މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ސަޕޯޓަރުންނާ އެކު އަތްޖައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
21 ނޮވެމްބަރ 2024 - 09:05
ގާނޫނުއަސާސީ އަށް އިއްޔެ ގެނައީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން އަދި ހަމަޖެހުން ގާއިމް ކުރަން ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުތައް ތަސްދީގު ކުރެއްވުމަށް ފަހު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ އެކަން ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެނީ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ވިޔަސް މިހާރު އެކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ގާނޫނުއަސާސީ އަށް އިއްޔެ ގެނައި އިސްލާހާ އެކު، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިިލިހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ.
"އަދި އޭގެ އިތުރަށް ސަރަހައްދަކީ ކޮބައިކަން ވެސް ކުރީގައި އޮންނަނީ ރާއްޖޭގެ ބޭރު ކަނޑާ ހަމައަށް. އެކަމަކު ގާނޫނުއަސާސީ އަށް މިއަދު މި ގެނައި ބަދަލަކީ ބޭރު ކަނޑުން ބޭރަށް ހާއްސަ އިގުތިސާދީ ސަރަހައްދު، އީއީޒެޑްގެ ބައުންޑަރީ. އެހެންވީމާ އީއީޒެޑް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ސަރަހައްދު މި ކަނޑައެޅީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސަރަަހައްދަށް ބަދަލު ގެންނަ ނަމަ ރައްޔިތުންގެ މަޖިލިހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރުމަށް ފަހު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ.
"އެހެންވީމާ އެއީ ވަރަށް މުހިންމު ބަދަލެއް ރައްޔިތުންގެ ހައްގުގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް މިއަދު މި ގެނައި އިސްލާހަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން ނަމަ ރައްޔިތުންގެ މަޖިލިހުން ފާސްކުރަން ޖެހެނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހަދާ ނަމަ އެކަނި ކަމަށެވެ.
ގާނޫނުއަސާސީ އަށް އިއްޔެ ގެނައި އިސްލާހުތަކަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާ އެކު ރައީސް މުއިއްޒު މުލީއާގޭގައި.
އެކަމަކު، ތަމްރީނުތަކުގެ ބޭނުމަށް ފިޔަވައި އެހެން އެއްވެސް ކަމެއްގައި ބޭރުގެ ސިފައިންނަށް ދެން ރާއްޖޭގައި އުޅެވޭނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ކަން ރައީސް ފާހަގަކުރެއްވި އެވެ. އެއީ ވެސް ގާނޫނުއަސާސީ އަށް އިއްޔެ ގެނައި ބަދަލުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ރިފަރެންޑަމަށް ދާން މިހާރު އޮންނަ މާއްދާ އަށް ރައްޔިތުންގެ މަޖިލިހުން ކުރިން ބަދަލު ގެނެވޭ ގޮތަށް ކަނޑައަޅާފައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީ އަށް އިއްޔެ ގެނައި ބަދަލާ އެކު އެ ދޮރު ބަންދުވެފައިވާ ކަމަށެވެ.
"އެ މާއްދާ ބަދަލުކުރަން ވެސް ޖެހޭނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައިގެން ފާސްވެއްޖިއްޔާއޭ. އެހެންވީމާ އެއީ ވެސް ވަރަށް މުހިންމު ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި، ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްޤީއާ، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް. މިކަމަށްޓަކައި… pic.twitter.com/k9JJO2amh1
— The President's Office (@presidencymv) November 20, 2024
ގާނޫނުއަސާސީ އަށް އިއްޔެ ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ހެދުމެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގައުމުގެ ހަމަޖެހުމަށް އެއީ ވަރަށް މުހިންމު އިސްލާހެކެވެ.
ރާއްޖޭގެ 20 އަހަރުގެ މާސްޓަޕްލޭނެއް ހެދުމަކީ އެ މަނިކުފާނުގެ އެންމެ އިސް ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، އެކަމަށް ވެސް ގާނޫނުއަސާސީން ބާރު ދޭ ގޮތަށް އިއްޔެ ފާސްކުރި އެވެ. އެއީ ރާއްޖޭގެ ކުރު އަދި މެދުރާސްތާގެ ޕްލޭން ހެދުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރުމެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ، އެ ހުރިހާ ކަމަކީ ވެސް ރާއްޖޭގެ ތަރައްގީ އާއި މިނިވަންކަމާއި ހަމަޖެހުމަށްޓަކައި ނިންމި ނިންމުންތަކެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގައުމީ ޖޯޝުގައި ނިންމި މުހިންމު ނިންމުންތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ޝުކުރު ދަންނަވާ ހާލަތު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
22 November 2024
މެންބަރުންގެ އިނާޔަތާ މުސާރަ ބޮޑުކަމަށް މީހުންދައްކާ ވާހަކައާ އަބަދުވެސް ދެކޮޅުހެދިން. މުސާރައާ އިނާޔަތްތައް އިންތިހާބީ މެންބަރުންގެ ބޮޑުވާންޖެހޭނެ ކަމަށް ވަކާލާކުރިން. އެހެންނަމަވެސް ޕާޓީ ތަކަށް ނިސްބަތްބާ މެންބަރުންގެ މުސާރަ އާ އިސްލާހާއެކު ދޭކަށް ނުޖެހޭ. ހަމައެކަނި ކޮމެޓީ ތަކުގެ އެލަވަންސް ދެވިދާނެ. މުސާރައެއް ދެންޏާ ދޭންޖެހޭނީ ޕާޓީތަކުން. ރައްޔިތުންގެ ޓެކްސް ފައިސާ އައްޔިތުންނަށް މިނިވަންކަމާއެކު ހިދުމަތް ނުދެވޭ ބަޔަކަށް ހަރަދެއް ނުކުރެވޭނެ
އައްސިދަ
21 November 2024
ރައްޔިތުންގެބާރުވެރިކަން ގެއްލި މަދުބައެއްގެ ނުފޫޒައް މުޅިގައުމު އެނބުރެންޖެހުނީއެވެ. މިނިވަން މުއައްސަސާތަކާ ފަނޑިޔާރުގެޔާ ސަރުކާރު ޖަވާބްދާރީކުރުވަންތިބި، ރައްޔިތުންގެގެ ޓެކްސްފައިސާއިން އެންމެބޮޑުޚަރަދުކުރާ މީހުން މިޖެހުނީ ސިޔާސީޕާޓީތަކުގެ ބޮޑު ދެތިންމީހެއްގެ ނުފޫޒައް ހެއްލޭށެވެ. ނޫންނަމަ ދެންއޮންނާނީ މަހަކުދެފަހަރު ރައްޔިތުންގެ ޓެކްސްފައިސާޚަރަދުކޮއްގެން ބައިއިލެކްޝަންތައްބާއްވާށެވެ. މިވަރައް ގައުމިއްޔަތު ދިރުވުމުން ދެންކިޔާނެއެއްޗެއްނެތް!
ބޮޑުރިޔާ
21 November 2024
އަސްލު ހަގީގަތުގައި ތިޔަކަނޑުވާލީ ދައުލަތުގެ ތިންބާރުގެތެރެއިން ގާނޫނު ހަދާ މަޖިލިހުގެ ބާރު މިއަދު މަޖިލީހުގެ ރައީސްވެސް މެމްބަރުންވެސް އެތިބީ ޕާޓީގެ ސުލޫކީ ކޮމެޓީގެ ބާރުގައި ފިތިފައި ރައީސްގެ އަމުރައް ސުލޫކީ ކޮމެޓީން މައްސަލައެއްބަލައި ޕާޓީން ވަކިކޮށްފިނަމަ އެގެއްލުނީ މެމްނަރުކަން އެތައް ރައްޔިތުންގެ ހައްގު އެހެންވީމާ ރައީސް ހިތްޕުޅާނުވާގޮތަކަށް ދެންގާނޫނު ނުހެދޭނެ އެއީތޯ ރައްޔިތުންގެ ފަޅިޔަކީ
ޝަހާއު
21 November 2024
ރައީސް ޑރ. މުއިއްޒު އަކީ ރައްޔިތުންގެ ވިސްނުމާ އެއްގޮތައް ވެރިކަން ކުރާ ވެރިއެއްގެ ގޮތުގަ މި ފާހަގަ ކުރެވިގެންދަނީ މިވީ މަދު ދުވަސްކޮޅުގަ އެކަނި ބަލާލިޔަސް.
ފާތުމަތު ސޯލްހި
21 November 2024
ރައީސްގެ ނިންމުން ހަމަ ސަތޭކަ. ނުޖެހޭ އަހަރުމެން ހޮވީމަ އެހެން ޕާޓީއަކަށް ދާކަށް. އަހަރުމެންގެ ހައްގެއް އެއީ
އަލިއެގެ ހުސެއިނާ
21 November 2024
ޕާޓީ ބަދަލު ކުރީމަ ގޮޑި ގެއްލުން ރަގަޅު. ޢެކަމަކު މީގަ ޕާޓީގެ ކޮމެޓީ އަކުން މެމްބަރު ޕާޓީ އިން ވަކި ކުރީމަ ގޮނޑި ގެއްލޭތީ ކަންބޮޑުވެގެން މި އުޅެނީ.. އެގޮތަށް ވީމަ މެމްބަރު ހުންނަނީ ޕާޓީ ބޮޑުމީހާގެ ބޮޓަކަށް ވެފަ. ޕާޓީ ބޮޑުމީހާ ހުންނާނީ ގޮނޑި ގެއްލުވާލާނެ ކަމުގެ ބިރު ދައްކަ ދައްކާ..
ޝައުކަތް
21 November 2024
އެމްޑީޕީ އަށް މި ރާއްޖޭގެ ވެރިކަން ލިބިއްޖިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.، މިހާތަނަށް އެމީހުންގެ އަމަލުތައް ހުރީ އެހެން. ރައީސް ތި ތަސްތީގުކުރި ގާނޫންތަކުން އެކަމަށް ވަރަށް ބޮޑަށް ހަނިވެގެން ދިޔައީ
ސުފްޔާން
21 November 2024
ހަގީގަތުގަ މި ރާއްޖޭގަ ހުރި މައްސަލަތަކަށް ފައިޓް މިކުރަނީ ރައީސް މުއިއްޒު. އެކަންކަން އިސްލާހު ކުރަން އެމަނިކުފާނު މިވީ 1 އަހަރު ކުރި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނެވޭ
މުޙުއްމާ
21 November 2024
މުއިއްޒް ތިހިރީ ރައްޔިތހުންގެ ފަޅިއަކުނުން. ރައްޔިތުން ވޯޓްލައިގެން ހޮވާފަހުރިމީހަކު ވަކިކުރެވޭނީ ރައްޔިތހުންނަށް. ހޮވޭފަހުން ޕާރޓީގެ ވިސްނުން ރައްޔިތުންގެ ވިސްނުމާދެކޮޅުވެއްޖެނަމަ ޕާރޓީ ބަދަލުކުރަން މަޖްބޫރުވާނެ. އަވަހަށްތިއިސްލާހު ބަދަލުކުރަން މުޢީޒްއަށް ދަންނަވަން.
އިސްމާއިލް ހަލީމް
21 November 2024
ތާރީހުގައި މިގައުމަށް ލިބުނު އެއްމެ ރަނގަޅު ރައީސް މިއީ. ރައީސް މުއިއްޒްއަކީ ގައުމަށް ތަރައްގީ ގެންނާނެ ރައީސް. ރައްޔިތުން އެދޭހިސާބަށް ގައުމު ގެންގޮސްދޭނެ ރައީސް.
ތިހާޟް އަލީ
21 November 2024
ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން މިސަރުކާރުން ކުރަމުންދަނީ ރައްޔިތުންނަ ފައިދާވާ ކަންކަން. މަށަށް އެއްމެ ފާހަގަވާ ކަން އެއީ.