި ހުކުރު ދުވަހު ކުޅޭނީ ކިރިގިސްތާނާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުދެނ2
08 October 2024
ހާދަ ބޮޑުކޮއް ގެންގޮސަ އިން ސެޓްއެއް އެބޭނޭ..14-252