ލައިފްސްޓައިލް / ދީން

އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2

ކުޑަ ދެ ކުއްޖަކު ގޮވައިގެން މީހަކު ހިނގާފައި ދަނީ..--ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

12 އޮކްޓޯބަރ 2024 - 06:14

އާއިލާތަކަކީ މުޖުތަމައުގެ ބިންގާ ކަމުގައިވާ ހިނދު އާއިލާތަކަށް ހިމާޔަތް ލިބިފައި ވުމަކީ ނުހަނު މުހިންމު ކަމެކެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ ނައްޞުތައް ދިރާސާ ކުރުމުން އެނގި ހާމަ ވަނީ އިސްލާމް ދީނުގައި އާއިލާތަކަށް މި ހިމާޔަތް ލިއްބައިދޭނެ މުހިންމު ބާރުތަކެއް އޮންނަ ކަމެވެ.

ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ގާނޫނީގޮތުން ލިބޭ ބާރުތަކުގެ ތެރެއިން އާއިލާތަކަށް ހިމާޔަތް ލިބެ އެވެ. މީގެ ތެރެއިން ދީނީގޮތުން ލިބޭ ބާރުތަކޭ ބުނާ ބަހުގެ މުރާދަކީ އާއިލާއެއް ބިނާ ކުރުމުގައި ޝަރުއީ ގޮތުން ބާރުއަޅާ ކަންތައްތަކެއްގެ ސަބަބުން އާއިލާ އަށް ލިބޭ ރައްކާތެރި ކަމުގެ ވާހަކަ އެވެ. މީގެ ތެރޭގައި އިސްލާމީ އުސޫލުތަކުގެ މަތިން ކައިވެނީގެ ބައިވެރިން ހޮވުމާއި ކައިވެނީގެ އަގުދަކީ މުހިންމު އަގުދެއް ކަމުގައި ހެދުމާއި ވަރިވުމަކީ ނޭދެވޭ ކަމެއް ކަމުގައި އޮތުމާއި ނަސްލު ދެމެހެއްޓުމަކީ ކައިވެނީގެ މަގުސަދެއް ކަމަށް ވުމާއި ހެޔޮލަފާ ޒަމީރެއްގެ ސަބަބުން އަމިއްލަ ބެލެހެއްޓުންތެރިކަން ވަރުގަދަވުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ ތެރެއިން ފުރަތަމަ ތިން ކަމަށް ކުރީގެ ލިޔުމެއްގައި ވާނީ އަލިއަޅުވާލައިފަ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ދެން ހުރި ކަންކަމަށެވެ.

ނަސްލު ދެމެހެއްޓުމަކީ ކައިވެނީގެ މަގުސަދެއް ކަމަށް ވުން

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ މަގުސަދުތަކުގެ ތެރޭގައި ނަސްލު ދެމެހެއްޓުން ހިމެނެ އެވެ. މި ކަމަކީ އާއިލާ އަށް ރައްކާތެރިކަން ލިބުމަށް އޮތް ސަބަބެއް ވެސް މެ އެވެ. އެހެނީ ދެމަފިރިއެއްގެ ގުޅުން ވަކި ނުވެ ދަމަހައްޓަން އޮތް ވަރަށް ބޮޑު ބާރަކަށް ދަރިން ވާނެތީ އެވެ. ދަރިން ލިބުމަކީ އިންސާނީ ފިތުރަތު އެކަމަށް ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އެހެންކަމުން ދަރިއެއް ލިބުމަށް ފަހު، ދެމަފިރިން ކުރެ ކޮންމެ މީހަކު ވެސް އެ މީހަކާ އެކު އެ ދަރިފުޅު ހުންނަން ބޭނުންވާނެ އެވެ. ދަރިފުޅާ ވަކިވާން އެކަކު ވެސް ނޭދޭނެ އެވެ.

މުޢާވިޔަތު ބުނު ޤުއްރާގެ ކިބައިން ރިވާވެގެންވެ އެވެ. ކީރިތި ރަސޫލާ ﷺ އަރިހަށް އައިސް އުޅޭ މީހަކު އަންނަނީ އަބަދުވެސް އޭނާގެ ފިރިހެންދަރިޔަކު ގޮވައިގެންނެވެ. މިހެންވެ، ކީރިތި ރަސޫލާ ﷺ އެ މީހާ އާ ސުވާލު ކުރެއްވި އެވެ. "ތިބާގެ ދަރިފުޅު ދެކެ ތިބާ ލޯބިވޭ ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަން ތިމަންގެ ދަރިފުޅު ދެކެ ލޯބިވާ ފަދައިން މާތް ﷲ ކަލޭގެފާނު ދެކެ ލޯބިވެ ވޮޑިގަންނަވަން އެދި ދުއާ ކުރަމެވެ."

އޭގެ ފަހުގައި އެ ކުއްޖާ ނުފެންނަތާ ދުވަސްކޮޅެއް ވުމުން އެކުއްޖާއާ މެދު އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ސުވާލު ކުރެއްވުމުން އެބޭކަލުން ވިދާޅުވީ އެ ކުއްޖާ މަރުވެއްޖެ ކަމަށެވެ. މިކަން އެނގިވަޑައިގަތުމުން ކީރިތި ރަސޫލާ ﷺ އެކުއްޖާގެ ބައްޕަ އަށް ވިދާޅުވި އެވެ. "ސުވަރުގޭގެ ދޮރުކޮޅުތަކުން ދޮރުކޮޅެއްގައި ތިބާއަށްޓަކައި އިންތިޒާރު ކޮށްގެން އެ ދަރިފުޅު ހުރުމަށް ތިބާ ލޯބި ނުކުރަން ހެއްޔެވެ؟" އެ ހިނދު އަޞްޙާބުން ކުރެ ބޭކަލަކު ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. އެއީ އޭނާ އަށް ޚާއްސަ ކަމެއް ހެއްޔެވެ؟ ނުވަތަ އެއީ އަހަރެމެން އެންމެންނަށް ވެސް ހެއްޔެވެ؟ ރަސޫލާ ﷺ ހަދީސް ކުރެއްވިއެވެ. "އަ ދިކިއެއްތަ، އެއީ ތިޔަބައިމީހުންނަށް އެންމެންނަށް ވެސް މެ އެވެ." (އަޙުމަދު، އައްނަސާއީ).

ދަރިޔަކު ލިބުމަށް ފަހު، ކައިވެނި ރޫޅިގެންދާ ހާލަތްތަކުގައި ވެސް ދެމަފިރިން ކުރެ ކޮންމެ މީހަކު ވެސް އެ މީހެއްގެ ކައިރީގައި އެ ދަރިފުޅު ހުންނަން ބޭނުންވެ އެވެ. އެހެންވެ، ކައިވެނި އަލުން ރުޖޫއަ ކުރަން ބައެއް ފަހަރު މަޖުބޫރު ވެދެ އެވެ. ކައިވެނި ރޫޅޭ ހާލަތުގައި ޙަޟާނާގެ މުއްދަތުގައި ދަރިފުޅު ހުންނަން ޖެހެނީ މަންމަގެ ގާތުގަ އެވެ. މިއީ ބައްޕަ އަށް ހިތްދަތި އިހުސާސެކެވެ. ޙަޟާނާގެ މުއްދަތު ނިމުމުން ދަރިފުޅު ބޭނުން މީހަކު ކައިރި އަށް ދާން އިޚުތިޔާރު ލިބޭ ހިނދު އެ ދަރިފުޅު ބައްޕަ އިޚުތިޔާރު ކޮށްފި ނަމަ މިއީ މަންމަ އަށް ވަރަށް ހިތްދަތި އިހުސާސަކަށް ވާނެ އެވެ.

އެހެންކަމުން ކޮންމެ ފަދަ ދަތިތަކަކާ އެކުގައި އުޅެން ވިއަސް ކައިވެނި ރުޖޫއަވާން ބޭނުން ވާނެ އެވެ. މި ފިތުރަތު މިގޮތަށް އޮތުމާ އެކު، ކައިވެނީގެ މަގުސަދެއްގެ ގޮތުގައި ނަސްލު ދެމެހެއްޓުމާއި ނަސަބު ރައްކާތެރިކުރުން އިސްލާމް ދީނުގައި ވަނީ ކަނޑައެޅިފަ އެވެ. މި މަގުސަދު މިގޮތުގައި ދަމަހައްޓަން ސަމާލުކަން ދޭ ނަމަ މިއީ ހަމަ ޔަގީނުން ވެސް އާއިލާތައް ދެމެހެއްޓުމަށް އާއިލާތަކަށް ލިބޭ ހިމާޔަތަކަށް ވާނެ އެވެ.

އާއިލާ އަށް ހިމާޔަތް ލިބޭ ފަދަ ހެޔޮލަފާ ޒަމީރެއް ތަރުބިޔަތު ކުރުން

އިސްލާމް ދީނުގެ ޢަޤީދާ އާއި ޝަރީޢާ އާއި އަޚުލާގުގެ ތެރެއިން އިންސާނާގެ ޒަމީރު ތަރުބިޔަތު ކޮށްދެ އެވެ. މިފަދަ ތަރުބިޔަތެއް ލިބިފައިވާ ޒަމީރަކީ ދިރިއުޅުމުގެ ހަޔާތުގައި އެ މީހެއްގެ ފިކުރާއި އަޚުލާގު ވަރަށް ފުރިހަމަ ވާނެ މީހެކެވެ. މިފަދަ މީހެއްގެ ޢަމަލުތައް ބެލެހެއްޓުމަށް ބޭރުން މީހަކު ހުންނާކަށް ނުވަތަ މޮނީޓަ ކުރާނެ އެހެން ނިޒާމެއް އޮންނާކަށް ބޭނުމެއް ނުވާނެ އެވެ. އެހެނީ އޭނާގެ އަމިއްލަ ނަފްސު މޮނީޓަކޮށް، ބަލަހައްޓަން އޭނާގެ ޒަމީރު އެކަނި ފުދޭނެތީ އެވެ. އާއިލީ ގުޅުންތަކުގައި ހިމެނޭ އެންމެހާ މުއާމަލާތު ތަކުގައި މިފަދަ ޒަމީރެއްގެ ވެރިޔަކު އާއިލާގެ މެންބަރުންނަށް އަނިޔާވެރިއެއް ނުވާނެ އެވެ. އޭނާގެ އާއިލީ ގުޅުންތައް ދަމަހައްޓާނީ މުޖުތަމައުގެ ލަދަށް ނުވަތަ ލިބިދާނެ އުގޫބާތަކަށް ބަލައިގެނެއް ނޫނެވެ.

އެހެންކަމުން މީސްތަކުންގެ ލޯތަކަށް ފެންނަ ފަށުގައި ތިމާ ނެތަސް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވުމުގެ މައްޗަށް ބިނާވެފައިވާ ޒަމީރު އަބަދުވެސް ހުންނާނީ މޮނީޓަ ކުރުމުގަ އެވެ. މިހެންވެ، އާއިލާ އަށް ހިމާޔަތް ލިބުމަށް އޮންނަ އިޖުތިމާއީ ބާރުތަކާއި ގާނޫނީ ބާރުތަކަށް ވުރެ ދީނީ ބާރު ގަދަވެގެން ދެ އެވެ. މިފަދަ ޒަމީރެއްގެ ސަބަބުން އާއިލާގައި ހަމަޖެހުމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމަށްޓަކައި ދެމަފިރިން ވެސް އެކަކު އަނެކެއްގެ ހައްގުތަކަށް ރިއާޔަތްކޮށް، އެ މީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރަން މަސައްކަތް ކުރާނެ އެވެ.

މިކަމަށް ބާރު ލިބެނީ ކައިވެންޏާ ގުޅުން ހުރި އެންމެހާ ހުކުމްތައް ކީރިތި ޤުރްއާނުގައި ބަޔާންކުރާއިރު، އީމާންތެރިކަމާއި ތަގުވާވެރިކަމާއި ﷲ އާ ބައްދަލުވާނެ ކަމާއި މުއުމިނުންނަށް ހުރި އުފާތަކާއި ފާފަ ފުއްސަވާ ކަން ފަދަ އެތައް ކަމެއް އާޔަތްތައް ނިމޭ ތަނުގައި ނުވަތަ މެދުތެރޭގައި ބަޔާން ކުރާތީ އެވެ. (އަލްބަޤަރާ 223، 228، 235، އައްޠަލާޤު 2)

މިފަދަ ހެޔޮލަފާ ޒަމީރަކުން އަމިއްލަ ނަފުސުގެ ޢަމަލުތައް އަމިއްލަ އަށް ބަލަހައްޓާ ހިނދު ތިމާގެ ޢަމަލުތައް ﷲ ބައްލަވާ ވޮޑިގަންނަވާނެ ކަމުގެ އީމާންކަން ވެސް މިފަދަ މީހެއްގެ ކިބައިގައި ވަރުގަދަ ވާނެ އެވެ. ނަތީޖާއަކީ ކައިވެންޏާ ގުޅޭ ހުކުމްތަކުގައި ހަލާލުގެ ހައްދުތަކުން ބޭރު ނުވާން އަދި ހަރާމުގެ ހައްދުތަކަށް އަރައި ނުގަންނަން ވަރަށް ބޮޑަށް ފަރުވާތެރިވާނެ އެވެ. ކިތަންމެ ކުޑަކުޑަ ކަމެއް ކަމުގައި ވިއަސް ﷲ ބައްލަވާކަން (ނުވަތަ މުރާޤަބާ ކުރައްވާކަން) ގަބޫލު ކުރާނެ އެވެ. ﷲ ގެ މުރާޤަބާ އަކީ ތިމާގެ އަމިއްލަ މުރާޤަބާ އަށް ވުރެ ވަރުގަދަ ބެލެހެއްޓުންތެރި ނިޒާމެއް ކަން ވެސް ދަންނާނެ އެވެ.

ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅުތަކުން މިކަމަށް އިތުރަށް ބާރު ލިބެ އެވެ. މާތްﷲ ރުއްސުން ލެއްވި ޘަވްބާން ގެ ކިބައިން ރިވާވެގެންވާ ހަދީސަކުން އެނގޭ ގޮތުގައި ތިހާމާ ފަރުބަދައިގެ ހުދުކަން ފަދަ އަދި އެހާ ގިނަ ހެޔޮކަމައިގެން ޤިޔާމަތް ދުވަހު ބަޔަކު އަޔަސް ﷲ ޙަރާމް ކުރެއްވި ކަންތައްތަކަށް އެބައިމީހުން އަރައިގެންފައި ވާ ނަމަ އެ މީހުންގެ އެ ހެޔޮ ޢަމަލުތަކަކީ ވަޔަށް ބުރައިގެންދާ ކުނޑިފުށްތަކެއް ފަދަ އެއްޗަކަށް ﷲ ހައްދަވާނެ އެވެ. (އިބްނު މާޖާ). ހަމަ އެފަދައިން މީހަކު ޤިޔާމަތް ދުވަހު ﷲ އާ ހަމައަށް އަންނަ އިރު ﷲ އޭނާގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަންކަމާއިގެން އަތުވެއްޖެ ނަމަ އެއީ ﷲ ޣީރަތްތެރިވެ ވޮޑިގަންނަވާނެ ކަމެއް ކަން ވެސް ހަދީސުން އެނގެ އެވެ. (ބުޚާރީ އާއި މުސްލިމް).

މިކަންކަން ގަބޫލުކުރާ ޒަމީރެއްގެ ވެރިޔަކު އާއިލީ ގުޅުންތަކުގައި ވެސް ﷲ ހަރާމް ކުރެއްވި އެއްވެސް ކަމެއް ކުރުމަށް ޖެހިލުން ވާނެ އެވެ. ނަތީޖާ އަކީ މިފަދަ ޒަމީރަކުން އާއިލާ އަށް ހިމާޔަތް ލިބުމެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454