ޑްރަގް ކެފޭގެ ގޮތުގައި ބޭނުން ކުރާ ތަނެއް.- ފައިލް ފޮޓޯ: މިހާރު
14 ނޮވެމްބަރ 2024 - 18:15
ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރަމުން ދިޔަ 40 އަށްވުރެ ގިނަ ތަން ބަންދުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ތަންތަން ބަންދުކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން، މިހާތަނަށް 48 ތަނެއް ބަންދުކޮށް މާލޭގައި މަސްތުވާތަކެތީގެ މުއާމަލާތް ހިންގާ ކަމަށް ތުހުމަތުކުރެވޭ ތަންތަނުގައި ޑިއުޓީ ކުރަމުން އަންނަ ކަމަށް ނާހިދު ވިދާޅުވި އެވެ.
ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރާ ތަންތަން ފުލުުހުން މީގެ ކުރިން ވެސް ބަންދުކުރި އެވެ. އެކަމަކު، ވަކި ހިސާބަކުން ފުލުހުންގެ ކޮންޓްރޯލް ގެއްލި، އެ ތަންތަނުގައި މަސްތުވާތަކެތީގެ ވިޔަފާރި އަލުން ފެށީ އެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުންނާއި މަސްތުވުމަށް ސަލާން ޖަހާ މީހުން އަދި ތަކުރާރުކޮށް ޖިނާއީ ކުށްކުރާ މީހުންގެ ތެރެއިން 49 މީހަކު ވެސް ވަނީ މަސްތުން ސަލާމަތްވުމުގެ ފަރުވާއަށް އެންޑީއޭއާ ހަވާލުކޮށްފަ އެވެ.
ނާހިދު ވިދާޅުވީ ޑްރަގްސްގެ 683 މައްސަލައެއް މިިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 345 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު ޑްރަގް ޓްރެފިކިންގެ 19 މައްސަލައެއްގައި 22 މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހުޅުމާލެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ މިހާތަނަށް ހުށަހެޅި މައްސަލަތަކުގައި 1009 މީހަކު ހައްޔަރުކޮށް 12،561 މީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ޑްރަގާ ދެކޮޅަށް 158 އޮޕަރޭޝަނެއް ހިންގި އެވެ. އޭގައި 12 އަތޮޅެއްގައި ހިންގި ހަރަކާތްތައް ހިމެނެ އެވެ.
ރާއްޖެއަށް އެތެރެކުރި ތަކެއްޗާއި އެކި ހިސާބުތަކުގައި ހިންގި އޮޕަރޭޝަންތަކުން ޖުމްލަ 183 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަދި 8400 އަށްވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގެންފައިވެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 385 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރަ އެވެ.
ޑްރަގްސްގެ މައްސަލަތަކުގައި 142 ބިދޭސީން ޑިޕޯޓުކުރަން ވެސް ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވަން ސަފާރީތަކަށް އަމާޒުކޮށް ހިންގި އިންސްޕެކްޝަންގައި 58 ތަނެއް ވެސް ބަލާ ފާސްކޮށްފައިވެ އެވެ.
ނާހިދު ވިދާޅުވީ ޑްރަގްސްގެ މައްސަލަތައް ހައްލުކުރަން ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެހެންވެ، ހޯމް ސެކްޓާ އިން ބައިވެރިވެގެން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކުގެ ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގައި؛
- ޑްރަގް ޓްރެފިކިން ކުރާ މީހުންނަށް ހަރުކަށި އަދަބު
- ޑްރަގްސް ބޭނުންކުރާ މީހުންނަށް ވަށާ ޖެހޭ ގޮތަށް ފަރުވާ ދެވޭނެ ގޮތްތައް
- މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މުދާ ދައުލަތަށް ނެގުން
- މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރާތީ ހަރުކަށި އަދަބު ދިނުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
16 November 2024
މި ސަރުކާރުން ކަންކަން ނުކޮށް އަބަދު ހެޑްލައިން އެޅުމުގަ. ކޮބާ ތިޔަ ބުނާ ތަންތަނުގެ ލިސްޓާ ހައްޔަރު ކުރި މީހުންގެ ފޮޓޯ?
