ސްޓާލިންކް އިންޓަނެޓަށް އިންޑިއާގައި ހުއްދަ ދޭނީ ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ކަށަވަރުކޮށްފައި ކަމަށް އެ ގައުމުން ވަނީ ބުނެފައި.
13 ނޮވެމްބަރ 2024 - 06:06
އީލޮން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ސާވިސް ސްޓާލިންކަށް އިންޑިއާގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދޭނީ ސަލާމަތީ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން އެއްބަސްވުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
އެކަހެރި ސަރަހައްދުތަކަށް ލޯ އާތު އޯބިޓް ސެޓެލައިޓްތަކުގެ ނެޓްވޯކެއް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ސްޓާލިންކް ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި ލޯންޗްކުރުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، އެ ގައުމުގެ ސިޔާސަތުތަކާއި ގައުމީ ސަލާމަތާ ގުޅުވައިގެން ދަނީ ބޮޑެތި ބަހުސްތައް ކުރަމުންނެވެ.
ނަމަވެސް އަންގާރަ ދުވަހު ކޮމިއުނިކޭޝަން މިނިސްޓަރު ޖޯތިރާދިތްޔާ ސިންދިއާ އެގައުމުގެ މީޑިއާތަކަށް ވިދާޅުވީ އިންޑިއާ އިން ސްޓާލިންކަށް ހުއްދަ ދޭނީ "ސަލާމަތީ ގޮތުން ހުރިހާ ޝަރުތުތަކަކާ އެއްގޮތަށް އަމަލުކުރާ ގޮތަށް" ކަމަށެވެ.
"އެ މީހުން ހުރިހާ ކަމެއް ފުރިހަމަކުރަން ޖެހޭނެ،" ސިންދިއާއާ ހަވާލާދީ ވިޔަފާރި ނޫސް، މިންޓް އިން އަންގާރަ ދުވަހު ބުނެފައިވެ އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވި ނަމަވެސް މި މަހުގެ ކުރީކޮޅު އެގައުމުގެ މީޑިއާތަކުން ވަނީ ޑޭޓާ ރައްކާކުރުން ފަދަ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރާއި ސްޓާލިންކް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy