ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބާއްވާ އިންތިހާބު އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކުގަ އެވެ.
ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނިޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
މި ވޯޓު ނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ދުވަހު ބާއްވަން އެ ކޮމިޝަނަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލްގައި ހިމެނޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލެއް ތަސްދީގު ކުރައްވައި، ގެޒެޓު ކުރައްވަން ޖެހެ އެވެ. ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އޭގެ ނަތީޖާއަކީ އެ ބިލެއް އެ ހިސާބުން ބާތިލްވުމެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ވެސް ރައީސްގެ ގަރާރުގައި ވަނީ ހިމަނުއްވައިފަ އެވެ. އެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިގާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.