"މިރްޒާޕޫރް"ގެ ޕޯސްޓަރެއް.
30 އޮކްޓޯބަރ 2024 - 07:08
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އެމެޒަން ޕްރައިމް ވީޑިއޯގެ ހިންދީ ސީރީޒް "މިރްޒަޕޫރް" އަށް ބިނާކޮށް ގެނެސްދޭ ފިލްމެއް އިއުލާންކޮށްފި އެވެ.
"މިރްޒާޕޫރް: ދަ ފިލްމް" އިއުލާންކުރީ އެ ސީރީޒްގެ ޕްރޮޑިއުސަރު އަދި ބޮލީވުޑްގެ ތަރި ފަރްހާން އަކްތަރެވެ.
ފަރްހާން ވަނީ ފިލްމުގެ ޕްރޮމޯޝަނަލް ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. އެ ޓީޒާއިން ފެންނަ ގޮތުގައި، ސީރީޒްގައި މުހިންމު ރޯލުތައް ކުޅޭ ޕަންކަޖް ތުރިޕާޓީ އާއި އަލީ ފަޒާލް ވެސް ފިލްމުގައި އުޅޭނެ އެވެ. އަދި "މިރްޒަޕޫރް"ގެ ދެވަނަ ސީޒަންގައި މަރުވި ދިވްޔެންދޫ ތުރިޕާޓީ ވެސް މި ފިލްމާ އެކު އެނބުރި އަންނާނެ އެވެ.
"މިރްޒަޕޫރް"ގެ ތިން ސީޒަނެއް މިހާތަނަށް ވަނީ ގެނެސްދީފަ އެވެ. އެންމެ ފަހު ސީޒަން ގެނެސްދިނީ މިދިޔަ ޖުލައި މަހު އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "މިރްޒާޕޫރް"ގެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ ސްޓްރީމިން ޕްލެޓްފޯމެއްގެ ބަދަލުގައި ސިނަމާގަ އެވެ.
ސިންގް އާއި އަނަންދު އަޔަ ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ޑްރާމާގެ ފުރަތަމަ ސީޒަން ޕްރިމިއާ ކުރީ 2018 ވަނަ އަހަރު އެވެ. އަދި ދެވަނަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ. ފުރަތަމަ ދެ ސީޒަނަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ތިންވަނަ ސީޒަނަށް އުއްމީދުކުރި ވަރުގެ ތަރުހީބެއް ނުލިބެ އެވެ.
މި ސީރީޒްގައި ދައްކަނީ މިރްޒާޕޫރްގެ ކިޔާ ހިސާބުގަނޑެއްގައި އެތަނުގެ ބާރާއި ނުފޫޒު ހޯދަން އުޅޭ ގޭންގުތަކެއް މެދުގައި ހިނގާ ހަމަނުޖެހުންތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy