ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު (ކ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 23:48
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ތެރޭގައި 27 ބިލެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދު އަށް މިއަދު ހަވީރު ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ 27 ބިލްގެ ތެރެއިން ހަ ބިލެއް ހާއްސަ ކުރަނީ ކޮރަޕްޝަންގެ މައްސަލަތަކަށް އެޑްރެސް ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން މިހާރު ވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"މި މަހު އެ ފެށުނު މަޖިލީހުގެ ދައުރަށް ވެސް އަޅުގަނޑުމެން އެބަ ހުށަހަޅަން ޖުމްލަ 27 ބިލެއް. އޭގެ ތެރޭގައި މުޅީން އަލަށް، އާ ގާނޫނުގެ ގޮތުގަ އަންނަ 12 ގާނޫނު ވެސް ހިމެނޭ. އަދި ގާނޫނުއަސާސީ އަށް އަންނަ އިސްލާހަކާ އެކު [ގާނޫނުތަކަށް] އިސްލާހުތައް ވެސް އެބަ އާދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ، ރައީސް ވިދާޅުވި ގޮތުގައި، ކުރިން އިއުލާނު ކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހެވެ.
މި 27 ބިލަކީ، ވަށައިޖެހޭ ތަރައްގީ ގެނައުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިގޮތުން، މަޖިލީހުގެ މި ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި، ތަރައްގީއަށް އެންމެ ބޮޑަށް ހުރަސްއެޅިފައި އޮތް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރަން ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ މައްސަލަ އަށް އެޑްރެސް ކުރަން، މި ހުށަހަޅާ ބިލުތަކުގެ ތެރޭގައި އަޅުގަނޑުމެން އެބަ ހުށަހަޅަން ހަ ބިލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި އިސްލާހުތައް ފަރުމާކޮށްފައިވަނީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ނިޒާމުން ކޮރަޕްޝަން ފުހެލުމަށްޓަކައި ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުﷲ
08 October 2025
ކުރަން އޮތް ކޮމެންޓު ދިގުކަމުން ކޮމެންޓެއް ނުކުރާނަން.
ރާވެރިބެ
08 October 2025
މިއަދުގެ ސަރުކާރު ހިގަނީ ހަމަ އެންމެ ދިމާލަކުން ބޭނުންވާ ގޮތަށް. އެފަރާތުން ބޭނުން ވެއްޖިއްޔާ ސަރުކާރު ތެރޭން ހިގާ ބޮޑެތި ކޮރަޕްޝަންގެ %90 ހުއްޓޭނެ ކަމަށް ލަފާ ކުރެވޭ. ކޮންމެހެން އިތުރު ގާނޫނެއް ބޭނުމެއްނުވޭ. މިސާލަކަށް ސަރުކާރުގެ ހުރިހާ ބޮޑެތި ހަފްލާތަކެއް ތައްޔާރު ކުރަން މަޖިލިސްގެ އެންމެ ބޭފުޅަކަށް ލިބޭ ލިބުން ހަމަ ހުއްޓުވިދާނެ
އަސްލަމް ވަހީދު
08 October 2025
ވަރާބަރު. ވައްކަން ހުއްޓުވަން ޖެހޭ.
އަބުދުލް ޤާދިރު
08 October 2025
އަބަދު ވެސް އޮންނަނީ ހެޑުލައން ހެދުން. ވާކަމެއް ނެތް
ހާސަރު
08 October 2025
ކޮރަޕްޝަނާ ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ނުވެގެން މިއުޅެނީ ބިލް ނެތިގެންތަ!؟ ސަރުކާރުތަކުން މިކަން ތައް ހުއްޓުވުގެ ނިޔަތްނެތީމަ ނުހުއްޓެނީ ފާޅުކަން ބޮޑުކޮށް މިހާރުވެސް އިންތިހާއަށް ކޮރަޕްޝަން ހިގަމުންމުންދަނީ.
ބިލެތް
08 October 2025
މިހާރު ދުފަން ގެންގުޅޭ ބިލެތުގައިވެސް ކޮރަޕްޝަން ރަހަ އަށަގެންފި. ބިލަކުންވިޔަސް ބިލެތަކުންވިޔަސް ދެނެއް މިރާއްޖެއަކުން ތިޔަ ބުނާ އެއްޗެއް ފިލައިގެން ނުދާނެ. ހުޅުމާލޭގެ ކޮންމެ ވެލިފުކެއް ވަކިވަކިން ނަގައިގެން ރަހަ ބެއްޔަސް ލާނީ ކޮރަޕްޝަން ރަހަ. އެ ދަރަޖައިގައި އެރަށް އެއޮތީ.
ކޮސް
08 October 2025
ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކަރަޕުޝަންގެ ވިހަ ފޯރާފައިވާ ބަޔަކަށް ކިހިނެތް ކަރަޕުޝަން ހުއްޓުވާ ބިލުތައް ހުށަހެޅޭނީ. ރައްޔިތުންގެ ސިކުނޑިއަށް ވެރިވާން ސުޓަންޓު ޖައްސާނެކަމެއްނެތް.
ތަރަތަރަ
08 October 2025
ޢިއްޒަތްތެރި ރައީސް: ތިފާސްކުރާ ބިލްތަކުން މިސަރުކާރު ސަލާމަތްކުރެވޭތޯ ބައްލަވާތި. މަންޒަރު ފެންނަނީ އެގޮތަކަށްނޫން. ތިބިލަށް ވޯޓްދޭ މެމްބަރުން ތިބިލުން ކޮންމެވެސް ދުވަހަކުން ހައްޔަރުކުރުން ވަރަށްގާތްކަން ދަންނާތި.
ކޮުރަޕްމސަން
08 October 2025
ކޮރަޕްޝަންގެ މައްސަލަ އަށް އެޑްރެސް ކުރަން، ގާނޫނީގޮތުން އެއްވެސް ހުރަހެއްނެތް! ކޮރަޕްޓްވެރިން އަންނަހާ ހިނދަކު، ކޮރަޕްޝަން ނަތްތައެއްނުލެވޭނެ.