މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
01 ސެޕްޓެމްބަރ 2025 - 15:40
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އިސްލާހުކޮށްގެން އަމަލުކުރެވޭ ވަރަށް ވުރެ ގޯސްކޮށް އޮތް ބިލަކަށްވާތީ ފާސްކުރުމާ ދެކޮޅުކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ހުރިހާ މީޑިއާތަކުން މިއަދު ހާމަކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ކޮމިޓީ މަރުހަލާގެ މަސައްކަތް ފަށާފައިވާ ބިލަށް ހިޔާލު ހުށަހަޅަން މީޑިއާތައް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް 30 މިޑިއާ އިން ކޮމިޓީއަށް ހާޒިރުވިއިރު، އެންމެން ވެސް ބިލާ ދެކޮޅެވެ.
ހުރިހާ މީޑިއާތަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާ ހުރި މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާއެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ދައުރުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ހަންނާނު ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ހާލަތުގައި އޮތް ބިލެއް ނޫން ކަމަށެވެ. ނޫސްވެރިންގެ ހިމާޔަތުގައި މުޅި ބިލުގައި އެއްވެސް ކަމެއް ނެތްއިރު، ނޫސްވެރިކަމަކީ ވެސް ޕްރޮފެޝަންއެއް ކަން ހިރިގާ ފާހަގަކުރެއްވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކޮށްގެން ހޯދި މިނިވަންކަން ކަމަށެވެ. އެހެންކަމުން، އެ މިނިވަންކަމުގެ ދޮރު ބަންދުކުރަން އުޅުމަކީ ވަރަށް ހަނި ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.
ހިރިގާ ވިދާޅުވި ގޮތުގައި މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް ބައެއްގެ މަސްލަހަތު އޮތް ކަމެއް ނޫނެވެ. އެހެންވެ، އެކަން ކުރަން ހުށަހަޅާފައިވާ ބިލު ބޭރު ކުރަން އޭނާ ގޮވާލެއްވި އެވެ.
މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް ވިދާޅުވީ ނޫސްވެރިކަމަކީ އަސާސީ ހައްގަކަށްވާއިރު، އެފަދަ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުގައި އެކަން ކުރާ މިންވަރަށް ކަމަށެވެ. ނަމަވެސް ބިލުގައި އެފަދަ މުޖުތަމައުތަކުގައި ހައްގު ހިފެހެއްޓޭ މިންވަރަށް ވުރެ ބޮޑަށް އެ ހައްގު ހަނިކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބިލު ފަރުމާކޮށްފައި ވަނީ ނޫސްވެރިކަމުގެ ހައްގު ގައިދު ކުރެވޭ ގޮތަށް ކަމަށާއި ނޫސްވެރިންނަށް އެއްވެސް އިމްތިޔާޒެއް ބިލުން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އެކި ކަހަލަ ތުހުމަތުތައްކޮށް ދައްކާ ވާހަކަތަކާއި ކޯޓު ޝަރީއަތްތަކުގައި ދައްކާ ވާހަކަތަކާއި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތުތައް ގެނެސްދީގެން ވެސް ނޫސްވެރިން ކުށްވެރި ނުވާނެ ކަމުގެ ޔަގީން ކަން މި ބިލުން ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެހެން ޕްރޮފެޝަނަލް ދާއިރާތަކުގައި ވެސް އޮތީ ސެލްފް ރެގިއުލޭޓްރީ ނިޒާމް ކަމަށާއި އެހެންކަމުން ނޫސްވެރިކަމުގެ ދާއިރާއަށް ސެލްފް ރެގިއުލޭޓްރީ ނިޒާމް ކަމުނުދާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ. ސެލްފް ރެގިއުލޭޓްރީ ނިޒާމް ހައްލު ކުރަން އެއްވެސް މަސައްކަތެއް ނުކޮށް، އެ ނިޒާމް މަސައްކަތް ނުކުރޭ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވެސް ވިދާޅުވީ މި ބިލު އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ ހަންނާނު ހުށަހަޅާފައިވާ ބިލަކީ ގައުމީ ނުރައްކަލުގެ ހާލަތުގައި ވެސް ހަނި ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވާ އަސާސީ ހައްގެއް ވަރަށް ބޮޑަށް ހަނި ކުރަން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެ ހައްގަކީ އެތައް ބައެއްގެ އެތައް ގުރުބާނީއަކުން ހޯދި ހައްގެއް ކަމަށާއި އެ ހައްގު ހަނި ކުރަން އުޅުމަކީ އާދައިގެ ކަމަކަށް ހަދައިގެން މިހާރުގެ މަޖިލީހުން އުޅުނު ނަމަވެސް، އެއީ "ތުރުތުރު" އަޅާވަރުގެ ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ބިލު ހަދާފައިވަނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށާއި ބިލު ޑްރާފްޓް އޮތް ގޮތުން އެއީ "އުޑެއް ބުޑެއް" ނުދަންނަ ބަޔަކު ހަދާފައިވާ ބިލެއް ކަން އެނގޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސާސީ ހައްގެއް ހަނިކުރާއިރު އެފަދަ ޒަރޫރަތެއް އޮތް ކަމަށް ވެސް ގަބޫލު ނުކުރެވެ އެވެ. އެހެންވެ، ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވިގެން ހިޔާލު ހޯދައިގެން އާ ބިލެއް އެކުލަވާލަން ނާއިފް ވެސް ގޮވާލެއްވި އެވެ.
