މަޖިލީހުގެ ކޮމިޓީގައި ތިބި ނޫސްވެރިން ގަދަކަމުން ނެރެނީ: މިއަދު ވެސް ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައި
10 ސެޕްޓެމްބަރ 2025 - 11:04
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.
އިއްޔެ ވެސް ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނިންމީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. އަދި މިއަދު ވެސް ބައްދަލުވުން ސިއްރުކުރަން ފާސްކުރި އެގޮތަށެވެ.
ކޮމިޓީއަށް ބައެއް ނޫސްވެރިން ހާޒިރުވެ ތިބިއިރު، އެ ނޫސްވެރިން ވަނީ ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ އެ ކޮމެޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާއާ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.
އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ގަދަކަމުން ވަނީ ނެރެފަ އެވެ.
މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.
ބިލާ ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރަން އެދިފަ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. އަދި ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.
އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއޮތީ
11 September 2025
ރައްޔިތު އެންމެން މާ މުހިންމު އެއްޗެއް ސިއްރު ކުރާ ދުވަސް އަނެއްކާވެސް ވަރަށް އަވަހަށް އެބަ އާދޭ. އެދުވަހުން މިއަދު މިކަން ސިއްރު ކުރި މީހުން ކުރާނެ ކަމެއް ނޯންނާނެ އަދި ވިސްނޭނެ މިއަދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން
ޗަޕް
10 September 2025
ނޫސްވެރިންނެއް ނޫން ނެރުނީކީ. ނޫސްވެރިންނަކީ ތަންތާގެ ގާނޫނާއި ގަވައިދާ އުސޫލުތައް މުގުރާ ބައެއްނޫން. އަދި ހުއްދަނެތި ތަންތަނަށް ވަދެގަންނަ ބައެއްވެސް ނޫން.
މި މަވެސް ޤަޢުމް
10 September 2025
މި މަވެސް ޤަޢުމެވެ. މެޖޯރިޓީ ނަހަމަގޮތުގައި ނާޖާއިޒްގޮތުގައި ލޫޓުވާކަށް ދުލެއްނުކުރެވޭނެ.
ޑރ ވާންޗޯ
10 September 2025
މެޖޯރިޓީ ނަހަމަގޮތުގަ ބޭނުންކުރާނަމުގަ ކީއްތޯކުރައްވަން ތިޔައުޅުއްވަނީ ނޫނީ ކުރެވޭނީ؟. ތިހާ ބާރުގަދައިރު ބަޔަކު މެޖޯރިޓީގަ ގައުމު ދޮވެލައިގެންދިޔައިރު ކީއްތޯކުރެއްވީ؟. އަނެއްކާ އެގުރޫޕްގެ ޕާޓްނަރެއްތޯ؟.
މީޑިއާފޯރި
10 September 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލަށްވުރެ ތިބިލަށް ކިޔަން އެންމެ ރަނގަޅު ނަމަކީ "މީޑިއާ ވެރިމީހާގެ ގޮންމުށުތެރެއަށްލާ ފިއްތާ ބިލް" އެވެ. އެބިލް ދިރާސާކުރާ ކޮމެޓީތައް ސިއްރު އެކުރަނީ ޞަބަބު ތަކެއް ނެތިއެއްނޫނެވެ. ކޮޓަރި ތެރެއިން ފިސްތޯލާއި، ބޮމާއި، ޕެންޑްރައިވް ނަގާފަ ދައްކާގޮތަށް ބިލް ފާސްކުރުމުގައި މީޑިއާ އާއިބެހޭގޮތުން ރައްޔިތުންގެ ނަމުގައި ތައްޔާރުކޮށްފަވާ ކޮމެންޓްތައް ހިމަނަންންވެގެން ކަމަށްވެދާނެއެވެ.
ރާވެރިބެ
10 September 2025
މީޑިއާ ބިލް ކުރަނީ ދިރާސާއެއް ނޫން. މީޑިއާ ކޮންޓްރޯލް ކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަންދުކުރަން ބިލެއް ޑްރާފްޓް ކުރަނީ. ނޭޕާލުގަ ވެސް އުޅުނު ތިހެން ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން. މިހާރު އެގޭނުން އެގައުމުގަ ނުކުތް ނަތީޖާ
ރަދީފްއޮފިޝަލް /
10 September 2025
ނޭޕާލުގެ ޒުވާނުން ދެއްކި ހިތްވަރު ދިވެހި ޒުވާނުންނަށް ދެއްކިދާނެ ބާ؟؟
ރަގަޅުކޮށްލާ!
10 September 2025
ކޮމިޓީ ސިއްރުކުރުމުން ގެއްލިގެން އެދަނީ މެންބަރުންގެ އަބުރު. ސިއްރުން ކުރަންޖެހެނީ މިނިވަންކަމާއެެކު ވާހަކަ ނުދެއްކޭތީ! ސިއްރުން ކުރަންޖެހޭ މަޝްވަރާ ޕާޓީ އޮފީހުގަ ކޮށްފަ ކޮމިޓީއަށް އައިސް ވާހަކަ ދެއްކީމަ ރަގަޅުވާނެ! ޕާޓީ އޮފީހުންް ބުނާނެ ދެއްކޭނެ ވާހަކައާ ނުދެއްކޭނެ ވާހަކަ!