ސވލ
15 November 2024
އަގުމައްޗަށް ޖައްސާލަން އަނެއްރާޅު! ހައްތަހައިވެސް ދެއްކެނީ ހުއްޓުވާނެވާހަކަ. ފަހުރާޅުނެގިތާ އަހަރެއްވެސްނުވާއިރު ގުނައިގެން 40 ކެފޭ ފެނުނުއިރު ނުގުނޭކިތައްކެފޭ ހުންނާނެބާ؟ ސާބަސް!!
ނޫސްވެރިޔާ
15 November 2024
40 ޑްރަގް ކެފޭ ބަންދުކުރި އިރު ، ފުލުހުންގެ ބަންދަށް ކިތައް މީހުން ގެނައުނު ތޯ. ކޮން ބައެއް ތޯ ތިކެފޭތައް ހިންގަނީ. އެމީހުންގެ ފޮޓޯ ކިބާތޯ.
ސަލާން
15 November 2024
ހޯމް ސެކިޔުރިޓީ މިނިސްޓަރު އިޙްސާނު މޮޔަ ހައްދަން ފުލުހުންގެ އިސް ވެރިންތަކެއް މި ޖަހާ ސަކަރާތް ހުއްޓުވަން ޖެހޭ.
ސައްލާ
15 November 2024
ތިވާހަކަ ޤަބޫލުކުރަން ދަތި. ބާޒާރުމަތީގައި ވިޔަފާރީކުރާ މަސްތުވާތެކެތި ބޭނުންކުރާ ގްރޫޕް ނެގި ވާހަކަ ބުނެ މީގެ ދެދުވަސް ކުރިން ފުލުހުން ހެޑްލައިނެއް ހެދި. ޢެހެންނަމަވެސް މިއަދުވެސް އެމީހުން އެތަނުގައި އެބަ ތިބި.
ޑރ ވާންޗޯ
15 November 2024
ކެފޭ ބަންދުކޮށްފަ މެޑެލްޖެހޭތޯ ބަލާ އަދިވެސް. ޑްރަގް ފައިނޭންސަރ ކާކުކަންއެގޭ އެކަމަކު ޕޮލިހުންގެ އަތެެއްނުފޯރާ... ޑްރަގް ސަޕްލަޔަރ އެގޭ އެކަމަކު ޕޮލިސްގެއަތްނުފޯރާ... ބިކާރީ ޑެލިވެރީބޯއީ އަތުލައިގަނެފަ ހަންމުށިއެޅުމަކުން ނުފުދޭނެ.
ނާހިދު ވާހިދު
15 November 2024
ތިމީހުން ބޮޑެތި އަދަދުތަކުން ޖޫރިމާބާކުރާނީ ކޮން ސަރުކާރަކުންތަ.
raajje
15 November 2024
40 ހައްވުރެން ގިނަތަންބަންދުކުރެވުނު އިރުގާ އަލަށް ކިތައްތަން އޮޕަރޭޓުކުރަންފެށިކަން އެނގޭތޯ ބެލިފައިވޭތޯ ނެތް؟ ކޮންމެކަމެއްވެސް ތިޔަކުރެވެނީ އަމާބުނީތީފަރަށްދާހެން ފޫނެއްފަޔަށްފެންފުރާހެން، ނަތީޖާނުނެރެވޭ އަލުން އަމައެއްކަމެއް ކުރަންޖެހޭ އެއްވެސްކުރިއެރުމެއްނާދޭ
އަފިހުންގޮއްޔެ
15 November 2024
ތިއީ ހޮޅިވާހަކަ ބާޒާރުމަތީގަ އަދިވެސް އެއުޅެނީ ތިގުރޫޕް ސަލާންޖަހަން އެކަމުބުނީ ގެންގޮސްސިއޭ ފަރުވާއަށް. މިސަރުކާރުން ދައްކާވާހަކަ ޤަބޫލެއް ނުކުރެވޭ.
ނޫނު. ޖަވިޔަނި
15 November 2024
ކިޑް ނެޕްކޮށް، އެޕާޓްމަންޓުތަކަށް ގެންގޮސް ހިންގާ ޖަރީމާއާއި ތަކުރާރުކޮށް ކުށްކުރުމަށް ބޭނުން ކުރާ ތަންތަން ދައުލަތަށް ނަގަން ފެށިއްޖެނަމަ، އެ ވަރުގެ ރިސްކެއް އެކަން ކުރުވާ މީހުންނާއި ކުރާ މީހުން ނުނަގާނެ!