މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް މީޑިއާ ކައުންސިލް ހާޒިރުކުރުން: އެ ކައުންސިލުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
31 އޯގަސްޓް 2025 - 15:17
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށާއި އެ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައިނުވާ ކަމުގެ ކަންބޮޑުވުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފާޅުކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު މަޖިލީހުން ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްސީގެ ރައީސް ހުސެއިން ސަގީފު ވިދާޅުވީ މީޑިއާ ބިލް އޮތީ އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި އަދި ޑްރާފްޓް ކުރުމުގެ މަރުހަލާގައި ކަމާ ގުޅޭ އެއްވެސް ފަރާތަކާ މަޝްވަރާކޮށް ހިޔާލު ހޯދާފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ބިލް އޮތީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭ ގޮތަށް ވެސް ނޫން ކަމަށާއި އެކަންކަން ބިލް ޑްރާފްޓްކުރިއިރު ސާފުކޮށްފައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ބިލު އޮތީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ވެސް ގެއްލޭ ގޮތަށް ކަމަށާއި ނޫސްވެރިކަމުގެ އަސާސްތައް ވެސް ގެއްލޭ ގޮތަށް ކަމަށް ސަގީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިލު ފަރުމާކޮށްފައިވަނީ މީޑިއާ ހައްގުތަކާއި ބްރޮޑްކާސްޓިންއާ ގުޅޭ ކަންކަން މަސްހުނިވާ ގޮތަށް ކަމަށެވެ.
މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް މީޑިއާ ކައުންސިލް ހާޒިރުކުރުން: އެ ކައުންސިލުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެހެންވެ، އެމްއެމްސީއިން އެދޭ ގޮތަކީ ކަމާ ގުޅޭ ފަރާތްތަކާ އެކު ފުޅާ ގޮތެއްގައި މަޝްވަރާކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން އާ ބިލެއް އެކުލަވާލުން ކަމަށް އެމްއެމްސީގެ ރައީސް ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލު އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީގައި ސަގީފު އެދިވަޑައިގަތެވެ. މިހާރު ހުށަހަޅާފައި އޮތް ބިލު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލުގެ ސަބަބުން އުފެދިގެން ދާނީ އިތުރު ކަންބޮޑުވުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ މި ބިލު މި ވަގުތަށް ބޭރުކޮށްލުމަށް. އަދި މިކަމުގައި މަޝްވަރާކޮށް ނޭޝަން ވައިޑް ރިސާޗެއް ހެދުމަށް،" ސަގީފު ވިދާޅުވި އެވެ.
ސަގީފު ވިދާޅުވީ ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަމާ އެކު ވެސް މިހާރު އެމްއެމްސީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްސީން ބެލި މައްސަލަތަކުގެ ތެރެއިން 20 މައްސަލައެއް ނޫސްތަކާ ދެކޮޅަށް ނިމިފައިވާ ކަމަށާއި އެއްކޮޅަށް ނިމުނީ ނުވަ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ނޫހެއް އެއީ ދޮގު މައުލޫމާތު ފަތުރާ ނޫސްތަކެއް ކަން ހާމަކޮށް އެޑްވައިޒަރީއެއް ނެރެފައިވާނެ ކަމަށާއި އަދި ބޭއަދަބީ ބަސްތައް ބޭނުންކުރާ ވެބްސައިޓެއް ބްލޮކްކުރަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އެ މަސައްކަތްތައް އެމްއެމްސީން ކުރަމުން ދަނިކޮށް މީޑިއާ ރެގިއުލޭޓްކުރަން އާ ނިޒާމެއް ހޯދާ ނަމަ، އެކަން ކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ސަގީފު ވިދާޅުވި އެވެ. އަދި އެކަމުގައި ރާއްޖޭގައި ގާއިމްވެ ތިބި އދ. ފަރާތްތަކުގެ އެހީ ހޯދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ މެންބަރު ނަހުދާ ފާއިޒު ވިދާޅުވީ ބިލު މިހާ އަވަސް އަރުވާލައިގެން ނިންމަންޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ބޭނުންވާ ކަމަށާއި އެކަމާ މަޝްވަރާ ކުރެވެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް މީޑިއާ ކައުންސިލް ހާޒިރުކުރުން: އެ ކައުންސިލުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ނަހުދާ ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ފިޔަވަޅު އަޅަން މާއްދާތައް ބިލުގައި ހިމަނާފައިވާއިރު، ނޫސްވެރިންގެ ހިމާޔަތުގައި ބިލުގައި ހަމަ އެއްވެސް މާއްދާއެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ކައުންސިލް މެންބަރު ނަޖާހު މަސްއޫދު ވެސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ވަރަށް ފުޅާކޮށް ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިން ސިޔާސީ ބަޔަކަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ކަމަށެވެ. ދައުލަތް ޖަވާބުދާރީކުރުމުގެ ޒިންމާ އޮތް ނޫސްވެރިންގެ މައްޗަށް ފިޔަވަޅުތައް ބިލުގައި ކަނޑައަޅާފައިވަނީ ވެސް ލިބޭ މުސާރައާ ނުބައްދަލު ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވީ ނޫސްވެރިކަން ހިމާޔަތް ކުރަން ބިލުގައި އެއްވެސް ކަމެއް ހިމަނާފައި ނެތްއިރު، ބިލު އޮތީ މީޑިއާ ތަޅުއެޅުމުގެ މަގުސަދުގައި ކަމަށެވެ. ސިޔާސީ ބަޔަކަށް ދިމާވި އަމިއްލަ ބައެއް ތަޖުރިބާތަކާ ހުރެ މުޅި ދާއިރާ ބަދަލުވާ ފަދަ ނިޒާމީ ބަދަލެއް ގެނައުމަކީ އެކަމަށް އެކަށީގެންވާ ސަބަބެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލަކީ މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ބިލު ބޭރުކޮށްލަން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ގޮވާލާފައިވާ ކަން ފާހަގަކޮށް، ނަޖާހު ވިދާޅުވީ ބިލު އޮތްގޮތަށް ފާސްކޮށްފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދާނެ ކަމަށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގު ކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.
އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ކަމަށްވާ ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.
ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފިނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމު
01 September 2025
މީ ވެލާ ކަހަނބުހެން ހިމާޔާތްކޮށްފައި ތިބި ބައެއްތަ؟ މި މީހުން ހިމާޔަތް ކުރީ ކޮންބައެއް..ހިމާޔަތް ކުރިކުރީހެންގޮސް މިޔަރު ހަމަލާދޭހެން މީހުންގެ އަބުރަށް ހަމަލާދެނީ...