ދަ އެޑިޝަންގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ހަމްދޫން ވިދާޅުވީ މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާއިރު، އަނެއް ތިން ބާރުން ކުރެ ބާރަކުން މީޑިއާ ރެގިއުލޭޓް ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މީޑިއާއަށް ޒިންމާދާރުކޮށް މަސައްކަތް ކުރެވޭނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ މީޑިއާ ޒިންމާދާރުވާން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މި ބިލަކީ އޭގެ ހައްލެއް ނޫން ކަމަށެވެ. މިހާރު ގެނެސްފައިވާ ބިލުން މީޑިއާ ދާއިރާ އިތުރަށް ގޯސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތާވީސް އޮންލައިންގެ އެޑިޓަރު އާދަމް ނަޒީރު ވިދާޅުވީ މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ އިތުރުން އާންމުންގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް ވެސް ބުރޫއަރާ ކަމަށެވެ. ނޫސްވެރިންގެ ޒިންމާއަކީ ދައުލަތް ޒިންމާދާރުކުރުން ކަމަށާއި ނަމަވެސް، ބިލުގައި އޮތީ އޭގެ ބަދަލުގައި ދައުލަތް ނަގަހައްޓަން ޖެހޭނެ ކަމަށެވެ. އެއީ ނޫސްވެރިންގެ ޒިންމާއެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި ބިލުގައި ނޫސްވެރިންގެ ސުލޫކީ މިންގަނޑުތައް ކަނޑައަޅާފައިވާއިރު، އެކަން އެގޮތަށް ކުރުމަކީ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން ކަމަށް އާދަމް ވިދާޅުވި އެވެ.
ވަގުތު ނޫހުގެ ފަރާތުން ވާހަކަ ދެއްކެވި ނަޖާހު މަސްއޫދު ވިދާޅުވީ ބިލު އޮތީ މުތުލަގަށް ވެސް ފަހަތަށް އެޅޭ ފިޔަވަޅެއް ގޮތަށް ކަމަށެވެ. ބިލު ފަރުމާކޮށްފައިވާ އޮތީ ސޯޝަލް މީޑިއާގައި ހިންގާ ފޭކް އެކައުންޓްތަކާއި ރަޖިސްޓާނުކޮށް ހިންގާ ވެބްސައިޓްތަކާއި ނޫސްވެރިން އެއް ގޯންޏަކަށް ލައިގެން މިން ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތަށް ބަލައިގެން ތުހުމަތު ކުރަނީ ނޫސްވެރިންނަކީ މީހުންގެ އަބުރަށް އަރައިގަންނަ ބައެއްގެ ގޮތުގައި ކަމަށާއި އެއީ ދައުލަތަށް ފާރަވެރިވާން ތިބި ނޫސްވެރިންގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށް ނަޖާހު ވިދާޅުވި އެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވިދާޅުވީ ބިލު އޮތީ ނޫސްވެރިކަމުގެ ހައްގު ކަށަވަރުކުރުމުގެ ބަދަލުގައި ހައްގު ހިފަހައްޓާ ގޮތަށް ކަމަށާއި ބިލު އޮތީ ސަރުކާރުގެ މުށުތެރެއަށް މީޑިއާ ލެވޭ ގޮތަށް ކަމަށެވެ. އެ ބިލު އޮތީ އިސްލާހު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު ރާއްޖޭގައި އޮތް ނިޒާމް އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލާ ގޮތަށް ބަދަލުތަކެއް ގެނެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެޓޯލްސް ޓައިމްސްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ޖުނައިދު ވިދާޅުވީ މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށެވެ. އެއީ ބިލު ހެދުމުގައި މި ދާއިރާ އާއި ރައްޔިތުން އަދި ސިވިލް ސޮސައިޓީގެ މަޝްވަރާއެއް ހޯދާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށް ޖުނައިދު ވިދާޅުވި އެވެ.
ބިލު މަޖިލީހުން ބަލައިގަނެ، ކޮމިޓީން ވެސް މަސައްކަތް ކުރިއަށް ގެންދަނީ ރާސްލާފައި ފަޓާސްބަރިއެއްހެން ކަމަށާއި ނަމަވެސް، އެކަން އެގޮތަށް ކުރަން އޮތް އާޖެންސީއެއް ނޫސްވެރިންނަށް ސާފުނުވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވި ގޮތުގައި އެމްޖޭއޭގައި ކުރި ދިރާސާއިން ވެސް އެނގުނީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް އޮތީ ނޫސްތައް ސިޔާސީ މީހުންގެ އަތްދަށުވެފައި ތިބި ތިބުމަށެވެ. ނަމަވެސް، އެކަން ހައްލު ކުރަން ބިލުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށް ޖުނައިދު ވިދާޅުވި އެވެ.
ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތަކާއި ހަމަލާތައް އަމާޒުވަމުންދާއިރު، ނޫސްވެރިންގެ ހިމާޔަތުގައި ބިލުގައި އެއްވެސް ކަމެއް ވެސް ލިޔެފައި ނެތް ކަން ޖުނައިދު ވެސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިފާއު އައްބާސް
02 September 2025
އަޅުގަނޑު ވަރަށް ދިރާސާކޮށްފިން މި ބިލް. ބިލް އޮތީ ހުރިހާ ގޮތަކުންވެސް ބެލެންސްކޮށް. ބިލް ޖެހޭ ބައިދަން. ރެގިއުލޭޓް ވާން ޖެހޭނެ.
އަކްޝަމް މުހައްމަދު
02 September 2025
މި ބިލް ބޭރުކުރަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ބިލް ފަރުމާ ކޮށްފަ އޮތީ ރަނގަޅަށް. ކުދި ބަދަލްތަކެއް ގެނައީމަ ބިލް އޮންނާނީ ހަމަ ފައްކާކޮށް
ނޫހު އިބްރާހިމް
02 September 2025
މީޑިޔާތަކެވެ. ބިލް އޮތީ ތިކަހަލަ ތަންތަނަށް ގެއްލުންވާހެންނެއް ނޫނެވެ. ބިލް އިތީ ރަނގަޅެށެވެ. ބިލައް އަންނަން ޖެހޭނީ ކުދިކުދި ބަދަލްތަކެވެ.
އަޑުއުފުލާ
02 September 2025
މަޖްލިސް މެމްބަރުންނަށް 1 ލައްކަ މަހަކު ލިބޭއިރު އާންމު ރައްޔިތުން މިއުޅެނީ 15 ހާސް ވެސް ނުލިބިގެން. އޯކޭ ވެފަ ތިބެންވީ ހަމަ؟
ރެޓޭ
01 September 2025
ނޫސްވެރިންގެ ގަލަމުގެ ކޮންޓްރޯލް އޮންނަނީ ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިންގެ އަތުގަ! އޭރަކު އޮންނަ ސަރުކާރަކުންވެސް ކޮންޓްރޯލް ކުރާ ނޫސްވެރިން އުޅޭނެ!
އިއްބޭ
02 September 2025
އެއިރަކު އޮންނަ ސަރުކާރަކަށް ނޫސްތައް ކޮންޓްރޯލް ކުރާކަން ނުޖެހޭ.
މި މި
01 September 2025
އިސްލާހުވާންވީ ނޫސްވެރިން. ކަލޯމެންނަށް ކަމުދާއެކައްޗެއްވެސް އޮވޭތަ
ކަހާކަހާ
01 September 2025
އެއްވެސް ކުށްވެރިއަކަށް ކުށްކުރީމާ އަދަބެއް ލިބޭ ޤާނޫނެއް ކަމަކު ނުދާނެ. އެއްވެސް ނޫސްވެރިއަކަށް ދޮގު ޚަބަރެއް ފަތުރައިގެން، މީހެއްގެ އަބުރާބެހިގެން އަދަބެއް ލިބޭ ޤާނޫނެއް ކަމަކު ނުދާނެ.
އިބޫރޭ
02 September 2025
އެހެންވީޔާ ތިޕާޓީގެ މެންބަރުންވެސް ދޮގު ހަދައިފިނަމަ އަދަބު ލިބެންވާނެ.
ކުރަހާބެ
01 September 2025
މީޑިއާތަކުން ބުނާހާ ގޮތެއް ހެދުމުގެ ބޭނުމެއްނެތް. މި ތަނުގަ ލާރި ދީފަ ކޮންމެ ފަދަ ލިޔުމެއަވެސް ނޫހުގަ ޖެހޭނެ. އެ ހެޔޮ ހުސް ދޮގު ވިއަސް،
ކައްދަގެ މުހައްމާ
01 September 2025
ބިލު އަވަހަށް ފާސްކޮށްލާ. ނޫސްވެރިކަމަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. ނެތެމުންދާ ލަދާއި ހަޔާތް އަނބުރާ ނޫސްވެރިކަމަށް ގެންނަން އެބަޖެހޭ. ނޫސްވެރިންނަށް ހެދިގެން އުޅޭ ސިޔާސީ މީހުން އެއް ފަރާތްކޮށް ހަގީގީ ނޫސްވެރިކަމަށް އިިރު އަރަންވެއްޖެ. ނޫސްވެރިންނާއި ނޫސްވެރިކަން ޒިންމާދާރުވާން ވެއްޖެ. އެކަން ވޭތޯ މިވީހާ ދުވަހު ދޫދީގެން ވީ ކަމެއް ހަރާން. ދެން މި ނޫން ގޮތެއް އޮތްކަމަކަށް ނުފެނޭ.
ބީރު ސަރުކާރު
01 September 2025
ބިލު އަނބުރާ ގެނެވޭކަށްނެތެވެ. ބިލުހުށައެޅީ އެއާރޕޯޓާއި ތުޅަދޫއަށް ބިން އިތުރުކުރުމާއިއެކު 100 ހައުސިންއެޅުމުގެ ބަދަލުގައެވެ.