ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު "މިހާރު" ގެ އެޑިޓަރު ހަމްދޫން (ވ) އާއި ނައިންޓީ ޕްލަސްގެ ފަރާތުން އެއްބަސްވުން ބަދަލުކުރަނީ.
01 ނޮވެމްބަރ 2024 - 06:53
ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ރަށްރަށާއި ސިޓީތަކުގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ "ނައިންޓީ ޕްލަސް ގޯލްޑް ކަޕް" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސައިފި އެވެ.
މާލޭގައި މި މަހު ބާއްވާ މުބާރާތުގައި 22 ޓީމު ވާދަކުރާނެ އެވެ. މި މަހުގެ 20 އިން އަންނަ މަހުގެ 25 ގެ ނިޔަލަށް ބާއްވާ މުބާރާތަކީ، އަމިއްލަ ފަރާތަކުން މާލޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.
މުބާރާތް އިންތިޒާމުކުރާ ނައިންޓީ ޕްލަސްގެ އިސް މުއައްސިސް އަދި ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ ބުނީ، މުބާރާތުގެ ހުރިހާ މެޗެއް ޓީވީން ދައްކާއިރު، މިހާ ބޮޑު ލޯކަލް މުބާރާތެއް އަދި ރާއްޖޭގައި ބާއްވާފައި ނުވާ ކަމަށެވެ.
"ހުރިހާ މެޗެއް ޓީވީން ވަގުތުން ދައްކާ އެންމެ ބޮޑު މުބާރާތަށް މި މުބާރާތް ވާނެ. މިހާ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވެ ޓީވީން ވަގުތުން ދައްކާ ފުޓްބޯޅަ މުބާރާތެއް ހީއެއް ނުވޭ މީގެ ކުރިން ރާއްޖޭގައި އޮތް ހެނެއް،" ޝާޒް ބުންޏެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ޝާޒް ބުނީ މެޗުތައް ވަގުތުން ދެއްކުމުގެ އިތުރަށް މެޗުގެ ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯ ވެސް ޓީވީން ގެނެސްދޭނެ ކަމަށެވެ.
"މެޗު އެކަނި ދައްކާނީކީ ނޫން، މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޕްރީ މެޗު ޝޯ ވެސް ފަށައިގެން މެޗުތަކާ ގުޅޭ ބްރޮޑްކާސްޓް ޓީވީން ފަށާނީ،" ޝާޒް ބުނެފައި ވެއެވެ.
"މާނައަކީ މެންދުރު ފަހު ތިނަކުން ރޭގަނޑު 11 ޖަހަންދެން ޓީވީން ފުޓްބޯޅައިގެ ބޮޑު ޝޯއެއް ފެނިގެންދާނެއޭ."
މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ ހއ. ދިއްދު އާއި ހދ. ނޭކުރެންދު އާއި ރ. އަލިފުއްޓާއި ބ. އޭދަފުއްޓާއި ބ. ތުޅާދު އާއި ބ. ކެންދު އާއި ޅ. ނައިފަރާއި ޅ. ހިންނަވަރާއި ޅ. ކުރެންދު އާއި މާލެ އާއި މާފުއްޓާއި ހުރާ އާއި ކ. ގުރައިދޫ، އއ. ތޮއްޑު އާއި ފ. ނިލަންދު އާއި ދ. މީދު އާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގދ. ފަރެސްމާތޮޑާ އާއި ފުވައްމުލައް އަދި އައްޑޫ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy