31 އޮކްޓޯބަރ 2024 - 13:37
އުމުރުން 39 އަހަރުގައި ވެސް އެންމެ މަތީ ފެންވަރުގައި ދަމަހައްޓަން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރާ މަސައްކަތް ސިފަ ނުކުރެވޭނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ވިޓޯ ވިޓީނިއާ ބުނެފި އެވެ.
ދެ އަހަރު ފަހުން ބާއްވާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ޕީއެސްޖީ އަށް ކުޅެމުން އަންނަ ވިޓީނިއޯ ބުނީ އެ އުމުރުގައި ވެސް ގައުމީ ޓީމުގެ ކޮންމެ މެޗެއްގައިހެން ފުރަތަމަ 11 ގައި ކުޅެން ރޮނާލްޑޯ ކުރާ މަސައްކަތް ތަފްސީލުކޮށް ނުދެވޭނެ ކަމަށެވެ.
"އުމުރުން 39 އަހަރު، އަދި އަދިވެސް ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދާ. މިހާ ދިގު މުއްދަތެއްގައި އެއްފެންވަރެއްގައި އޭނާ ދަމަހައްޓަން ކުރާ މަސައްކަތް އަހަރެންނަކަށް އެކަން އެއްވެސް ތަފްސީލުކޮށްދޭކަށް ނޭނގެ. އޭނާ މިހާރު ވެސް އެ ވާހަކަ [2026 ގެ ވޯލްޑް ކަޕްގައި ކުޅޭ ވާހަކަ] ދައްކާފައި އެބަހުރި. އަހަންނަށް ހީވަނީ އެއީ އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް އޭނާގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓާކަމުގެ ހެއްކެއް ހެން،" ވިޓީނިއޯ ބުންޏެވެ.
އުމުރުން 24 އަހަރުގެ ވިޓީނިއާ ބުނީ އޭނާ ފަދަ ޕޯޗުގަލްގެ ޒުވާން ކޮންމެ ކުޅުންތެރިޔަކު ވެސް ރޮނާލްޑޯއާ އެކު ކުޅުމުގެ ހުވަފެން ޖޫނިއާ ލެވަލްގައި ދެކެފައިވާ ކަމަށެވެ.
އޭނާ ބުނީ 2026 ގެ ވޯލްޑް ކަޕްގައި ރޮނާލްޑޯއާ އެކު ކުޅުމަކީ ކުޅުންތެރިންނަށް ލިބޭނެ ޝަރަފެއް ކަމަށެވެ. "އެ އުމުރުގައި ވެސް ރަނގަޅު ކޮންޑިޝަނެއްގައި ހުންނަ ސަބަބަކީ އެކަން ހާސިލުކުރުމަށް އޭނާ ވާ ގުރުބާނީ. އޭނާ ކުރާ މަސައްކަތް،" ވިޓީނިއާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy