"ސިޑަޓެލް: ހަނީ ބަނީ"ގެ ޕޯސްޓަރުގައި ސަމަންތާ އާއި ވަރުން.
17 އޮކްޓޯބަރ 2024 - 05:50
އެމެޒަން ޕްރައިމް ވީޑިއޯގެ ސްޕައި ސީރީޒް ފްރެންޗައިޒް "ސިޓަޑެލް"ގެ އިންޑިއާ ވާޝަން "ސިޓަޑެލް: ހަނީ ބަނީ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓުގެ އެ ޓްރެއިލާގައި ސީރީޒްގައި ލީޑު ރޯލުތައް ކުޅޭ ވަރުން ދާވަން އާއި ސަމަންތާ ރޫތު ޕްރަބޫގެ ގިނަ މަންޒަރުތަކެއް ވަނީ ހިމަނައިފަ އެވެ. އެ ދެ ފަންނާނުންގެ ވެސް ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް މި ޓްރެއިލާގައި ފެނެ އެވެ.
އަންނަ މަހު ހަތެއްގައި ސްޓްރީމްކުރަން ފަށާ "ސިޓަޑެލް: ހަނީ ބަނީ" އަކީ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ރުސްސޯ ބްރަދާސް އުފައްދާފައިވާ ހޮލީވުޑް ސީރީޒްގެ އިންޑިއާ ވާޝަނެވެ.
މި ސީރީޒް ބިނާކޮށްފައި ވަނީ 1990 ގެ އަހަރުތަކުގައި ހިނގާ ކަންތައްތަކެއް ދައްކާ ގޮތަށެވެ. ވަރުން ކުޅެނީ ސްޓަންޓު ޖައްސާ، ބަނީ ކިޔާ މީހެއްގެ ރޯލެވެ. ސަމަންތާ ކުޅެނީ ފިލްމީ ތަރިއަކަށް ވުމަށް މަސައްކަތްކުރާ ހަނީ ކިޔާ އަންހެނެއްގެ ރޯލެކެވެ. އަދި އެ ދެމީހުން ދިމާވެ، ޖާސޫސީ ދުނިޔެއާ ގުޅުމުން އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލާއި ދެން ދިމާވާ ތަފާތު ކަންތައްތައް ދައްކާނެ އެވެ.
އެ ދެ ތަރިންނާ އެކު މި ސީރީޒްގައި މުހިންމު ރޯލުތައް ކުޅުނީ ކޭ ކޭ މެނޮން، ސިމްރަން އަދި ސަގީބް ސަލީމް އެވެ.
"ސިޑަޓެލް: ހަނީ ބަނީ" ޑައިރެކްޓުކުރީ "ދަ ފެމެލީ މޭން" އާއި "ފަޒްރީ" ކަހަލަ އިންޑިއާގެ ވެބް ސީރީޒްތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ. އަދި ސްކްރީންޕްލޭ ލިޔެފައި ވަނީ ސީތާ މެނޮން އާއި ރާޖް އެންޑް ޑީކޭ އެވެ.
މި ސީރީޒްގެ ހޮލީވުޑް ވާޝަންގައި ލީޑު ރޯލުތައް ކުޅުނީ ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑެން އެވެ. އެ ސީރީޒް ޕްރިމިއާކުރީ މިދިޔަ އަހަރެވެ. ނަމަވެސް، އެ ސީރީޒަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.
"ސިޓަޑެލް" ފްރެންޗައިޒްގެ ދަށުން އިޓަލީގެ "ސިޓަޑެލް: ޑައިއާނާ" ވެސް ގެނެސްދޭން ތައްޔާރުވަމުން އަންނައިރު، އިތުރު ގައުމުތަކުގެ ވާޝަންތައް ވެސް ގެނެސްދިނުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވާޝަންތައް ހަދާ ގޮތަށް "ސިޓަޑެލް" އިއުލާންކުރީ 2020ގެ ކުރީކޮޅުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy