ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ އާއި އޭނާގެ އާ ލޯބިވެރިޔާ ވޯކާ ބްލާންކޯ.
31 އޮކްޓޯބަރ 2024 - 06:28
ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭ އާ ލޯބިވެރިޔަކު ހޯދައިފި ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ.
އަނަންޔާ އާ ލޯބިވެރިޔަކު ހޯދި ކަމަށް ބުނާ އަޑުތައް ގަދަވީ އިއްޔެ ފާހަގަކުރި އޭނާ 26 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި މީހަކު އޭނާއަށް ތަހުނިޔާ ކިޔާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުކުރީ އެމެރިކާ މީހެއް ކަމަށްވާ ކުރީގެ މޮޑެލް ވޯކާ ބްލާންކޯ އެވެ.
ވޯކާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި އެ ޕޯސްޓު އަނަންޔާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރީ-ޕޯސްޓުކޮށްފަ އެވެ.
"ހެޕީ ބާތުޑޭ ބިއުޓިފުލް. ޔޫ އާ ސޯ ސްޕެޝަލް. އައިލް ލަވް ޔޫ އާނީ،" އަނަންޔާގެ ފޮޓޯއަކާ އެކު ވޯކާ ޝެއާކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
ބެލެވޭ ގޮތުގައި، އެ ފޮޓޯއަކީ އެމީހުންގެ ޑިނާ ޑޭޓެއްގައި ނަގާފައިވާ ފޮޓޯއެކެވެ.
އަނަންޔާ އާއި ވޯކާ ރައްޓެހިވެގެން އުޅޭ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ މި އަހަރު ކުރީކޮޅުގައި ބޭއްވި އަންނަތު އަމްބާނީގެ ކައިވެނި ޕާޓީގައި އެ ދެމީހުން އެކުގައި އުޅެނިކޮށް ފެނުނު ހިސާބުންނެވެ. އޭރު ބޮންބޭ ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، އަނަންޔާ ވަނީ ވޯކާއަކީ އޭނާގެ ޕާޓުނަރު ކަމަށް ބުނެ އެ ޕާޓީގައި ގިނަ ބަޔަކަށް ވޯކާ ތައާރަފުކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެމެރިކާގެ ޗިކާގޯއަށް އުފަން ވޯކާއަކީ ކުރިން މޮޑެލް ކުރަން އުޅުނު މީހެކެވެ. އެކަމަކު، އޭނާ ވަނީ ފަހުން މޮޑެލް ކުރުން ހުއްޓާލައި ދިރޭތަކެއްޗަށް ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތްކުރަން ފަށައިފަ އެވެ.
އޭނާ މިހާރު މަސައްކަތް ކުރަނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ހިންގާ އެނިމަލް ޝެލްޓާއެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ވޯކާގެ އިންސްޓަގްރާމްގައި މުޅިންހެން ވެސް ހުރީ އެކި ކަހަލަ ޖަނަވާރުތަކާ އެކު އޭނާ ނަގާފައިވާ ފޮޓޯތަކެވެ.
އަނަންޔާ ކުރިން ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓަރު އަދިތުޔަ ރޯއީ ކަޕޫރާ އެވެ. މިދިޔަ މާޗު މަހު އެ ގުޅުން ނިމުމަކަށް ގެނައީ ގާތްގަނޑަކަށް ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ. އެ ދެމީހުންގެ ގުޅުމަށް ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި ފިރިހެނާ
31 October 2024
މަށަށް ހެޔޮ! މަވާ ސަލާން!