ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނަގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ދުވަހު އެވެ. އެއީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، އެ އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލާޒިމްކުރާ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލްގައި ހިމެނޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލެއް ތަސްދީގު ކުރައްވައި، ގެޒެޓު ކުރައްވަން ޖެހެ އެވެ. ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އޭގެ ނަތީޖާއަކީ އެ ބިލެއް އެ ހިސާބުން ބާތިލްވުމެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ވެސް ރައީސްގެ ގަރާރުގައި ވަނީ ހިމަނުއްވައިފަ އެވެ. އެ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިގާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް ތަސްދީގު ކުރަން ފެނޭތޯ ބެލުމާ ގުޅޭ ގޮތުން ރައީސް މިއަދު ނެރުއްވި ގަރާރާ އެކު، ގާނޫނުގައިވާ ގޮތުގެ މަތިން ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.
"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" އެ މަނިކުފާނު ކުރިން ވިދާޅުވެފައި ވެ އެވެ.