ނޫސްވެރިންނާއެކު މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ | މިހާރު
01 ސެޕްޓެމްބަރ 2025 - 20:11
ނޫސްވެރިންނަށް މަރުގެ އިންޒާރާއި ނުރައްކާތެރިކަން ކުރިމަތިވަމުންދާ ކަމަށް ބުނެފައިވާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ދިރާސާ ކުރުމުގެ ތެރެއިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ނޫސްވެރިން ހާޒިރުކޮށް، މިއަދު ހިޔާލު ހޯދައިފަ އެވެ.
ކޮމިޓީގައި ވާހަކަ ދެއްކި ބައެއް ނޫސްވެރިން ވަނީ އެ މީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި ނޫސްވެރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެކި ކަހަލަ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންވެ، ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މަރުގެ އިންޒާރާއި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ނޫސްވެރިން ބުނުމުން އެއީ އަމިއްލަ އަށް އިސްނަގައިގެން ކޮމިޓީން ފުލުހަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށެވެ.
އެފަދަ ނުރައްކާތައް ކުރިމަތިވަނީ ކޮން ނޫސްވެރިންނަކަށްތޯ ސާފުކުރުމަށް ފަހު، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންނަށް ހުށަހަޅަން މީކާއިލް ހުށަހެޅުއްވުމުން ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު މެމްބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވި އެވެ.
ޝަރީފް އެދިވަޑައިގަތީ އެފަދަ ކަމެއް ކުރިމަތިވެފައިވާ ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީ އަށް ހުށަހަޅާށެވެ.
މީޑިއާތަކުގެ ބަހެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ކޮމިޓީ މަރުހަލާގައި ހިޔާލު ހޯދަމުން އަޔަސް ނޫސްވެރިން ދަނީ އެ ބިލު ފާސްނުކޮށް ބޭރުކުރުމަށް ގޮވާލަމުންނެވެ. މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މި ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ މަޖިލިހުގެ އިދާރާ ކައިރި އަށާއި ރައީސް އޮފީސް އަދި މުލީއާގޭ ކައިރީގައި ވެސް މުޒާހަރާ ކޮށްފަ އެވެ.
މީޑިއާ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
02 September 2025
މަޖިލިސްގެ ރަސްމީ ޖަލްސާގަ މެމްބަރުން އެގޮވަނީ ނޫސްވެރިން އުލުބައިންދަން. މިއަށްވުރެ ބޮޑު އިންޒާރެއް ކޮބާ؟ ދެން ކިހިނެތް މަޖލިސްގެ ކޮމިޓީއަކަށް މިހިރަ ކަންކަން ބެލޭނީ؟ ފުރަތަމަ ކަމަކަށް ޖެހެނީ މިކަހަލަ ނާތަހުޒީބު މެމްބަރުން ވަކިކުރަން.
ރަމަ
02 September 2025
މިސަރުކާރުގެ އެކްޓިވިސްޓުން ނޫސްވެރިންނަށްދޭ އިންޒާރުގެ މައްސަލަ ބެލޭނެ ތަނެއް މިޤައުމުގައިނެތް ހުރިހާ މުއައްސަސާއެއް މުށުތެރެއަށްލައި ނިމުނީ! އިދިކޮޅުގައިތިބި މީހުން ތިބީ ހުރިހާކަމެއްވެ ނިމެންދެން ކުޅިބަލަން ދެން ކަންކަން ރަގަޅުކުރަން މުޒާހަރާ ކުރަން ނުކުތުމަކުންވާނެ ފައިދާއެއްނެތް. 3 ބާރު ވެރިމީހާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ނިމުނީ!
އަތްލޮބް މުހައްމަދު
02 September 2025
އަސްލު އިންޒާރު ދީގެންވެސް ނޫން މިއުޅެނީ. ބިލް ބޭރުކުރަން އުޅެނީ.! ކުރާނެ ކަމެއް ނެތް.
އިހްމާދު މުހައްމަދު
02 September 2025
ނުޖެހޭ އެއްވެސް ވަރަކަށް ބަލާކަށް. ނުދޭ އެއްވެސް އިންޒާރެއް. އޮޅުވާލުމެއް މިއީ.
ސިލްމާ ޒާހިރު
02 September 2025
މި ފެންނަނީ އަނެއްކާ ވެސް ނޫސްވެރިން މަރާ، ބޮޑެތި އަނިޔާތަށް ދިނުމުގެ ފެށުމެއް. 2013 އިން 2018 އަށް 2 ނޫސްވެރިޔަކު ޤަތުލުކޮށް، ސަރުކާރަށް ފާޑުކިޔާ ދެ މީހެއްގެ ފުރާނަ ދުއްވާލަން ބޮޑެތި އަނިޔާތަށް ދެވުނު. މިއަދުގެ މިނިސްޓަރު އަސްވާޑް އަދި މަޝްހޫރު ލޯޔަރު މަހްފޫޒް ސަޢީދަކީ ބޮޑެތި އަނިޔާ ލިބި ޢުމުރަށް އެ ވޭން ތަހައްމަލުކުރައްވާ 2 ބޭފުޅުން. އަދި 2 ނޫސްވެރިން ވަނީ ޤަތުލުކޮށްފަ!
މިނިސްޓަރޯނީ
02 September 2025
މިހާރު މައްސަލަތައް ފުހުލަށް ފޮނުވަންޖެހެނީ ކޮމިޓީންތޯ، އެ ނޫސްވެރިންނަށް ފުލުހަށް މައްސަލަ ހުށަނޭޅެނީތޯ، ކޮންމެ ކަމެއް ކުރަންޖެހެނީ މަޖްލިސް މެމްބަރުންތޯ، ތިމާމެންގެ ޒިންމާ އަދާކުރެވޭތޯ ބަލާބަލަ، ކޮންމެހެން އެހެން މީހުންގެ ކަންތައްތަކާއި ތިވަރުން ނޫޅެ،
ކަރީމު
02 September 2025
ނޫސްވެރިންނަށް އިންޒާރު ދިނުމަކީ ގޯސްކަމެއް އަދި އާއްމު މީހަކަށް އިންޒާރުދީ ބިރުދެއްކުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫން. އެއާއި އެކުވެސް ދަންނަވާލަން ހޭޓްރޭޓް އިތުރުވާކަހަލަ އަންޕްރޮފެޝަނަލް ނޫސްވެރިކަމާއި ނޫސްވެރިންވެސް ދުރުހެލިވާންޖޭހޭނެ.