މިއަހަރުގެ ލީގުގައި ވާދަކުރާ ޕޮލިސް އަދި ވެމްކޯ ޓީމް.-- ފޮޓޯ: ވީއޭއެމް
14 އޮކްޓޯބަރ 2024 - 08:50
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުން ކަނޑައަޅަން މިރޭ ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ބައްދަލުކުރާނެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިރޭ ލީގުގެ ފަހު މެޗުގައި ޕޮލިހާއި ވެމްކޯ ބައްދަލު ކުރާއިރު، ދެ ޓީމު ވެސް ވަނީ ސެޓެއް ގެއްލުވާނުލައި މިހާތަނަށް ކުޅުނު ފަހަރު މެޗު ކަމިޔާބު ކޮށްފަ އެވެ.
އެގޮތުން އިއްޔެ ޕޮލިހުން ފަސޭހަ ކަމާއެކު 25-6، 25-6 އަދި 25-5 އިން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އަދި ވެމްކޯ ވަނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާ ވާދަކޮށް 25-15، 25-16 އަދި 25-12 އިން މޮޅުވެފަ އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދާއިރު، މިއަހަރުގެ ލީގުގައި ހަ ޓީމު ވާދަކުރެ އެވެ.
މިވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ދެ މެޗު ކާމިޔާބު ކޮށްފައިވާ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ. އެ ޓީމުން ދެވަނަ މޮޅު ހޯދީ ރޭ އަސްދިގާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެ 25-16، 25-17 އަދި 25-8 އިން ކުރި ހޯދައިގެންނެވެ.
ހިންމަފުށި ވިކްޓޯރިއަސް އާއި އަސްދިގާ ސްޕޯޓްސް ކްލަބް ވެސް އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، ގުޑީސް އަށް އަދި މެޗެއް ކާމިޔާބެއް ނުވެ އެވެ.
ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތް އިރު، މެންދުރު 3:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫތު ނިއު ޖެނެރޭޝަނާއި ގުޑީސް އެވެ. އަދި ހަވީރު 5 ޖަހާއިރު ބައްދަލުކުރާނީ އަސްދިގާ އާއި ހިންމަފުށި ވިކްޓޯރިއަސް އެވެ.
ވެމްކޯ އާއި ޕޮލިސް ބައްދަލުކުރާ ލީގުގެ ފަހު މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.
ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ވެސް މި ހަތަރު ޓީމަށް ޖާގަ ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy