އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއަކަށް ފަހު ދުން އަރަނީ: އިޒްރޭލުން ބުނާ ގޮތުގައި ހިޒްބުﷲގެ ފައިސާ ރައްކާކުރާ ތަނެއް ވަނީ ގޮއްވާލާފައި. -- ފޮޓޯ: އޭއެފްޕީ
22 އޮކްޓޯބަރ 2024 - 06:45
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މާލީ މަސައްކަތްތައް ކުރާ ތަންތަނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި 25 އަށްވުރެ ގިނަ ތަނަށް ހަމަލާ ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރާއި ރަނުން އެތައް މިލިއަނެއް ރައްކާކޮށްފައި ހުރި ބަންކަރެއް ހިމެނޭ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިސްރާއީލް ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ ހިޒްބުﷲގެ މާލީ މަރުކަޒުތަކަށް ޔަގީންކަން ބޮޑުކޮށް، ސީދާ އެ ތަންތަނަށް ގެއްލުން ދިނުމުގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
"އިއްޔެ ރޭ މައިގަނޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒަކީ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ އާއި ރަން ރައްކާކޮށްފައި ހުރި ބިމުއަޑީގެ ތިޖޫރީއެއް. މި ފައިސާ ބޭނުންކުރަމުން ދިޔައީ އިޒްރޭލަށް ދޭ ހަމަލާތަކަށް ފަންޑުކުރުމަށް،" ހަގާރީ ބުންޏެވެ.
އެކަމަކު ހަމަލާގައި އެތަން ހަލާކުވި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ނުބުނެ އެވެ.
ހަގާރީ ވަނީ ބައިރޫތުގެ ދެކުނު ސަރަހައްދުގައި ހުންނަ ސަހެލް ހޮސްޕިޓަލް ދަށުގައި ވެސް ފައިސާ އާއި ރަން ރައްކާކޮށްފައިވާ އެހެން ބަންކަރެއް އެބަހުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އެތަނަށް ހަމަލާއެއް ނުދެ އެވެ.
"އަހަރެމެންގެ އަންދާޒާތަކުން ދައްކާ ގޮތުގައި މި ބަންކަރުގައި މަދުވެގެން އެއް ބިލިއަން ޑޮލަރުގެ ފައިސާ އާއި ރަން ރައްކާކުރެވިފައި އެބަހުރި،" ހަގާރީ ބުންޏެވެ. "މި ފައިސާއަކީ ލުބްނާން އަލުން ބިނާކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއް."
ހޮސްޕިޓަލްގެ އިސްވެރިޔާ ފާދީ އަލަމޭ، އޭއެފްޕީއަށް ވިދާޅުވީ އިޒްރޭލުން ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކާ ހެދި އޮތް ނުރައްކަލުގެ ސަބަބުން ހޮސްޕިޓަލްގައި މިހާރު ހިންގަމުންދަނީ ހަމައެކަނި އިމަޖެންސީ ޑިޕާޓްމަންޓް ކަމަށާއި އެތަނުގެ މެޑިކަލް މުވައްޒަފުން އެތަނުން ނެރެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ހަދަނީ ދޮގެއްކަން ކަށަވަރުކޮށްދޭން ތައްޔާރު ކަމަށާއި ލުބްނާން ސިފައިން ނުވަތަ އެހެން ބަޔަކު އައިސް ހޮސްޕިޓަލް ބަލައި ފާސްކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އިޒްރޭލު ސިފައިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ލުބްނާންގައި ހުރި ހިޒްބުﷲގެ 300 އަށް ވުރެ ގިނަ ތަނަކަށް ހަމަލާ ދީފައި ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު1
22 October 2024
މުޅި މެދުއިރުމަތި އިޒްރޭލް ގެ ބާރުގެ ދަށަށް ގެންދާއިރިވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ތިބި އަރަބި ގައުމުތަކުވެރިން އަނގަމަތީގައި ޓޭޕް އަޅައިގެން މިތިބެނީ
ވިސޑމ
22 October 2024
މިކަހަލަ ނަމުގައި ފަލަސއތީނުގެ ހުރިހާ ހޮސްޕިޓަލްވެސް ހަލާކު ކުރީ. ލުބުނާނުން ބުނީ ހުރިހާ ނޫސްވެރިނަށް ދައުވަތު ދެމޭ. އަންނާށޭ އިޒުރޭލުން އެބުނާ ރަންވަޅު ބަލަން. އެހުރީ ބޮން އަޅައިފައި ހުރި ވަޅުގަނޑޭ. ބަލަން އަންނާށޭ. އިޒުރޭލަކީ ދޮގާއި މަކަރުގައި ތަންތަން ފަނާކުރަަ ބައެއް.