އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް އިއްޔެ ޕަރީފެންގަނޑަށް ޒިޔާރަތްކޮށް އެ ތަން ބައްލަވާލައްވަނީ --- ފޮޓޯ/އެންވަޔަރްމެންޓް މިނިސްޓްރީ
13 އޮކްޓޯބަރ 2024 - 12:09
ލ. ގަމުގައި ހިމާޔަތް ކޮށްފައި އޮންނަ ސަރަހައްދެއް ކަމަށްވާ ބޮޑަ ފެންގަނޑަ (ޕަރީފެންގަނޑު) ގައި ވިއުއިން ޕްލެޓްފޯމެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ޖަމްއިއްޔާއަކާ ހަވާލުކޮށްފި އެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް އިއްޔެ ވަނީ ޕަރީ ފެންގަނޑަށް ޒިޔާރަތް ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދުގައި ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖީއީއެފް) ގެ ދަށުން ވިއުއިން ޕްލެޓްފޯމެއް އެޅުމަށް ބޭނުންވާ ގްރާންޓް އެހީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސާދީފައިވާ ކަމަށެވެ.
އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް އިއްޔެ ޕަރީފެންގަނޑަށް ޒިޔާރަތްކޮށް އެ ތަން ބައްލަވާލައްވަނީ -- ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
މި ގްރާންޓުތައް ހަވާލުކުރުމަށް އިއްޔެ ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕަރީފެންގަނޑުގެ އިތުރުން ލ. އަތޮޅުގެ އިތުރު ދެ ރަށެއްގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަރައްގީކުރަން ވެސް ވަނީ އެހީ ހަވާލުކޮށްފަ އެވެ. އެއީ މާބައިދޫގައި ހިމާޔަތް ކޮށްފައިވާ ކޯރު ސަރަހައްދާއި ހިތަދޫ ކުޅި ސަރަހައްދެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ، އިއްޔެ ދޫކުރި ގްރާންޓުތަކުގެ ދަށުން މިއިން ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށާއި އަދި މި ފައިސާ ބޭނުން ކުރާނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރު ކޮށްފައިވާ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Visiting “Paree Fengandu” protected area at L. Gan Island. Government will faciliate to build a viewing platform at this site through Global Environmental Facility (GEF) by providing a grant assistance to Maldives Heritage Society pic.twitter.com/40562ysLJu
— Thoriq Ibrahim (@Thoriqibrahim) October 12, 2024
ގްރާންޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މި ގްރާންޓުތަކަކީ މި ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހިފުމަށް ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ގްރާންޓްތައް ރަނގަޅަށް ބޭނުން ކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫއުތަކަށް ފުރުސަތު ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގްރާންޓު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތޯރިގް ވާހަކަދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ
ޖީއީއެފްގެ ގްރާންޓް ހަވާލުކުރި ތިން ސަރަހައްދު ހިމެނޭހެން ލ. އަތޮޅުގެ ޖުމްލަ ހަ ސަރަހައްދެއް ހިމާޔަތް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
ޔޫއެންޑީޕީގެ މި ގްރާންޓުގެ ދަށުން އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކު މަރާމާތު ކުރުމަށް ސަރުކާރުން އެމްޔޯޔޫއެއްގައި ވެސް މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަރީސް
13 October 2024
އެތައް އަހަރެއް ކުރިން ތިތަން ބަލަން ދިއައިރު ވަރަށް ކުނި ގިނަ. ކުނިތައް ނާރާ ގޮތަށް ފޮޓޯއެއްވެސް ނަގާނުލެވުނު. ކިތަންމެ ރީތި ތަނެއްވެސް ރީތިކޮށް ބޭއްވޭނީ އެންމެން އެއްވިސްނުމެއް ބަހައްޓައިގެން ތަނުގެ ރީތިކަން ދަމަހައްޓަން މަސައްކަތްކޮށްގެން.
ނުވިސްނާ
13 October 2024
ތި ފެންގަނޑައް ދިޔައީމަ އިނގުނީ ލާމު އަތޮޅޮމީހުން ޕަރީކިޔަނީ މަދިރިޔައް ކަން.
ސަލީމު އިދުރީސް
13 October 2024
ތިމާވެއްޓާ ބޭހޭ ވުސާރާއިން ތިމާވެށި ހަލާކުކުރަނީ! ހިމާޔައް ކޮއްފަ ހުނަތަންތާޖެތޯ ކޮންމެހެންތިކަން ކުރަން ތިތަނައްދާމީހުން އަމަލުތަކުން ތިތަން ހަޑިކުރާނެ ބުއިދަޅުތަކާ ދަރިންޖެހި ނެފީ ހުންނާނީ ތިތަނައް އުކާފަ! އަދި ސައިކަލުގަ ދެވޭގޮތައް ތާރުއަޅާފަ މަގެއްވެސް ހަދައިދީ އެއިރުން ބޮޑައް ހިމާއަތް ވާނީ
ސަސި
13 October 2024
ޕުލެޓްފޯމް ނިމޭއިރު ޕަރީ ޒިޔާރަތް ނުކުރާވަރަށް ތަރައްގީ ނުކުރާތި