05 ނޮވެމްބަރ 2024 - 09:59
ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ރޭ ހޯދައިފި އެވެ.
ބީޗް ވޮލީ އާއި އިންޑޯ ވޮލީގައި ވެސް މަޝްހޫރު އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ލީޑު ކުރި ޓީމުން ސިފައިން ބަލިކުރީ 3-2 ސެޓުންނެވެ.
ބީޗް ވޮލީގެ ގައުމީ ޓީމުގައި އޭނާގެ ޕެއާ، އާދަމް ނަސީމްގެ ސިފައިންގެ ކްލަބުން ފުރަތަމަ ސެޓް ގެންދިޔަ އެވެ. އެ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-20 ންނެވެ.
ދެ ވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ގޭމް ޕޮއިންޓް 30 އަށް ވުރެ މައްޗަށް ދިޔަ އެ ސެޓް 31-29 އިން ކާމިޔާބުކޮށް އެޗްޑީސީން މެޗުގެ ތެރެއަށް ވަނެވެ.
ދެން އައި ސެޓް 25-20 ކާމިޔާބު ކުރި އެވެ. މެޗު ނިންމަން ލިބުނު ހަތަރުވަނަ ސެޓުން އެ ޓީމު ބަލިވީ 25-17 އިންނެވެ. ފަހު ސެޓް 15-13 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދި އެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުޑަކާއްޓޭ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު އައުޓްސައިޑް އެޓޭކާއަކަށް ވެސް ހޮވުނީ އޭނާ އެވެ.
އެންމެ މޮޅު ކުޅުންތެރިޔާ: އިސްމާއީލް ސާޖިދު (އެޗްޑީސީ) އެންމެ އުއްމިދީ ކުޅުންތެރިޔާ: ޝާމިލް މުހައްމަދު (ޕޮލިސް ކްލަބް)، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ސަންތި މިރް (އެޗްޑީސީ).
އެންމެ މޮޅު އައުޓްސައިޑް ބްލޮކާ: - އިސްމާއީލް ސާޖިދު (އެޗްޑީސީ) - އާދަމް ނަސީމް (ސިފައިންގެ ކްލަބް) އެންމެ މޮޅު މިޑްލްބްލޮކާ: - އަހްމަދު އަހްސަން (އެޗްޑީސީ)، - އާދަމް ފައިރޫޒް (އެޗްޑީސީ)، އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާ: ހުސައިން ރަޒާން (ސިފައިންގެ ކްލަބް)، އެންމެ މޮޅު ސެޓަރު: ހުސައިން ޝާހިދު (ސިފައިންގެ ކްލަބް)، ސައުދު އަހްމަދު (އެޗްޑީސީ)، އެންމެ މޮޅު ކޯޗު: ހުސައިން ޝަރީފް (އެޗްޑީސީ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަމީ
05 November 2024
އެހެރަ ޗައިނާ މީހާވެސް އެޗްޑީސީ؟