ކުޅިވަރު

އީގަލްސްއާ ދެކޮޅަށް ކުޅޭއިރު ޔުނައިޓެޑް ވިކްޓަރީ އުނދަގޫ ހާލަތެއްގައި

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީގަލްސް ކޯޗު ސާންތީ (ވ) އާއި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އާތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓަރީގެ ތައްޔާރީތައް އެންމެ ފުރިހަމަ ނޫން ކަމަށް އެ ޓީމުން ބުނެފި އެވެ.

މިއީ ޔުނައިޓެޑް ވިކްޓަރީ މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗެވެ. ޔުނައިޓެޑް ވިކްޓަރީ ލީގުގައި ފުރަތަމަ ކުޅެން ހަމަޖެހިފައި އޮތް މެޗަކީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެން ނަމަވެސް އެ ޓީމު ބަންގްލަދޭޝްގެ ޝެއިހް ކަމާލް ކަޕްގައި ކުޅެމުންދާތީ އެ މެޗު ވަނީ ފަހުގެ ތާރީހަކަށް ލަސްކޮށްފަ އެވެ.

މެޗުގެ ކުރިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިސްތައް ކުރިއަށްގެންގޮސް ޓީމުގެ ފެންވަރު ވަޒަންކޮށްލެވިފައިނުވާ ކަމަށެވެ.

"ހަގީގަތުގައި ޔުނައިޓެޑް ވިކްޓަރީގެ ފެންވަރު ބަލާލުމަށް ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ވެސް ނުލިބި އޮތީ. އެގޮތަށް ވިސްނާއިރު ޔުނައިޓެޑް ވިކްޓަރީގެ ބަލިފަޔަކީ ނޫނީ ސްޓްރެންތަކީ ކޮބައިކަން އަޅުގަނޑަށް ވެސް ނޭނގޭ،" އާތީ ބުންޏެވެ.

އޭނާ ބުނީ އީގަލްސް މެޗުން ޔުނައިޓެޓް ވިކްޓަރީ މި ސީޒަނަށް ކަނޑައަޅާނެ ޓާގެޓެއް އެނގޭނެ ކަމަށެވެ.

"އީގަލްސް މެޗަކީ ޔުނައިޓެޑް ވިކްޓަރީ ކުޅެންވީ ގޮތް ވެސް ޓެސްޓް ކޮށްލަން ލިބޭ މެޗު. ހަގީގަތުގައި ޔުނައިޓެޑް ވިކްޓަރީ ޓީމެއްގެ ގޮތުގައި ފޯމުވީއިރު އެހެން ޓީމުތައް ސީޒަން ފަށައިފި. މިދިޔަ އަހަރު ކަނޑައެޅީ ގަދަ ހަތަރެއްގެ ތެރެ ހިމެނެން އިރާދަކުރެއްވީތީ އެކަން ކާމިޔާބުވި. އެކަމަކު މި ފަހަރު ތައްޔާރީތައް ދިޔަ ގޮތުން އަދި ޓާގެޓެއް ކަނޑައެއް ނޭޅޭ. ދެ މެޗަކަށް ފަހު އެނގޭނީ ސީދާ ޓާގެޓެއް،" އާތީ ބުންޏެވެ.

މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީން އެންމެ ބޮޑު ތަފާތަކަށް ފެނުނީ ބިދޭސީ ކުޅުންތެރިންނެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އެ ޓީމުން ފެނުނު ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މި ފަހަރު އެ ޓީމަށް ކުޅޭނީ ވުކޮބްރަޓް ޑޯޑޭ އެކަންޏެވެ. މިދިޔަ އަހަރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކެރިކް އަންދްރޭ އަދި ކީޕަރު މަހްމޫދު އަލް ޔޫސުފް މި ފަހަރު ކުޅެނީ ވިކްޓަރީ އަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އާތީ އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑޯޑޭގެ އިތުރުން ޔުނައިޓެޑް ވިކްޓަރީން މި ފަހަރު ގެނެސްފައިވާ އަނެއް ތިން ބިދޭސީ ކުޅުންތެރިންނަކީ ކިރިގިސްތާނުގެ ގޯލް ކީޕަރު ރުސްލާން އަމިރޯވް އަދި ކުރިން ނިއު ރޭޑިއަންޓާއި ބީޖީ އަށް ކުޅުމަށް ފަހު މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ޑިފެންޑަރު ކުޑޫސް ކެލާނީ އެވެ.

އާތީ ބުނީ ބިދޭސީ ކުޅުންތެރިންގެ ފެންވަރާ މެދު ގޮތެއް ބުނަން އަދި އަވަސްކަމަށެވެ.

"ބިދޭސީ ކުޅުންތެރިން ވެސް ޕްރެކްޓިސްގައި ރަނގަޅުކޮށް ފެންނަނީ އެކަމަކު އެ ކުޅުންތެރިންގެ ހަގީގީ ފެންވަރާ މެދު އެއްޗެއް ބުނުން ބުއްދިވެރިވާނީ ޕްރެޝަރު މެޗެއް ކުޅެލީމަ. ބިދޭސީ ހުރިހާ ކުޅުންތެރިން ޓީމަށް ލައިގެން ކުރެވުނީ މަދު ޕްރެކްޓިހެއް،" ކުރިން އޭވައިއެލް އަށް ވެސް ކޯޗުކޮށްދިން އާތީ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ވިކްޓަރީ މި އަހަރު ވެސް ޒުވާން ތިން ކުޅުންތެރިއަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ފުޓްބޯޅަ އަށް ޒުވާން ކުޅުންތެރިން އިތުރުކުރުން މުހިއްމު ކަމަށް އާތީ ވަނީ ބުނެފަ އެވެ.

ލީގުގެ އެއްވެސް މެޗެއް އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ: ސާންތީ

ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން ވަނީ މާޒިޔާ އަތުން 1-0 އިން ބަލިވެފަ އެވެ. އެހެން ނަމަވެސް މުޅި މެޗަށް ބަލާއިރު އީގަލްސް އިން ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކުރި އެވެ.

ސާންތީ ބުނީ މިއަދުގެ މެޗަށް ނުކުންނާނީ މާޒިޔާ މެޗުގައި ދިމާވި މައްސަލަ ހައްލުކުރަން ކަމަށެވެ.

"މާޒިޔާ މެޗުގައި އަޅުގަނޑުމެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު. މެޗު އަޅުގަނޑުމެންގެ އަތްމައްޗަށް ވެސް އައި. ދިމާވީ މިދިޔަ އަހަރު ވެސް ދިމާވި މައްސަލަ. ގޯލެއް ޖަހާލާނެ ކުޅުންތެރިޔެއް ނެތުން. ގޯލެއް ޖަހާނެ ނޫނީ ގޮތެއް ނެތުން. ޕްރެކްޓިސްގައި މަސައްކަތްކުރީ މި ކަންކަން ރަނގަޅުކުރުމަށް،" ސާންތީ ބުންޏެވެ.

އޭނާ ބުނީ އީގަލްސް އިން މާޒިޔާ މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށެވެ.

އީގަލްސްގެ ކޯޗު ސާންތީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އީގަލްސް އާ އަޅުގަނޑު ހަވާލުވި ފަހުން ކުޅުނު އެންމެ ރަނގަޅު ގޭމް މާޒިޔާ މެޗަކީ. އެ ދުވަހު ބަލިވި ކަމަށް ވިޔަސް އަޅުގަނޑު ގެއަށް ދިޔައީ އުފަލުން. އެއީ ދެ ގޮތަކަށް އަންނަ ކަމެއް އެބައޮތް ފުޓްބޯޅައިގައި. އެއީ މޮޅުވީމަ ލިބޭ ހިތްހަމަ ޖެހުމާއި މޮޅަށް ކުޅެގެން ލިބޭ ހިތްހަމަ ޖެހުން. އެގޮތަށް ވިސްނާއިރު މާޒިޔާ މެޗުން ލިބުނު ކުރިއަށް ހުރި މެޗުތަކަށް ހިތްވަރެއް،" ސާންތީ ބުންޏެވެ.

މި ފަހަރު މާލޭ ލީގުގައި ކުޅޭނީ ދެ ބުރަށެވެ. މާލޭ ލީގުގެ ގަދަ ހަތަރަކަށް ޕްރިމިއާ ލީގުން ޖާގަ ލިބޭއިރު އަނެއް ހަަތަރު ޓީމު ޖެހޭނީ މާލޭ ލީގު ކޮލިފައިން ކުޅޭށެވެ.

"މި ފަހަރު އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ. އެއީ ދެ ބުރެއް ކުޅެން ޖެހޭއިރު މި އޮތީ 14 މެޗު މިއިން ކޮންމެ މެޗެއް ވެސް ވެގެންދާނީ ފައިނަލަކަށް އެގޮތަށް ބަލާއިރު ކޮންމެ މެޗަކަށް ވެސް ވަރަށް ރަނގަޅަށް ވިސްނައިގެން ނުކުންނަން ޖެހޭނީ. ތަފާތު ބޮޑު ނަތީޖާތަކެއް ނެރެވޭނެ އަހަރެއް ނޫން މިއީ،" ސާންތީ ބުންޏެވެ.

މިދިޔަ އަހަރު ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ކުޅުނު ތިން މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެކަމަކު ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އީގަލްސް ވަނީ ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފަ އެވެ.

"މިދިޔަ އަހަރު ވެސް ޔުނައިޓެޑް ވިކްޓަރީއާ ކުޅެގެން ލީގުގައި ތިން އެއްވަރުވެފައިވަނީ. އެގޮތަށް ބަލާއިރު މި މެޗާ މެދު އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ،" މިދިޔަ އަހަރު އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިން ސާންތީ ބުންޏެވެ.

މިއަދު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ވެސް އަނިޔާގެ ސަބަބުން އީގަލްސްގެ އަހުމަދު ނާޝިދު (ނައްޓޭ) ނުކުޅޭނެ އެވެ. އަދި އަދި އާއިލީ ކަމެއްގެ ސަބަބުން މި ވަގުތު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ހުރީ ޓީމާ ދުރުގަ އެވެ.

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯރަ

04 March 2017

ކުރަށް ބޭނުންވި ކަންތައް ހާސިލްވީމަ ނިމްނީ. ސާންފަލުކެފޭއިން ކޮފީބޮލާފަ ފޮނިވާހަކަ ދަންކާލަ ދަންކާލަ ތިބީމަ ނިމްނީ. މަސްނިމްނީމަ މުސާރަލިބޭނެ ވިންޔާ.

The name is already taken The name is available. Register?

ކުދުރޭޑިއޯ

04 March 2017

އެފްއޭއެމް ވަރަށް ކިކުގަ މާކެޓިން ޑިފާޓްމެންޓަކާ އޭޗަކާ މީއްޗަކާ ހަދައިގެން އުޅޭއަޑުއިވޭއިރު އެމީހުންގެ ވެބްސައިޓް ހުރީ އަދިވެސް މިދިޔަ އަހަރު 'ކަނޑުމަތި' އެޅިގޮތަށް ކަނޑުމަތިއަޅަފަ. އަޕްޑޭޓް ކޮއްދޭނެ ކުއްޖަކުވެސް ނުވަނީތަ

The name is already taken The name is available. Register?

މޮރިނިއޯ

04 March 2017

މިއާޓިކަލް ކިޔާލުމުން ހީވަނީ އާތިޓީމް އޮތީ ހޮސްޕިޓަލުގަ އެޑުމިޓް ކޮށްފައިހެން.

The name is already taken The name is available. Register?

އާރިފް

04 March 2017

އަސްލުވެސް މިފަހަރު އެއްވެސް ޓީމަކަށް ފަސޭހައެއް ނުވާނެ. ފުރެމިޔާލީގްގެ ވާދަވެރިކަމަށް ވުރެ ދިވެހި ލީގުގެ ވާދަވެރިކަން ބޮނޑް.ޓީމްތަކުގެ ފެންވަރު ރަގަޅު އެއްމެ ބޮނޑް ސަބަބަކީ ބިދޭސީ ކުޅުންތެރިންގެ ތަފާތު.

The name is already taken The name is available. Register?

ޓޮޓީ

04 March 2017

އެފްއޭއެމް ދޯދިޔާކަމުން ދިވެހި ފުޓްބޯޅަ ކުރިއެރުމެއް ނުލިބޭނި. ފުރެކުޓިސް ކުރާ ދަނޑަކޭ ގަޅޮޅުދަނޑެކޭ ތަފާތެއްނެތް.އެހާވެސް އަލިމަޑް. ސުކޯބޯޑް މަސައްކަތް ނުކުރެ. އަދި އެއްބޯޑް ބަހަށްޓަށް ފެންނަނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454