ސޮފްވާންް
01 September 2025
މީޑިއާ ތަޅު އަޅުވަން އެބަ ޖެހޭ. ކަލޭމެންގެ އުދަގުލަކާ ހެދީ މި ގައުމުގަ ހަމަ ނޭވާ އެއް މީހަކަށް ނުލެވޭނެ. ތެދު ދޮގު ނުބަލާ ކަލޭމެން ހަބަރު ނެރޭތީ އަހަރުންނަށް ގޯހީ. ތެދު ހަބަރު ނެރޭ ނަމަ މި ބިލަކީ ހަރުކަށި ބިލަކަށް ނުވާނެ. ތި ބިލް ވެދާނެ މީޑިއާ މީހުންނަށް އޮތް ބިރަކަށް، ސަބަބަކީ ބޭނުންހާ ދޮގެއް ދެން ނުހެދޭނެތީ. އެކަމަކު މި ބިލިގެ ސަބަބުން އަހަރުން އާންމުންގެ އަބުރު ރައްކާތެރިވޭ. އެ އަހަރުން ބޭނުންވަނީ
އަތޫފް އަތޫފް
01 September 2025
މި ގައުމުގަ ނޫސްވެރިކަން ބައްޓަން ވެފަ އޮންނަނީ ފައިސާ ދިން ވަރަކަށް ބޭނުން ހަބަރެއް ޖަހާ ގޮތަށް. ބޮޑު ލާރިގަޑެއް ދީފަ ބޭނުން ހަބަރެއް ބޭނުން ތާކު ޖެހަން ވީ. މީހުންގެ އަނބިދަރިންނާވެސް ބެހެން ވީ ހަމަ. މިވަރުގެ ކަންކަން ކޮށްލަން މީ މާ އުދަގޫވެސް ކަމެއް ނޫން. %99 މީހުން ތިބެނީ ކޮންމެވެެސް ސިޔާސީ ޕާޓީއެއްގެ ފަހަތުގަ. އެބަޔެއް ތާއީދު ކުރާ ބައެއް ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިޔަސް އެބަޔެއްގެ ހަބަރުގައި އެމީހުން ވާނީ އަލިފުންނަށް. ކީކޭ ބުނާނީ ދެން
މިންނުު
01 September 2025
ބަލަ ތިމާގެ އަހުލާގު ފެންވަރު ރަނގަޅު ނަމަ ދުވަހަކުވެސް ގޯސް ގޮތެއް ނުވާނެ. މި ބިލް ކޮންމެ ގޮތަކަށް އޮތަސް ކިތަންމެ ހަރުކައްޓޭ ބުންޏަސް މީހުންނޭ ކިޔައިން ދޮގު ވާހަކަ ނުދައްކާ މީހުންގެ އަބުރަށް އަރައިނުގަންނަންޏާ އޯކޭ ވާނެ. އެ ނޫސްވެރިއަކަށް އެއްވެސް ކަހަލަ ދުއްޕާނެއް ނުޖެއްސޭނެ
ރިއްޕެ
01 September 2025
މި އިބުރާހިމް މުހައްމަދު ސޯލިހު ޒަމާނުގަ ފާސް ކުރަން އުޅުނު ބިލެއް. އެދުވަހުވެސް އެކަން ނުކޮށް ދޫ ދިނީ. މިއަދު އެކަމުގެ ބަލާ މުޅި މިގައުމަށް އެބަ ޖެހޭ. މި ބިލަކީ ފާސް ނުކޮށް ދޫކޮށްލާ ވަރުގެ ބިލެއް ނޫން. ރައީސް މުއިއްޒު ގެ ވިސްނުމުގަ ހުރީ ކުދި ކުދި ބަދަލުތައް ކުރުމަށްފަހު ފާސް ކުރަން. ކީއްކުރަންތަ ކުދި ކުދި ބަދަލުވެސް ގެންނަނީ.؛ އެއްވެސް ބަދަލެއް ގެންނާނެ ކަމެއް ނެތް، މީހުންގެ އަބުރު ހިފަހެއްޓުމަށް މި ބިލް އިންގޮތަށް ފާސްކުރަން އެބަ ޖެހޭ
ސަމޫހް
01 September 2025
ވާންވި ގޮތަކީ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލަން ވީ. އޭރަށް ހުރިހާ ކަމެއް ރަނގަޅަށް ހިނގާނެ
ފާރިޝް މުހައްމަދު
01 September 2025
މި މީހުން މިކުރަނީ ނޫސްވެރިކަމެއްތަ؟ މީހުންގެ އަބުރަށް އަރައިގަތުން ނޫން ކަމެއް ނުކުރޭ. ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ތެދެއް ދޮގެއް ނުބަލާ. ދެން ފަހުން އެދޮގެކޭ ވަރަށް ބޮޑަށް މާފު ކުރާށޭ ބުނާ އިރު މީހާ މި އޮންނަނީ ވެއްޔާލާ މޮޑެވިފަ. ކީކޭ ބުނާނީ ދެން
ތޯއިފްް
01 September 2025
މި މީޑިއާތަކުގެ މީހުން މިއުޅެނީ .. ވެގެންތަ؟
އަދިހަމް މުހައްމަދު
01 September 2025
މީ އަޅެއް މީހުންގެ އަބުރަށް ނޭރިގެން އުޅޭ ބަޔެއްތަ؟ ކިހާ ރަނގަޅުތަ ބިލް އޮތް ގޮތް. ޓީވީތަކަށް ކިރިޔާވެސް މީގަ ބިރެއް އޮތީ
އަހްމަދު ސަނީހް
01 September 2025
މީޑިޔާ ބިލް އޮތީ ރަނގަޅަށް. މޮޅު ވާޙަކަ ނުދައްކާ