ނޫސްވެރިންނަށް އެވޯޑު ދިނުމަށް ރޭ ބޭއްވި ހަފުލާގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
31 އޮކްޓޯބަރ 2024 - 11:16
މި ސަރުކާރުން ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްސީން ބޭއްވި ނޫސްވެރިންނަށް އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި މިއީ ނޫސްވެރިންނާ ވަރަށް ގާތުން، ގުޅިގެން މަސައްކަތްކުރާ ސަރުކާރެކެވެ.
ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދީ، ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"...ހުރިހާ ކަމެއްގައި ވެސް ދެފުށް ފެންނަ ސިޔާސަތާއި ހާމަކަން ބޮޑުކޮށް ކަންކަން ކުރާނެ ސަރުކާރެއްކަން. ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަން. ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަން،" އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި އެވޯޑް ލިބުނު ނޫސްވެރިން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ އެކު ފޮޓޯ އަކަށް ހުއްޓިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަންދީ ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވެސް، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. ކެބިނެޓުގެ ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރުމަކީ އެއް ހެކިކަން ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އާ ގާނޫނުއަސާސީއާ އެކު ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުވެގެން ދިޔައިރު، ނޫސްވެރިންގެ މަސްއޫލިއްޔަތު ވެސް ބޮޑުވެގެން ދިޔަ ކަމަށެވެ.
އެހެންވެ، ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ނުއުފެދޭ ގޮތަށް މައުލޫމާތު ފެތުރުމަށް ވެސް އެ މަނިކުފާނު ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް(މ)ގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިިހާރު
"އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ދޮގު މައުލޫމާތު، ހަބަރު ނުފެތުރުމަށް ހަރު އަޑުން އަޅުގަނޑު މިރޭ ގޮވާލަން. މީޑިއާއަކީ ވަކި ވަސީލަތްތަކުން ފޮނުވާ ހަބަރާއި މައުލޫމާތަކީ ހުރިހާ އުމުރަކާ ގުޅޭ، އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ހެދުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމަށް ފަހި ޒަމާނަކަށް ވާއިރު މި މަސައްކަތުގައި ޒުވާނުން ތިބުމަކީ ވަރަށް ބޮޑު އުފަލެއް އަދި ގައުމުގެ ފަހި މުސްތަގުބަލަށް މުހިއްމު ސިގްނަލެއް ކަމަށެވެ. އޭގެ އިތުރަށް ކޮލެޖުތަކުން ކިޔަވާ ދަރިވަރުންގެ ތެރެއިން ގާބިލް މީހުން ނޫސްވެރިކަމަށް ޝައުގުވެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް މީޒާންކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާ އަދާކުރުމަށް ހުރިހާ ނޫސްވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަލަން1
31 October 2024
ދުލާއި ގަލަމުގެ މިނިވަންކަން ދިވެހީން ހޯދިތާ އެތައް އަހަރެއް. ހީވާނީ އެކަންވެސް ނިގުޅައި ނުގަނެގެން އުޅުއްވާހެން