ވިޔަފާރި / މޯލްޑިވްސް އިސްލާމިކް ބޭންކް

މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް ބަހައްޓަނީ

އެމްއައިބީއާ އެކު އެއްބަސްވުމުގައި އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑު މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ ސޮއި ކުރައްވަނީ.

07 ނޮވެމްބަރ 2024 - 16:15

މީހުން ދިރިއުޅޭ 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމަށް އެ ބޭންކާއި އިކޮނޮމިކް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ ވަނީ އަންނަ އަހަރަށް އެ ބޭންކުން އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭން ހިއްސާ ކުރައްވައިފަ އެވެ.

މި ޕްލޭންގައިވާ ގޮތުން، ހަތަރު އަތޮޅެއްގެ 19 ރަށުގައި 23 އޭޓީއެމް ބަހައްޓާނެ އެވެ. އެއީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބަހައްޓާ އޭޓީއެމްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ރުފިޔާ އޭޓީއެމްގެ 22 އޭޓީއެމާއި ޑޮލަރު ޖަމާކޮށް ނެގޭ އެއް އޭޓީއެމެކެވެ.

އެމްއައިބީ އިން އަންނަ އަހަރު އެ ބޭންކުގެ އިތުރު އެއް ބްރާންޗާއި ހަތަރު ސޭލްސް ސެންޓަރު އަދި 15 އޭޓީއެމް ކިއޮސްކްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއައިބީއާ އެކު އެއްބަސްވުމުގައި އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑު މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ ސޮއި ކުރައްވަނީ.

ސީއީއޯ ވިދާޅުވީ އަމާޒަކީ 2025 ނިމޭއިރު 16 އަތޮޅެއްގެ 37 ރަށުގައި އެމްއައިބީގެ 62 އޭޓީއެމް ބެހެއްޓުން ކަމަށެވެ. އޭގެ ތެރޭގައި ރުފިޔާ ޖަމާކޮށް ނެގޭ 56 އޭޓީއެމާއި ޑޮލަރުގެ ހަ އޭޓީއެމް ހިމެނޭނެ ކަމަށާއި އެ ބެންކުން އަންނަ އަހަރު ނިމޭއިރު ހަތް ބްރާންޗާއި 10 ސޭލްސް ސެންޓަރު އަދި 21 އޭޓީއެމް ކިއޮސްކު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މުފައްދަލް ވިދާޅުވި ގޮތުގައި، އެމްއައިބީ އިން ހަރުދަނާ ގޮތެއްގައި އެންމެންނަށް ބެންކިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެހެން ބޭންކުތަކުގެ ކާޑުން އެމްއައިބީގެ އޭޓީއެމްއިން އެއްވެސް އިތުރު ޗާޖަކާ ނުލައި ފައިސާ ނެގޭނެ އެވެ. އަދި އެ ބެންކުން ހުރިހާ ރަށެއްގައި ބްރާންޗުތައް ނެތް ނަމަވެސް ބެންކުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ބޭންކު ހުޅުވުމުގެ ހުރިހާ ހިދުމަތެއް އޮންލައިކޮށް ދޭ ހަމައެކަނި ބެންކު. މީގެ އިތުރުން ވެސް އުޖާލާ ދިރިއުޅުމުގެ ފައިނޭންސިން ފެސިލިޓީ ފަދަ އެކި ހިދުމަތްތައް ވެސް އެންމެންނަށް ލިބޭނެ ގޮތް ހެދުމަށް ވާނީ އޮންލައިން ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މުފައްދަލް ވަނީ މި އަހަރުގެ ތެރޭގައި ބޭންކިން ނިޒާމު ކުރިއެރުވުމަށް އެ ބޭންކުން ކޮށްފައިވާ ބައެއް މަސައްކަތްތައް ވެސް ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ތައާރަފްކުރި ފައިސާ ވެއާ އަނގޮޓި އާއި ކުޑަކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ކުރުވުމަށް ތައާރަފްކުރި "ބިންގާ" އެކައުންޓު ވެސް ފާހަގަކުރެއްވި އެވެ.

މުފައްދަލް ވިދާޅުވީ، ސަރުކާރާ ގުޅިގެން ރާއްޖޭގެ ބޭންކިން ދާއިރާ ކުރިއެރުވުމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި ސަރުކާރާ އެކު އެކި މަސައްކަތްތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މާލީ މުހިންމު ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. މިއަދުގެ އެއްބަސްވުމަކީ އެ ވައުދުފުޅުގެ އަމަލީ މަސައްކަތުގެ ފެށުން ކަމަށް ވިދާޅުވި އެވެ.

އެމްއައިބީ އިން މިހާރު ވަނީ 12 އަތޮޅެއްގެ 18 ރަށެއްގައި އޭޓީއެމް ބަހައްޓައިފަ އެވެ. އަދި ހަ ބްރާންޗާއި ހަ ސޭލްސް ސެންޓަރާއި ހަ އޭޓީއެމް ކިއޮސްކުތައް ހުރެ އެވެ. އެ ބެންކުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 39 އޭޓީއެމް ހުރެ އެވެ. އޭގެ ތެރޭގައި ރުފިޔާ އޭޓީއެމްގެ 34 އޭޓީއެމާއި ޑޮލަރު ޖަމާކޮށް ނެގޭ ފަސް އޭޓީއެމް ހިމެނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454