އިޒްރޭލުން ހަމަލާދީފައިވާ ސަރަހައްދެއްގައި ބަޔަކު ހަރަކާތްތެރިވަނީ: ގުދުސްގައި ހުންނަ އދ. ގެ އޮފީހެއް އަތުލަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ވަނީ ކުށްވެރި ކޮށްފައި
15 އޮކްޓޯބަރ 2024 - 13:08
އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގާއިމްކޮށްފައިވާ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ)ގެ އޮފީސް އަތުލުމަށް އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ އޭޖެންސީތަކާއި އެހީ ދޭ ޖަމާއަތްތައް ހުއްޓުވައި، އެހީތެރިންނަށް ހުރަސް އަޅައި ހަމަލާ ދިނުމަށް އިޒްރޭލުން ހިނގަމުންދާ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުކަމުގެ ގާނޫނުތަކާ ހިލާފަށް ކުރަމުންދާ އަމަލުތަކެއް ކަމަށެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށާއި އަސާސީ ހައްގުތައް ލިބިދިނުމަށް ހުރަސް އެޅޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މި އުނދަގޫ ހާލަތުގައި ވެސް ފަލަސްތީނު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް އަންރުއާ އިން ކުރަމުންދާ މަސައްކަތް ރާއްޖެއިން ބަަލައިގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލާ ގޮވާލުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
16 October 2024
ޔަހޫދީންނާ ނަސާރާއިން އަދި ޔޫރަޕުން އެމީހުން އަމިއްލަޔަށް ދުނިޔޭގައި ހަންފެތުރުމަށް ލިޔުނު ބައިނަލް އަގުވާމީ ޤާނޫނުތަކޭ ކިޔާ ޤާނޫނުތަށް މިހިރަ މިހިރަ މުގުރަނީ....މި ޤާނޫނުތަކަށް އަމަލުކުރާނީ އެމީހުންގެ މަސްލަހަތު އޮންނަކަންކަމުގަ އެކަނިކަން މުސްލިމުން ދަންނަންވީ، މުސްލިމުންގެ އެއްވެސް މަސްލަހަތެއް ހުޅަނގުގެ މި ޤާނޫނުތަކަކުން ހިމާޔަތެއް ނުކުރާނެ
ބުރަތޭރީ
15 October 2024
އިޒްރޭލަކީ ދުނިޔޭގެ ބޮޑު ޓެރަރިސްޓް ބައިގަނޑެއް. އެކަމަށް ހުރިހާ ސަޕޯޓެއްދީ ހަތިޔާރާ ފައިސާ ކަރަދުކުރަނީ އެމެރިކާ...އެމެރިކާއިންގެ އެޖެންސީތަކާ ކުންފުނިތަށް މެދުވެރިކޮށް ހިންގާ ތަޕާތު، ސެމިނާތަކާ، ޕްރޮޖެކްޓްތަކާ، ޓްރޭނިން ޕްރޮގްރާމްތަކަށް ނިކަން ކެރިގެން ބޮއިކޮޓްކުރަންޖެހޭ...ފަލަސްތީނަށް ތާއީދުކުރުމަކީ އެއީކަމަށް ބެލެވެނީ